ނިޒާމީ ވޯޓެއް ނަގަން ކުރައްވާ މަސައްކަތުގެ ކުރިން މިހާރު އޮތް ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު އޮތްތޯ ބަލަން ވޯޓެއްނަގަން ޖެހޭ ކަމުގައި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤް މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.
ޝިފާޤު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ބަރުލަމާނި ނިޒާމަކަށް ބަދަލު ކުރުމަށް އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ފަށާއިފައިވާ މަސައްކަތަށް އިޝާރާތް ކުރައްވައެވެ. އޭނާ ވިދާޅުވީ ސަރުކާރުން ހިންގަމުންދާ ގޭއްގާނީ އަމަލުތަކާއި، ކޮރަޕްޝާންގެ އަމަލުތަކާއި، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫއަރާފަދަ އެތައް ކަމެއް ހިންގަމުންދާއިރު މިކަންކަމާއިމެދު ރައްޔިތުން ދެކޭ ގޮތުން ފުރަތަމަ ބެލުމަކީ މާ ރަނގަޅު ކަމެއްކަމަށެވެ.
ނިޒާމީ ވޯޓަކަށް ދިއުމުގެ ކުރިން، ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކޮށް ޤައުމުގެ ސިޔާދަތު ވިއްކާލި ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު އޮތްތޯބެލުމުގެ ވޯޓެއް ނަގާށެވެ.
– ޝިފާޤު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑު ވަޒީރުކަން ބޭނުންވާކަަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ޞާލިހު އަރިހުގައި ދަންނަވާފައެވެ. ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް ޞާލިޙަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށެވެ.
2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯތުލުމަށް ރަޖިސްތްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.
ކޮމެންޓު ފޮނުވާ