އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތައް ވަޑައިގަތުމަށް ކުރައްވާ ކެމްޕެއިންގެ ދަށުން ގިނަ ޢަދަދެއްގެ ޤައުމުތަކުގެ ސަފީރުންނާއި މަންދޫބުންނާ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ. އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ޝާހިދު ވަނީ އިންޑިއާގައި ތިއްބެވި 16 ގައުމެއްގެ މަންދޫބުންނާއި 7 ގައުމެއްގެ އެމްބެސެޑަރުންނާ ބައްދަލުކުރައްވާފައެވެ.
އޭގެ ތެރޭގައި ޗެކްރިޕަބްލިކް، ސްލޮވަކް ރިޕަބްލިކް، ޖޯޖިއާ، ޔޫކްރެއިން، ރޮމޭނިއާ، ސީބިއާ އަދި ހަންގޭރީ ފަދަ ޤައުމުތަކުގެ އެމްބެސަޑަރުން ހިމެނެއެވެ. ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ އެކި ޤައުމުތަކާއި، ރާއްޖެއާއި ދެމެދު އޮތް ގުޅުން ބަދަހިކުރުމަކީ އެންމެ އިސްކަންދޭ ކަންތައްކަމަށާއި، އެގޮތުން އެފްރިކާގެ ގިނަ ޤައުމުތަކެއްގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އަލްޖީރިއާ، މޮރޮކޯ، ސެނެގަލް، ޓިއުނީޝިއާ، ޔުގެންޑާ، ޒެމްބިއާ، ރުވަންޑާ، ގިނީ އަދި ނަމީބިއާ ހިމެނެއެވެ. މީގެ އިތުރުން ޔޫރަޕްގެ ޤައުމުތަކުގެ އިސް މަންދޫބުންނާއިވެސް މިނިސްޓަރ ބައްދަލުކުރައްވާފައިވާއިރު، އޭގެ ތެރޭގައި އޮސްޓްރިއާ، ބެލްޖިއަމް، ސައިޕްރަސް، އަޔަލެންޑް، މާލްޓާ، ސްވެޑެން، ޑެންމާކް، އައިސްލޭންޑް އަދި ޕޯޖުގަލް ހިމެނެއެވެ.
އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ވާދަކުރައްވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝަހިދުގެ އިތުރުން އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރ ޑރ.ޒަލްމާއި ރަސޫލެވެ.
އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންތިޚާބުކުރުމަށް އިންޑިއާއާއި، ސަޢުދި ޢަރަބިއްޔާއިން ތާޢީދުކުރާނެކަން މީގެ ކުރިން ވަނީ ހާމަކުރައްވާފައެވެ. މިނިސްޓަރ ޝަހިދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ މީޑިއާށް ދެއްވި އިންޓަރވިއުއެއްގައި ވަނީ އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ އިންތިޚާބުކުރުމަށް ވަރަށް ގިނަ ޤައުމުތަކަކުން އެއްބާރުލުންދެމުން އަންނަކަމަށާއި، އިންތިޚާބު ކާމިޔާބުކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވެފައެވެ.
Enjoyed my discussions with the Envoys of Austria, Belgium, Cyprus, Ireland, Malta, & Sweden, and representatives from Denmark, Iceland and Portugal, today.
Topics discussed range from climate change, sustainable development, gender equality, to multilateral institutions. pic.twitter.com/N14LS3tjQs
— Abdulla Shahid (@abdulla_shahid) April 16, 2021
އދގެ އާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ މަތީ މަގާމެވެ. ރާއްޖެ ހިމެނޭ ސަރަހައްދަށް އެ ފުރުސަތު ލިބޭނީ ކުރިއަށް އޮތް ދައުރަށް ފަހުއެވެ.
ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރާނީ ޖިއޮގްރަފިކް ފަސް ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުންނެވެ އެއީ އެފްރިކާ، އޭޝިއާ-ޕެސެފިކް، އީސްޓާން ޔޫރަޕިއަން، ލެޓިން އެމެރިކާ އެންޑް ކެރިބިއަންގެ އިތުރުން ވެސްޓާން ޔޫރަޕިއަން ސަރަހައްދެވެ. މިއީ އެއް އަހަރު ދުވަހުގެ ދައުރެކެވެ.
މިހާރު ހިނގަމުންދާ 75 ވަނަ އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުންދަނީ ވެސްޓާން ޔޫރަޕިއަން ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ތުރުކީވިލާތުގެ ބޭފުޅެކެވެ. އަދި 76 ވަނަ ދައުރުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ޤައުމަކަށެވެ. މިނިސްޓަރ ޝާހިދު ވާދަކުރައްވަނީ މިސަރަހައްދަށެވެ.
ކޮމެންޓު ފޮނުވާ