ގްރާންޑޭގެ މައްޗަށް ކުރިހޯދައި ވެލެންސިއާއިން ފަރަގު ކުޑަކޮށްފި

ގްރާންޑޭގެ މައްޗަށް ކުރިހޯދައި ވެލެންސިއާއިން ފަރަގު ކުޑަކޮށްފި

Author
ޔޫސުފް
19 އޭޕްރިލް 2021 02:06
0

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް ވެލެންސިއާއިން މާޒިޔާ އާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.

ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ވެެލެންސިއާއިން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ކްލަބް ވެލެންސިއާއިން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގައި ވެލެންސިއާގެ ފުރަތަމަ ލަނޑު 27 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ، ބޯހަސް މާޓިންއެވެ. ވެލެންސިއާއިން ލަނޑު ޖަހާ ލީޑު ނެގިފަހުން ގްރާންޑޭއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ވެެލެންސިއާގެ ގޯލަށް ނުރައްކާކޮށްފައެވެ. އޭގެ ތެރެއިން ބައެއް ހަމަލާތައް ވެލެންސިއާގެ ކީޕަރ ފައިސަލް ވަނީ ދިފާއުކޮށްފައެވެ.

ވެލެންސިއާގެ ދެވަނަ ލަނޑަކީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) ނަގައިދިން ކޯނަރު ދަ ގްރާންޑޭގެ ކެޕްޓަން އަޙްމަދު ވިޖްދާން (ވިޖޫ) ގެ ފައިގައި ޖެހިފައި ވަތް ލަނޑެކެވެ.

މެޗުގައި ވެލެންސިއާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު 76 ވަނަ މިނެޓުގައި ޢަލީ އަޝްފާގުގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ބޯހަސް މާޓިންނެވެ. ދަ ގްރާންޑޭއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ހަސަން ޝިފާންއެވެ.

މި ނަތީޖާއާއެކު ވެލެންސިއާއިން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ. އެގޮތުން ކުޅުނު 12 މެޗުން ލިބުނު 28 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތްއިރު، ވެލެންސިއާ އޮތީ ތާވަލުގެ ދެވަނައިގައި 12 މެޗުން 24 ޕޮއިންޓާއެކުއެވެ. އަދި ވެލެންސިއާ އަތުން ބަލިވި ދަ ގްރާންޑޭ އޮތީ ތާވަލުގެ ހަތަރުވަނައިގައި 13 މެޗުން 16 ޕޮއިންޓާއެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.