މިވަގުތަކީ ރައީސް ޔާމީން މިނިވަން ކުރެއްވުމަށްފަހު އަވަސް އިންތިޚާބަކަށް ދަންވީ ވަގުތު ކަމުގައި ކުރީގެ ނާއިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް، ބޮޑުވަޒީރުކަން ބޭނުންވަކަމަ ރައީސް ނަޝީދުގެ ޓެކްސްޓް މެސެޖަކުން ރައީސް ޞާލިހަށް ދެންނެވި ދެންނުވާއި ގުޅިގެން ފާޑު ވިދާޅުވެ ޑރ.ޖަމީލް ވިދާޅުވީ ރައީސް ނަޝީދު މުޅި ނިޒާމު ގަނޑުބަޑު ކުރައްވާއިރު ރައީސް ޞާލިހު ހުންނެވި ކަމެއްވެސް ނޭގޭކަމަށެވެ. ރައްޔިތުންނާއި ގުޅުންއޮތް މިފަދަ މުހިންމު މައްސަލައެއްގައި ރައީސް ޞާލިހު ހަނނު ހުންނެވުމަކީ ހިންގެވޭ ބަޣާވާތެއްކަމަށް ޖަމީލް ވިދާޅުވިއެވެ.
މުޅި ނިޒާމް ގަޑުބަޑު ކުރަން ރައީސް ނަޝީދު އަރުވާ ޖަހާފައިވާއިރު ރައީސް ޞާލިހު ކޮބައިތޯ؟ ހަނުހުރުމުން ބަލަންވީ ޤާނޫނު އަސާސީއާއި ޚިލާފަށް ހިންގާ ބަޣާވަތުގެ އަޑީގައި މަނިކުފާނު ހުންނެވި ކަމަށްތޯ؟ މިއީ ރައީސް ޔާމީން މިނިވަންކޮށް އަވަސް އިންތިޚާބަކަށް ދާންވީ ވަގުތު. ރައްޔިތުން ނިކުމެ ޤއ ދިފާޢު ކުރާނެ. ޝައްކު ނުކުރައްވާ!
– ޖަމީލް ވިދާޅުވިއެވެ.
ފާއިތުވެދިޔަ މާޒީން އެމްޑީޕީއަށް ރައްޔިތުން ދެފަހަރެއްގެ މަތީން ވެރިކަން ދިނުމުންވެސް އެމްޑީޕީ ފެއިލްވެފައިވަކަމަށް ޖަމީލް ވިދާޅުވިއެވެ. އަދި މިކަމުން ދޭހަވެގެންދަނީ ރައީސް ޔާމީނަށް ވާދަކުރެވޭ އިންތިޚާބެއް ވީހާވެސް އަވަހަށް ބޭއްވުންކަމަށް ޖަމީލް ވިދާޅުވިއެވެ.
ވަކި މީހަކު ބޮޑުވަޒީރުކަން/ރަސްކަންކުރަން ޖާގައެއް ނެތް. ރައްޔިތުން ނިންމި ނިޒާމްގައި ވެރިކަންކުރަން ލިބުނު 2 ފުރުޞަތުގައި އެމްޑީޕީ ފެއިލް. ރައީސް އިސްތިއުފާދީ/އަޒުލްކޮށް، ރައީސް ޔާމީން ބައިވެރިވާ އިންތިޚާބެއް ބާއްވަންވެއްޖެކަން ސަރުކާރާއި ރައީސް ނަޝީދުގެ ޢަމަލުން ކަށަވަރުވެއްޖެ.
– ޖަމީލް ވިދާޅުވިއެވެ.
ރައީސް ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވެވި މެސެޖުގައި ވަނީ، އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އަދި ރައީސްއާއި އެކަމުގައި މަޝްވަރާކުރައްވަން ބޭނުންފުޅުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދު ވަނީ މި މެސެޖު ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށްވެސް ފޮނުއްވާފައެވެ.
ރައީސް ނަޝިދު، ރައީސް ޞާލިޙާށް ފޮނުއްވެވި މެސެޖުގައި ވަނީ 2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކޮށް އަލުން ސަރުކާރެއް އެކުލަވާލުމަށް ބޭނުންފުޅުވާކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ނުބޭއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ޖެހިގެން އަންނަ 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާއިރު، ޤާނޫނުގައި ވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙްއަށް ފޮނުއްވެވި މެސެޖުގައި އެދިވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ