ނަޝީދު؛ ރައީސް އަށް: ނިޒާމު ބަދަލުކުރުމުގެ މަޝްވަރާއަކީވެސް ފެންނަ ނުފެންނަ ވޯޓާއި ގުޅޭކަންކަން

ނަޝީދު؛ ރައީސް އަށް: ނިޒާމު ބަދަލުކުރުމުގެ މަޝްވަރާއަކީވެސް ފެންނަ ނުފެންނަ ވޯޓާއި ގުޅޭކަންކަން

Author
މުޙައްމަދު ޝަޒައިމް
19 އޭޕްރިލް 2021 05:48
0

ނިޒާމު ބަދަލު ކުރުމުގެ ކޮންމެ މަޝްވަރާއަކީ އަދި ކޮންމެ މަސައްކަތަކީ ފެންނަ ނުފެންނަ ވޯޓާއި ގުޅޭކަންކަން ކަމުގައި ވިދާޅުވެ ރައީސް ނަޝީދު، ރައީސް ޞާލިހުއަށް ޖަވާބު ދެއްވައިފިއެވެ.

ރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދާ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންނަވަން ބޭނުންފުޅުވާތީ އެކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭނުންފުޅުވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރައީސް ޞާލިޙަށް މެސެޖަށް ރައީސް ޞާލިހު ވަނީ މިއަދު ޖަވާބު ދެއްވާފައެވެ. ރައީސް ޞާލިހު ވިދާޅުވީ ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުންކަމަށެވެ.

ރައީސްގެ ވާހަކަތަކާއި ގުޅިގެން ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ކަނޑައަޅާނީ ރައްޔިތުން ކަމާއިމެދު ޝައްކު ނުކުރައްވާކަމަށެވެ. އަދި ހަމައެހެންމެ އެމަޝްވަރާ ކުރެވޭ ކޮންމެ ވަގުތަކީ ރައްޔިތުންގެ ފެންނަން ނުފެންނަ ގޮތް ސާފުވާނެ ކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމީ ޝައްކެތްވެސް ނެތްކަމެއް. ނިޒާމު ބަދަލު ކުރުމުގެ ކޮންމެ މަޝްވަރާއަކީ އަދި ކޮންމެ މަސައްކަތަކީ ފެންނަ ނުފެންނަ ވޯޓާއި ގުޅޭކަންކަން.

– ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ޢަމަލުކުރުމަށް ނިންމާފައިވާ ނިޒާމެއްކަމުގައިވާތީ މި ނިޒާމަށް ބަދަލެއް ގެނެވޭނީވެސް ޢާންމު ރައްޔިތުންގެ ވޯޓަކުންކަމަށް ރައީސުލްޖުހޫރިއްޔާ ދެކެވަޑައިގަންނަވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަމުގެ މަޤާމަށް ވަޑައިގަންވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ ބައެއް މަޖިލިސް މެންބަރުންނަށާއި ރައީސް ޞާލިޙަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައިވަނީ 2024 ގައި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި، 2023ގެ ރިޔާސީ އިންތިހާބު ނުބާއްވައި ރައީސަކު ކަނޑައަޅާނީ މިހާރު އޮތް މަޖިލީހުން ކަމަށް ކަނޑައަޅަން ބޭނުންފުޅުވާކަމަށެވެ.

ރައީސް ނަޝީދުގެ މި މެސެޖާއި ގުޅިގެން ސިޔާސީ ފަރާތްތަކުންވެސް އެފަރާތްތަކުން ގަބޫލުކުރާގޮތްދަނީ ހާމަކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުނެގިއިރު ރައީސްކަމުގައި ހުނަނަވައި އޭރުވެސް ރިޔާސީ ނިޒާމަށް ތާއީދުކުރެއްވެވި ކުރިގެ ރައީސް އަލްއުސްތާޛް މަޢުމޫން އަބްދުލް ޤައްޔޫމްވަނީ މިހާރުއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ބޭނުންފުޅުނުވާކަން ހާމަކުރައްވާފައެވެ. އަދި ކުރީގެ ރައީސް ޑރ. ވަހީދުވެސް ވަނީ ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރައްވަން ތާއީދުނުކުރައްވާކަމަށް ވިދާޅުވެފައެވެ.

2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.

ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯތުލުމަށް ރަޖިސްތްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.