މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލްގައި ވިހެއި ސަލްމާ ނަސީރު މަރުވުމުގައި، އެ ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ބުނެ، ދައުވާ ކުރުމަށް އޭނާގެ ފިރިމީހާ ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފިއެވެ.
ފުރަތަމަ ދަރިފުޅު ވިހެއުމުގެ ތެރޭގައި ސަލްމާ މަރުވީ، ހަށިގަނޑުން ވަރަށް ގިނަ އަދަދަކަށް ލޭ ބޭރުވެގެންނެވެ. އެ މައްސަލަ ހެލްތު މިނިސްޓްރީން ތަހުގީގުކޮށް ބުނެފައިވަނީ، އެ ޒުވާނާގެ ގަޔަށް ލޭ އެޅުން ލަސްވިކަން ހާމަވާ ކަމަށާއި ހޮސްޕިޓަލުގައި ލޭ ހުރެ ވެސް ވިހޭތާ އެއް ގަޑިއިރު ވީ އިރު ވެސް ލޭ އަޅާފައި ނުވާ ކަމަށެވެ.
ސަލްމާގެ ފިރިމީހާ އިބްރާހިމް އަދުހަމްގެ ގާނޫނީ ވަކީލް އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވީ ސަލްމާ މަރުވީ އޭޑީކޭގެ އިހުމާލުން ކަމަށް ބެލެވޭތީ ޖިނާއީ އަދި މަދަނީ ނިޒާމުގެ ތެރެއިން ހައްލު ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށާއި މޯލްޑިވްސް މެޑިކަލް ކައުންސިލަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަލްމާގެ މަރުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް މިހަފްތާގެ ތެރޭގައި ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ކުރިއަށް ގެންދަނީ އެޑްވޮކަސީ ޗެމްބާސް ލޯފާމުންނެވެ. އެތަނުން ބުނިގޮތުގައި، މި ފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅުމަކީ، ސިއްހީ ފަރުވާ ދޭ ހިދުމަތްތެރިންނާއި ފަރުވާ ދޭ ތަންތަނުގެ އިހުމާލުން ބަލި މީހުންނަށް ލިބޭ ގެއްލުންތައް މަދުކޮށް، އެތަންތަން ޒިންމާ ކުރުމުގެ ގޮތުން ކުރަން ޖެހޭނެ ކަމެކެވެ.
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް ވިދާޅުވެފައިވަނީ ސަލްމާގެ މަރުގެ ބަދަލުގައި އާއިލާއިން ފައިސާ ބޭނުމެއް ނޫން ކަމަށެވެ. އެކަމަކު، ފައިސާ ނަގަން ޖެހިއްޖެ ހާލަތެއްގައި، އެކަމުގެ އަގު ކަނޑައަޅައި އަދި އެ ފައިސާ، ބޭނުން ޖެހިފައިވާ ބަޔަކަށް ހަދިޔާ ކުރާނެ ކަމަށް ވިދާޅުވިއެވެ. މިއީ ސިއްހީ އިހުމާލުގެ މައްސަލައެއް ކަމުން، އެ މައްސަލަ ފުލުހުންނާއި މެޑިކަލް ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވަނީ ސަލްމާ ގަޔަށް އަޅަންޖެހޭ ލޭ ގެންނަން ބުނީ ވެސް އޭނާ ވިހެއިތާ އެއް ގަޑިއިރު ފަހުން ކަމަށާއި ލޭ ގެނައުމަށްފަހު ވެސް ވިހާ ކޮޓަރީގައި އޮތް ސަލްމާ ގަޔަށް ޑޮކްޓަރުން ލޭ އަޅާފައިނުވާ ކަމަށެވެ. ލޭ ގެނައީ ވެސް ސަލްމާގެ މޫނު މައްޗަށް އަނިދިރިވާން ފެށުމުންނެވެ. ވިހެއުމަށްފަހު ލޭ ފައިބާތީ އޭގެ ސަބަބު ދަނެގަތުމަށް މަސައްކަތްކޮށް ލޭ މަނާ ކުރުމަށް ޑޮކްޓަރުން ބޭސް ދީފައިވެ އެވެ. އަދި ސަލްމާގެ ފުރާނަ ސަލާމަތް ކުރަން ރަހިމު ނަގަންޖެހިދާނެކަން އާއިލާއަށް ވެސް ޑޮކްޓަރުން އެންގި އެވެ. ސަލްމާ ގަޔަށް ލޭ އަޅާފައި ވަނީ އޭގެ ވެސް އެއް ގަޑިއިރު ފަހުންނެވެ.
ސަލްމާ ގަޔަށް އެންމެ ފަހުން ލޭ އަޅާފައި ވަނީ އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމަށްފަހު އެވެ. އެއިރު ސަލްމާ ބުނަމުންދިޔައީ އޭނާއަށް ނޭވާލާން އުނދަގޫވަމުންދާ ކަމަށެވެ. އެއިރު ސަލްމާގެ ލޭގެ ޕްރެޝަރެއް ނެތެވެ. އަދި ވިންދު ހުރީ ވަރަށް މަތިކޮށް މިނެޓަކު 190 ގައެވެ.
ކޮމެންޓު ފޮނުވާ