ސަސް ކޮޅަށް 5 ލަނޑު ޖަހައި، ޔޫވީން ބޮޑު މޮޅެއް ހޯދައިފި

ސަސް ކޮޅަށް 5 ލަނޑު ޖަހައި، ޔޫވީން ބޮޑު މޮޅެއް ހޯދައިފި

Author
ޔޫސުފް
18 އޭޕްރިލް 2021 01:45
0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކޮޅަށް 5 ލަނޑު ޖަހައި ޔުނައިޓެޑް ވިކްޓްރީން ބޮޑު މޮޅެއް ހޯދައިފިއެވެ.

ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ޔޫވީން ކާމިޔާބުކުރީ 1-5 ގެ ނަތީޖާއަކުންނެވެ.

މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އެންމެ ފުރަތަމަ މޮޅު ޔޫވީން ހޯދާފައިވަނީ އެންމެ ފަހުން އެޓީމު ކުުޅުނު މެޗުގައި ދަ ގްރާންޑޭ ބަލިކުރުމަށްފަހުއެވެ. ޖެހިޖެހިގެން ހޯދި ދެ ވަނަ މޮޅާ އެކު ލީގުގައި ކުރިއަށް ދިއުމުގެ އުއްމީދު އެޓީމުން މިވަނީ ބޮޑުކޮށްފައެވެ.

މި މެޗު ފަށައިގެން 27 ވަނަ މިނެޓުގައި ޔޫވީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މުޙައްމަދު އާރިފް (ބަކާ) ގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ކީރްލޯ ސިލިޗެވެ. އަދި އޭގެ ތިން މިނެޓު ފަހުން އަޙުމަދު ރަޝީދު ވަނީ ޔޫވީގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ.

ނަމަވެސް އޭގެ ދެ މިނެޓު ފަހުން ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އިން ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ހަމީދު އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔޫވީގެ އިސްމާއިލް އީސަ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 1-3 އަކަށް ބަދަލުކޮށްލާފައެވެ.

މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ޔޫވީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ހައިސަމްއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ޔޫވީގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި އިސްމާއިލް އީސައެވެ.

މި ނަތީޖާއާއެކު ތާވަލުގެ ފުލުގައި އޮތް ޔޫވީން މިހާރު ވަނީ 13 މެޗުން 9 ޕޮއިންޓް ހޯދާފައެވެ. އެޓީމުގެ ކުރިން ލީގުގެ ހަތް ވަނައިގައި ސަސް އޮތީ 13 މެޗުން ލިބުނު 12 ޕޮއިންޓާ އެކުއެވެ. ހަ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ފަސް ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.