އަމީން، ނަޝީދަށް: މިއީ ރަސްކަމުން ޖުމްހޫރިއްޔަތަށް ބަދަލުވި ދުވަސްވަރެއް ނޫން

އަމީން، ނަޝީދަށް: މިއީ ރަސްކަމުން ޖުމްހޫރިއްޔަތަށް ބަދަލުވި ދުވަސްވަރެއް ނޫން

Author
މުޙައްމަދު ޝަޒައިމް
19 އޭޕްރިލް 2021 09:45
0

މިއީ ރަސްކަމުން ޖުމްހޫރިއްޔަތަށް ބަދަލުވި ދުވަސްވަރެއް ނޫންކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސް އަމީން އިބްރާހިމް ހޫނު ރައްދެއް ރައީސް ނަޝީދަށް ދެއްވައިފިއެވެ.

މިހާރު އޮތް ނިޒާމު ބަދަލުކޮށް ބަރުލަމާނީ ނިޒާމަކަށް ދިއުމަށް ރައީސް ނަޝީދު ބޭނުންފުޅުވެ ބޮޑުވަޒީރެއްގެ ޝައުގުވެރިކަން ފާޅުކޮށް ރައީސް ޞާލިހަށް ފޮނުވި މެސެޖާއި ގުޅިގެން އަމީން އިބްރާހިމް ވިދާޅުވީ މިއީ ރާއްޖޭގައި ކުރީގައި އޮތް ރަސްކަމުގެ ނިޒާމުން ޖުމްހޫރިައްޔަތަށް ބަދަލުކުރި ދުވަސް ވަރެއް ނޫންކަމަށެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ކޮން ގޮތަކަށްކަން ސާފުކޮށް ބަޔާން ކޮށްފައިވާއިރު އެއުސޫލުން ބޭރުން އެކަން ނުކުރެވޭނެކަމަށް އަމީން ވިދާޅުވިއެވެ.

މިކަމުން ސާފުވެގެންދަނީ ވަކި މީހެއްގެ އަމިއްލަ މަސްލަހަތު އޮތް މިންވަރު ކަމަށާއި ޤައުމާއިމެދު އެއްވެސް ޝައުގުވެރިކަމެއް ނެތް މިންވަރުކަމަށެވެ. ޒާތީ އެދުންތަކާއި ތިމާގެ ތައައްސުބުގެ މަތިވެރިކަމަށްޓަކައި އަމިއްލަ އެދުން ހާސިލްކުރުން ނޫންކަމެއް ރައީސް ނަޝީދުގެ ކިބައިގައި ނެތްކަމަށް އަމީން ވިދާޅުވިއެވެ.

ގައުމީ މަޞްލަޙަތު ދޫކޮށް ވަކި މީހެއްގެ ޝާނާއި ޝައުކަތަށްޓަކައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމަކީ އެބައެއްގެ ހިތުގައި ގައުމާ މެދު އެއްވެސް ފަރުވާލެއް ނެތްކަމާއި ޒާތީ އެދުމުގައި ހައްދު ފަހަނަޅާފައިވާ މިންވަރު ހާމަވާކަމެއް. މީ ރަސްކަމުން ޖުމްހޫރިއްޔަތަށް ބަދަލުވި ދުވަސްވަރެއް ނޫން.

– އަމީން ވިދާޅުވިއެވެ.

ރައީސް ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފޮނުއްވެވި މެސެޖުގައި ވަނީ، އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެފައެވެ. އަދި ރައީސްއާއި އެކަމުގައި މަޝްވަރާކުރައްވަން ބޭނުންފުޅުވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދު ވަނީ މި މެސެޖު ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށްވެސް ފޮނުއްވާފައެވެ.

ރައީސް ނަޝީދު، ރައީސް ޞާލިޙާށް ފޮނުއްވެވި މެސެޖުގައި ވަނީ 2023 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކޮށް އަލުން ސަރުކާރެއް އެކުލަވާލުމަށް ބޭނުންފުޅުވާކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ނުބޭއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި ޖެހިގެން އަންނަ 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާއިރު، ޤާނޫނުގައި ވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްވެސް ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙްއަށް ފޮނުއްވެވި މެސެޖުގައި އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ މި މެސެޖާއި ގުޅޭގޮތުން ސަރުކާރުން އަދި ވަކިއެއްޗެއް ހާމަކުރައްވާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.