މިވަގުތު ދައުލަތަށް އޮތް އެންމެ ބޮޑު ހުރަހަކީ މިސަރުކާރު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ ދައުލަތުގެ ޚަރަދު ފޫބެއްދުމަށް ޚަރަދަށް ޒިންމާވުމުގެ ޤާނޫނު އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އެދި މިއަދު ފޮނުވާފައިވާ ސިޓީއާއި ގުޅިގެންނެވެ. ސައީދު ވަނީ މިއަދު މަޖިލީހުގައިވެސް މިކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާފައެވެ. ދައުލަތަށް 4.4 ބިލިޔަން ރުފިޔާ ދިނުމުންވެސް ޚަރަދުކުރި ގޮތެއް ރައްޔިތުންނަށް ވީއެއްވެސް މަންފައެއް ނެތްކަމަށް ސައީދު ވިދާޅުވިއެވެ. މިކަމުން އެގިގެން ދަނީ މިސަރުކާރުގައި ވެރިކަން ކުރެވޭނެ އަދި ދައުލަރުގެ މާލިއްޔާ ބަލެހެއްޓޭވަރުގެ އެއްވެސް ޤާބިލު ކަމެއް ނެތުންކަމަށް ސައީދު ވިދާޅުވިއެވެ.
މިވަގުތު ދައުލަތަށް އޮތް އެންމެ ބޮޑު ހުރަހަކީ މިސަރުކާރު. މާލީ ކަންކަމުގައި އަމަލު ކުރަނީ އެއްވެސް ޒިންމާއެއް ނެތި. އެގިގެން މިދަނީ، މި ވެރިކަމުގައި ރާއްޖެ ހޭދަކުރާ ކޮންމެ ދުވަހަކީ ފަހަތަށް އަޅާ ފިޔަވަޅެއްކަން! މި އަށްވުރެއް ބޮޑަށް ސާފުވާނެބާ؟
– ސައީދު ވިދާޅުވިއެވެ.
ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނުގެ ބައެއް މާއްދާ އުނިކޮށް އިތުރު އެއް އަހަރުގެ މުއްދަތަށް އިތުރުކޮށްދެއްވުމަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ ރައްޔިތުންގެ މަޖިލީހުން ދީފައިވާ އިސްތިސްނާއަށް 1 އަހަރުވާން ކައިރިވެފައިވާއިރު، މި އިޤްތިސާދީ ފުން ވަޅުގަނޑުން އެއްކޮށް އަރައިގަނެވިފައި ނުވާކަމަށެވެ. އަދި ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވެފައިވާ އިޤްތިސާދީ ތަދުމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށާއި، މިގޮތުން 2020 ވަނަ އަހަރުގެ 4 ކުއާޓަރުގައި ވެސް ރާއްޖޭގެ އިޤްތިސާދީ ކުރިއެރުން ވަނީ އޭގެ ކުރީ އަހަރުގެ އެ ކުއާޓަރުތަކާ އަޅާބަލާއިރު ދަށްވެފައިކަމަށެވެ.
ފިނޭންސް މިނިސްޓަރގެ ސިޓީގައި ވަނީ ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު މިހާތަނަށްވެސް އުވާލައިފައި ނުވާތީ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 36 ވަނަ މާއްދާގެ ދަށުން ލިބިދޭ އިސްތިސްނާ ހާލަތުން އަދި އަރައިގަނެވިފައިނުވާކަމަށެވެ. މިގޮތުން ޕެންޑެމިކް ޙާލަތުގައި ދެމިއޮތުމުގެ ސަބަބުން އެ މާއްދާގައި ބަޔާންކުރާ ޤުދުރަތީ ކާރިސާ އެއް އޮތްކަމަށެވެ. އަދި ވޭތުވެދިޔަ 4 ކުއާޓަރުގައި ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވެފައިވުމާއި އަންއެމްޕްލޯއިމަންޓް ރޭޓް މަތީގައި ހުރުމާއި ބޭރު ފައިސާގެ އާމްދަނީ ދަށްވެފައިވުމާއެކު ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއަށް ލޮޅުން އައިސްފައިވުމާއެކު، އެ އިޤްތިސާދީ ބޮޑު ހީނަރުކަމެއް ދިމާވެފައިވާކަމަށެވެ.
އެހެންކަމުން މިސަބަބުތަކަށްޓަކައި މި ދަނޑިވަޅުގައި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބައެއް ފިސްކަލް ހަމަތަކަށް އަމަލުކުރުމަކީ ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތު ތަންދޭ ކަމެއް ނޫންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ހަމަތަކަށް ރުޖޫޢަވާން މަސައްކަތްކޮށްފިނަމަ، ރާއްޖޭގެ އިޤްތިސާދަށް ދައުލަތް މެދުވެރިކޮށް ދެމުން އަންނަ ސަޕޯޓާއި، ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށާއި ދައުލަތް ހިންގުމަށް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާނެކަށެވެ.
ކޮމެންޓު ފޮނުވާ