މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސިޓީގެ 6 ވޯޓު ފޮއްޓެއްގައި ބާތިލްވޯޓު މާނަކޮށްފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހިން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ކޯޓަށް ދާން ނިންމައިފިއެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސިޓީގެ 6 ދާއިރާއެއްގެ ވޯޓު ފޮށީގެ މައްސަލަތަކެއް އެމްޑީޕީން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. މާލެ ސިޓީގައި އެމްޑީޕީ ވަނީ ބޮޑު ތަނުން ބަލިވެފައެވެ. އިންތިޚާބުގެ ނަތީޖާއާއިމެދު އެމްޑީޕީން ހިތްހަމަ ނުޖެހުނީ މާލެ ސިޓީގެ ނަތީތައް އައިސްފައިވާ ގޮތުންނެވެ. މާލެ ސިޓީގެ ސުޕަ މެޖޯރިޓީ އިދިކޮޅު ޕީޕީއެމްއިން ވަނީ ނަގާފައެވެ.
އިންތިޚާބުގެ މައްސަލާގައި ކޯޓަށް ދިއުމަށް އެމްޑީޕީން ނިންމާފައިވަނީ މިއަދު ބޭއްވި އެޕާޓީގެ ސެކްރެޓިއޭޓުގެ ބައްދަލުވުމެއްގައެވެ. އެމްޑީޕީން އޮތީ މާދަމާވެސް މިމައްސަލަ ކޯޓަށް ވައްދަން ތައްޔާރުވެފައެވެ. އެމްޑީޕީން ގަބޫލު ކުރާ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ގާނޫނުގެ މަފްހޫމާއި ޚިލާފަށް މާނަކޮށް ވޯޓްތަކެއް ބާތިލުކޮށްފައިވެއެވެ.
އެމްޑީޕީން ޝަކުވާ ހުށަހެޅި 6 ދާއިރާ:
– މެދެ ހެންވޭރު ދާއިރާ
– ހެންވޭރު ދެކުނު ދާއިރާ
– ހެންވޭރު ހުޅަނގު ދާއިރާ
– މައްޗަ ގޯޅި އުތުރު ދާއިރާ
– މާފަން އުތުރު ދާއިރާ
– މާފަންނު ހުޅަނގު ދާއިރާ
މި ހަފޮށި އަލުން ގުނުމަށް އެމްޑީޕީން ހުށަހެޅިކަން ހާމަކޮށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ
މިދާރާތަކަށް ކުރިމަތި ލެއްވި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް މިއެންމެ މަތީގައި އޮތް ކެނޑިޑޭޓާއި ދެވަނައަށް އޮތް އެމްޑީޕީގެ ކެނޑިޑޭޓާއި އޮތް ފަރަގަށްވުރެ ބާތިލް ވޯޓު އެތައް ގުނައެއް އިތުރު ކަމަށެވެ. މިސާލަކަށް 40 ވޯޓޫގެ ފަރަގު އޮތްނަމަ 70 ވޯޓު ވަރު ބާތިލްގެ ގޮތުގައި ކަނޑައެޅިފައިވާކަމަށެވެ. އޭނާވިދާޅުވީ މިކަންކަން ރަނގަޅަށް ބަލައި އަލުން މިފޮށިތައް ހުޅުވައިގެން ވޯޓު ގުނުމަށް އެދިފައިވާނެކަމަށެވެ.
ނިމިދިޔަ އިންތިޚާބުގައި އެމްޑީޕީއަށް ވަނީ މާލެ ސިޓީން ބޮޑު ބައްޔަކުން ބަލިވެފައެވެ. އިންތިޚާބުގައި މާލޭގެ މޭޔަރުގެ މަޤާމާއި އިތުރު 12 ދާއިރާއެއް ވަނީ އެމްޑީޕީއަށް ނާކާމިޔާބު ވެފައެވެ.
ކޮމެންޓު ފޮނުވާ