ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ ވަރިކަމުގެ ހަވާސާގައި ހުންނަން ޖެހުމުން ކަމުގައި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބަރުލަމާނީ ނިޒާމުގެ ތެރެއިން ބޮޑު ވަޒީރަކަށް އަންނަން ބޭނުންވާކަމަށް ރައީސް ނަޝީދު ވަނީ މެސެޖަކުން ރައީސް ޞާލިހުގެ ކިބައިން އެދިފައެވެ. ނަމަވެސް މިހާތަނަށް ރައީސް ޞާލިހު އެމެސެޖަށް ޖަވާބު ދެއްވާފައި ނުވެއެވެ. ރައީސް ވަހީދު ވިދާޅުވީ ވަކި މީހަކު ވެރިކަމުގެ ހަވަސާގައި ހުންނަން ޖެހުމަކީ ނިޒާމު ބަދަލު ކުރަންޖެހޭ ކަމެއް ނޫންކަމަށެވެ. ނިޒާމު ބަދަލު ކުރެވޭނީ އެގޮތް ރައްޔިތުން ބޭނުން ވެގެން ރައްޔިތުން އެކަން ވަކި ގޮތަކަށް ނިންމުމުން ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަނީ ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަން ޖެހޭތީ އެއްނޫން. އެ ބަދަލަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނުނީމަ.
– ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ޑރ.ވަހީދަކީ ރިޔާސީ ނިޒާމުގެ ތެރެއިން ރާއްޖޭގައި މަލްޓިޕާޓީ އިންތިޚާބެއްގެ ފުރަނަމަ ނާއިބް ރައީސެވެ. އަދި އޭރުގެ ރައީސަކީ މުހައްމަދު ނަޝީދެވެ. ނަޝީދު އަމިއްލަފުޅަށް ވެރިކަމުން އިސްތިއުފާ ދެއްވުމުން އޭރު ވެރިކަމައި ހަވާލުވެ ވަޑައިގެންނެވީ ރައީސް ވަހީދެވެ.
ރައީސް ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވެވި މެސެޖުގައި ވަނީ، އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އަދި ރައީސްއާއި އެކަމުގައި މަޝްވަރާކުރައްވަން ބޭނުންފުޅުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދު ވަނީ މި މެސެޖު ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށްވެސް ފޮނުއްވާފައެވެ.
ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. މީގެ ކުރިން ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮވެއްޖެ ނަމަ، މެޖޯރިޓީ ޕާޓީގެ ލީޑަރަކަށް އެމަނިކުފާނު ހުންނެވި ނަމަ ބޮޑުވަޒީރަކަށް ވާނީ އެމަނިކުފާނުކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ބޭނުންފުޅު ވާކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެން އެތައްބަޔަކު ދަނީ ނަޝީދުގެ މި ޚިލާފުފުޅަ ދެކޮޅަށް ޝުއޫރު ފާޅުކުރައްވަމުންނެވެ.
ކޮމެންޓު ފޮނުވާ