ރާއްޖޭގައި ވެރިކަން ކުރުމެއްނޯން ކަމަށާއި، އޮންނަނީ ވެރިކަން ހޯދުމާއި، ދެމެހެއްޓުމާއި ވައްޓާލުން ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) އެދިވަޑައިގެންފިއެވެ.
އިބްރާ ވިދާޅުވީ މަލްޓިޕާޓީ ނިޒާމުގެ ތެރެއިން ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރުން އެއީ އޮންނަ ކަމެއް ނޫންކަމަށެވެ. ކޮންމެ ވެރިއަކު ވެރިކަމާއި ހަވާލުވެ މަދު ދުވަސްތެރޭގައި ކައިރީގައި އުޅޭ މީހުންނާއި، ވާދަވެރިންގެ ކިބައިން ފެންނަނީ ވެރިކަން ހޯދުމަށް ބަޣާވާތް ކުރައްވަން އުޅޭތަން ކަމަށެވެ. އަދި އަބަދުވެސް ފެނިގެން ދަނީ ވެރިކަން ހޯދައި ވެރިކަން ވައްޓާލައި ނޫނީ ވެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތް އެކަނިކަމަށެވެ. އެއްވެސް ބަޔަކު މިހާތަނަށް ވެރިކަން ކުރަން އުޅޭތަނެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މިރާއްޖޭގައި އަބަދުވެސް އޮންނަނީ ވެރިކަން ހޯދުމާއި، ވެރިކަން ވައްޓާލުމާއި، ވެރިކަން ދެމެހެއްޓުމެވެ. ވެރިކަން ކުރުން މީ އޮންނަ ކަމެއް ނޫނެވެ.
– އިބްރާ ވިދާޅުވިއެވެ.
ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންވާކަމަށް ރައީސް ނަޝީދު ވިދާޅުވެ އާދީއްތަ ދުވަހުގެރޭ ދަންވަރު ރައީސް ޞާލިހަށް ކުރެއްވި މެސެޖާއި ގުޅިގެން އިބްރާ ވިދާޅުވީ މިހާރު ދެން ރައީސް ނަޝީދުގެ އަތްޕުޅުން ފޯނު އަތުލާ ހިސާބަށް ކަންކަން ގޮސްފައިވާކަމަށެވެ. ވަކި ގަޑިއެއް ގަނޑިއެއް ނުބަލައި ވެރިންނަށް މެސެޖްކޮށް ޓްވީޓްކޮށް ހައްދަވަމުންދާއިރު އެކަން ހުއްޓުވަން ވެއްޖެކަމަށް އޭނާ ވިދާޅުވިއެވެ.
މާތް ކަލާއްކޯ، އީވާ ކޮންމެވެސް ގޮތެއް ހަދައިގެން އަންނިބެ އަތުން ފޯނު އަތުލަބަލަ. މިހާރުދެން އޮބި އޮންނަ ވަރެއް ނޫނެއްނު.
– އިބްރާ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ މި މެސެޖާއި ގުޅިގެން ސިޔާސީ ފަރާތްތަކުންވެސް އެފަރާތްތަކުން ގަބޫލުކުރާގޮތްދަނީ ހާމަކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުނެގިއިރު ރައީސްކަމުގައި ހުނަނަވައި އޭރުވެސް ރިޔާސީ ނިޒާމަށް ތާއީދުކުރެއްވެވި ކުރިގެ ރައީސް އަލްއުސްތާޛް މަޢުމޫން އަބްދުލް ޤައްޔޫމްވަނީ މިހާރުއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންފުޅުނުވާކަން ހާމަކުރައްވާފައެވެ. އަދި ކުރީގެ ރައީސް ޑރ. ވަހީދުވެސް ވަނީ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވަން ތާއީދުނުކުރައްވާކަމަށް ވިދާޅުވެފައެވެ.
2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.
ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯތުލުމަށް ރަޖިސްތްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.
ކޮމެންޓު ފޮނުވާ