ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު އަންނަ މަހުގެ 29 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ.
އެމްޑީޕީ އޮފީހުން މިރޭ ބުނެފައިވަނީ އެޕާޓީގެ ދާއިރާތަކުގެ ހިންގާކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިޚާބު 29 މެއި 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ިނިންމާފައިވާކަމަށެވެ. މިއިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ދާއިރާތަކުގައި ހިމެނޭ އެޕާޓީގެ އާންމު މެންބަރުންނަށް ކަމަށާއި، އެގޮތުން މިއިންތިޚާބުގައި ވޯޓުލެވޭނީ މިއަދު، 18 އޭޕްރީލް 2021 (އާދީއްތަ) ދުވަހާ ހަމައަށް އެޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ ފަރާތްތަކަށް ކަމުގައެވެ. އަދި މިއަދުގެ 14:00 އިން ފެށިގެން 29 މެއި 2021 ގެ ނިޔަލަށް ޕާޓީން މެމްބަރޝިޕް ފޯމު ބަލައިގަތުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށް އެޕާޓީން ބުނެއެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހަކީ އެ ޕާޓީގެ ކަންކަން ނިންމުމަށް މަޝްވަރާ ހޯދައި ފަހު ބަސް ބުނާ ތަނެވެ. ވަކި ގޮތަކަށް ގައުމީ މަޖިލީހުން ފާސްކޮށްފި ނަމަ، އެ ގޮތަކަށް ޕާޓީން އަމަލުކުރަން ޖެހޭނެ އެވެ. އެހެންވެ، ގައުމީ މަޖިލީހުގެ ބާރުވެރިކަން، އެ ޕާޓީގެ ކޮންމެ ލީޑަރަކަށް ވެސް މުހިންމެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެ ޕާޓީގެ ލީޑަޝިޕްގެ އެހެން ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންނާއި އެ ޕާޓީން ސަރުކާރު ހިންގާ ނަމަ އެ ސަރުކާރުގައި ހިމެނޭ އެމްޑީޕީގެ ވަޒީރުންނާއި ޕްރޮވިންސްތަކުގެ ސެކްރެޓޭރިއޭޓާއި ދާއިރާތަކުގެ ރައީސުން ހިމެނެ އެވެ. އަދި ޗެއާޕާސަންގެ ނައިބުންނާއި އަންހެނުންގެ ރޫހުގެ ރައީސާ އާއި ޒުވާނުންގެ ހިތްވަރުގެ ރައީސާއި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސަކީ ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް މިހާރު އެކުލެވިގެން ވަނީ 147 މެމްބަރުންގެ މައްޗަށެވެ. އެ އަދަދު ބަދަލުވުމުގެ ފުރުސަތު އޮވެ އެވެ. އެއީ މަޖިލިސް މެމްބަރަކީ ދާއިރާގެ މެމްބަރަށް ވުން ނުވަތަ މަޖިލިސް މެމްބަރުގެ އިތުރުން ދާއިރާގެ މެމްބަރަކަށް އެހެން ބޭފުޅަކު އިންތިހާބުކުރާ ފަދަ ހާލަތްތަކުގަ އެވެ.
ކޮމެންޓު ފޮނުވާ