މިއީ ތޮއްޑޫ ނިޒާމު ބޯޅަ ކުޅުނު ޒަމާން ނަމަ ދަނޑުމަތިން ނިޒާމު ބަދަލުކޮށްލެވުނީސް ކަމުގައި މަޝްހޫރު ކޮމީޑިއަން މުހައްމަދު ޝާޒު (ތަޖޫ) ބުނެފިއެވެ.
ތަޖޫ މިފަދަ ގޮތަކަށް ޓްވީޓެއް ކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރިލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑު ވަޒީރުކަން ބޭނުންފުޅުވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހުން އެދުުންނެވެ. ރައީސް ނަޝީދު ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް މަސައްކަތް ކުރައްވާއިރު އެމަނިކުފާނަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެ ގިނަ ބައެއްގެ މަލާމާތް ވަނީ ރައްދު ވެފައެވެ.
މިކަމާއިގުޅިގެން ތަޖޫ ކުރި ޓްވީޓުގައި ބުނެފައިވަނީ މިހާރު ދިވެހި ރައްޔިތުން ނިކުމެ ބަދަލު ކުރާނެ ނިޒާމެއް ރާއްޖޭގައި ނެތްކަމަށެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ތިއްޑޫ ނިޒާމު ބޯޅަ ކުޅުނު ޒަމާންނަމަ މިހާރުވެސް ދަނޑުމަތިން ނިޒާމު ބަދަލު ކުރުމަކީ އުދަގޫ ކަމަކަށް ނުވާނެކަމަށް ތަޖޫ ބުނެފައިވެއެވެ.
ތޮއްޑޫ ނިޒާމު ބޯޅަ ކުޅުނު ޒަމާން ނަމަ ދަނޑުމަތިން ނިޒާމު ބަދަލުކޮށްލެވުނީސް. އެކަމަކު މިހާރު މި ޤައުމަކު ރައްޔިތުން ނިކުމެ ބަދަލު ކުރާނެ ނިޒާމެއް ނެތް.
– ތަޖޫ ބުނެފައިވެއެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް ޞާލިޙަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށެވެ.
2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯތުލުމަށް ރަޖިސްތްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.
ކޮމެންޓު ފޮނުވާ