އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކުރިއަށްގެންދާ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޮޑުތަކުރުފާނު މަގުގައި އެންމެ ބޮޑަށް ހަލާކުވެ، ގާތައް މުގުރިފައި އޮތް ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށާނީ މިހާރު ކުރިއަށްދާ ފިޔަވަހީގެ މަސައްކަތް ނިމުމުން ކަމަށެވެ. މިހާރު އެ ކުންފުނިން ތަރައްގީ ކުރަމުންދަނީ މާލެ-ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށްވާ ބައެވެ. އެ ސަރަހައްދުގައި ތާރު އަޅައި، މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިންމާލެވިފައެވެ.
"އޭރަށް އިރާދަކުރެއްވިއްޔާ މާލޭގެ ބާޒާރުމައްޗަށް، މި ވިޔަފާރި ސަރަހައްދާ، އަދި ޖުމްލަކޮށް މާލޭގައި ދުއްވާ ހުރިހާ ފަރާތްތަކަށް ވަރަށް ފަސޭހަވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ފަޅު ހިއްކައިގެން މަގު ފުޅާކޮށް، ހަތަރު ލޭނަށް ދުއްވޭ ގޮތް ވަނީ ހަދާފައެވެ. އަދި ހިއްކި ސަރަހައްދުގައި 500 ސައިކަލް ޕާކް ކުރެވޭ ޖާގައެއް ގާއިމުކޮށް، ތިން ފަރާތަށް ލޯންޗުފަހަރު ކައިރި ކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފައެވެ.
މި މުޅި މަޝްރޫއުގެ ދަށުން އެމްޓީސީސީން އެންމެ ފުރަތަމަ ތަރައްގީ ކުރީ އެމްޕީއެލް ސަރަހައްދުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށްވާ ބައެވެ. މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު ހިމެނޭ އެ ސަރަހައްދުގެ މަގު ފުޅާވެގެން ދިޔުމާ އެކު، ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ވަނީ ލިބިފައެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔައީ ފެން ހިންދާ ނިޒާމު ގާއިމުކޮށް، ދުވާރު ހެދުމާއެކު ރޯޑް މާކިންއާއި ސައިން ބޯޑުތައް ވެސް ހަރުކުރާ ގޮތަށެވެ.
ކޮމެންޓު ފޮނުވާ