ރައްޔިތުންނަށް އެންމެ ރަގަޅު ނިޒާމަކީ، ރިޔާސީ ނިޒާމު ކަމަށާއި، ބަރުލަމާނީ ނިޒާމަކީ ބާރުތައް މަސްހުނިވެފައި އޮންނަ، ހުރިހާ ބާރެއް މަޖިލިހުގެ ތެރެއަށް ޖަމާވެފައި އޮންނަ، އަދި އެނިޒާމުގެ ތެރޭގައި، ބޭނުންވަރަކަށް، ބާރު ލިބިފައި އޮންނަ މީހާއަށް ރިޝްވަތާއި ކޮރަޕްޝަންގެ މަގުން ދައުލަތުގެ މުދަލަަށް ޚިޔާނާތްތެރި ވުމުގެ ފުރުސަތުވެސް އިންތިހާއަށް އޮންނަ ވެރިކަމުގެ ނިޒާމެއް ކަމުގައި، މާމިގިލީގެ ދާއިރާގެ މެމްބަރު، އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކްފާނު މިހެން ވިދާޅުވީ، ސަރުކާރުގެ ގިނަ އިސްބޭފުޅުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ދާދި ދެންމެއަކު ފޮނުއްވި މެސެޖެއްގައެވެ.
ބޮޑުވަޒީރަކަށް ވެވަޑައި ގަންނަވަން ބޭނުންފުޅުވާތީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށް ބޭނުންފުޅުވެެގެން، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް، އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލހުގެ އަރިހުން އެދިވަޑައިގަތުމާއި ގުޅިގެން، ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ހޫނު ބަހުސްތަކެއް އުފެދިގެ ގޮސްފައި ވަނިކޮށް، ގާސިމް އިބުރާހިމް ވިދާޅުވެފައިވަނީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން ބެނުންވެގެން އުޅެނީ، ވެރިކަމުގެ ހުރިހާ ބާރުތަކެއް މަޖިލިހުގެ ތެރެއަށް ޖަމާކޮށް، ޕްރައިމް މިނިސްޓަރުގެ ނަމުގެ ހުރިހާ ބާރެއް އަތައް މަހާލަން ބޭނުން ވެގެން ކަމުގައެވެ.
އަދި، ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުންވެގެން އުޅޭ ހަގީގީ ސަބަބަކީ، މުޅި ރައްޔިތުންގެ ވޯޓުން %50 އާއި 1 ވޯޓު ނުލިބޭނެކަން ޔަގީން ވާތީ ކަމުގައިވެސް ގާސިލް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި، ބަރުލަމާނީ ނިޒާމެއްގައި ވެރިކަމަށް އަންނަ މީހަކު، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބަލާކަށް ނުޖެހޭނެ ކަމަށާއި، އެމީހަކު ބަލަން ބޭނުންވާނީ، އެމީހަކު އަލުން އިންތިޚާބު ވުމަށް ބޭނުންވާ ވޯޓުކޮޅު ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ ހާލު އެކަނި ކަމަށާއި، އެއާއި ޚިލާފަށް ރިޔާސީ ނިޒާމެއްގައި، ރައީސަކަށް އަންނަ މީހަކަށް، މުޅި ރާއްޖެގެ ހުރިހާ ރައްޔިތުންގެ ހާލު ބަލަން މަޖުބޫރުވާނެ ކަމަށެވެ. އަދި ރިޔާސީ ނިޒާމެއްގައި، މަޖިލީހަށް އިންތިޚާބުވާ މެމްބަރުންނަކީވެސް، އަދި ރައީސުލް ޖުމްހޫރިއްޔާއަކީވެސް، ދެވަނަ ވަޒީފާއެއް އަދާ ނުކުރެވޭނެ ބައެއްކަންވެސް ގާސިމް ފާހަގަ ކުރައްވާފައި ވެއެވެ.
ބަރުލަމާނީ ނިޒާމެއްގައި، ހުރިހާ ވަޒީރުންނަކީވެސް މަޖިލިސް މެމްބަރުން ކަމަށާއި، އަދި މިނޫން މަގާމްތައްވެސް އެ ނިޒާމުގައި މެމްބަރުންނަށް ދެވޭ ކަމަށާއި، ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރުކަމާއި، މިނިސްޓަރު ކަމާއި، ހުރިހާ މުހިންމު މަގާމްތަކެއްވެސް ފުރަން ތިބޭނީ މަޖިލިސް މެމްބަރުން ކަމުގައި ފާހަގަ ކުރައްވަމުން، އެ ނިޒާމުގައި އެހެން ރައްޔިތުންނަށް ހުރި މަގާމްތަކަކީ ކޮބައިތޯވެސް ގާސިމް ވަނީ ސުވާލު ކުރައްވާފައެވެ.
އަދި ބަރުލަމާނީ ނިޒާމަކީ އެހާ ޚަރަދު ބޮޑު ނިޒާމެއް ކަން ފާހަގަ ކުރައްވަމުން، އެއީ، ރައީސާއި ބޮޑުވަޒީރަށްވެސް ޚަރަދު ކުރަން ޖެހޭ ނިޒާމެއްކަމުގައި ފާހަހަގަ ކުރައްވާ ގާސިމް ވިދާޅުވެފައިވަނީ، ބަރުލަމާނީ ރާއްޖެއަށް ގެނެވިއްޖެ ނަމަ، ދެން އޮންނާނީ، ރައީސާއި ބޮޑުވަޒީރުގެ ކޯޅުން ކަމުގައެވެ.
ކޮމެންޓު ފޮނުވާ