ފޮޓޯއިން ފެށި ވާހަކަ ފައިނަލަށް: މެސީ އާއި ޔަމާލްގެ ޚާއްސަ ބައްދަލުވުން!

ފޮޓޯއިން ފެށި ވާހަކަ ފައިނަލަށް: މެސީ އާއި ޔަމާލްގެ ޚާއްސަ ބައްދަލުވުން!

Author
އަހުމަދު
18 ޖުލައި 2026 02:23
0

މީގެ 19 އަހަރު ކުރިން ބާތުޓަބެއްގައި އޮތް ހަ މަހުގެ ތުއްތު ކުއްޖާއާއެކު ފޮޓޯއަކަށް ހުއްޓިލައިގެން ހުރި 20 އަހަރުގެ ލިއޮނެލް މެސީއަށް ހީވެސް ނުވާނެ އެވެ. އޭގެ ދެ ދިހަ އަހަރު ފަހުން، އެ ތުއްތު ކުއްޖާއާ ދެކޮޅަށް ވޯލްޑް ކަޕްގެ ފައިނަލެއްގައި ކުޅެން ޖެހިދާނެ ކަމަކަށެވެ.

އެ ކުއްޖަކީ މިއަދު ސްޕެއިންގެ އެންމެ ވިދުންގަދަ ތަރި ލަމީން ޔަމާލެވެ. އާދިއްތަ ދުވަހުގެ ރޭ ކުޅޭ ވޯލްޑް ކަޕް ފައިނަލްގައި މެސީގެ އާޖެންޓީނާއާ ދެކޮޅަށް ސްޕެއިން ނުކުންނައިރު، ޔަމާލް ވެގެންދާނީ އެ ޓީމުގެ އެންމެ މުހިންމު ހަތިޔާރަށެވެ.

ދެހާސް ހަތް ވަނަ އަހަރު ފޮޓޯގްރާފަރު ޖޯން މޮންފޯޓް ޗެރިޓީ ކަލަންޑަރަކަށް ނެގި އެ ފޮޓޯއަށް އޭރު މާބޮޑު ސަމާލުކަމެއް ނުލިބުނު ނަމަވެސް، 2024 ވަނަ އަހަރު ފޮޓޯ ވައިރަލްވެ، ދުނިޔެ ހައިރާންކޮށްލި އެވެ. އެ ފޮޓޯ ޝޫޓްގައި ބައިވެރިވުމުގެ ފުރުސަތު ޔަމާލްގެ މަންމައަށް ލިބުނީ ގުރުއަތުންނެވެ.

ޔަމާލްގެ ފުޓްބޯޅަ ދަތުރު ވެސް ވަނީ މެސީ ހިނގި މަގުންނެވެ. ބާސެލޯނާގެ އެކަޑަމީން ތަމްރީނުވެ، މިއަދު އޭނާ ބޭނުންކުރަނީ އެ ކްލަބުގައި މެސީ އެތައް އަހަރެއް ވަންދެން ބޭނުންކުރި "10″ ނަމްބަރު ޖޯޒީ އެވެ.

އެމެރިކާގެ ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރޭޑީއާ ހުކުރު ދުވަހު ދެއްކި ވާހަކައިގައި، 39 އަހަރުގެ މެސީ ފުރަތަމަ ފަހަރަށް އެ ފޮޓޯއާ ބެހޭ ގޮތުން ވާހަކަދެއްކި އެވެ.

"ޔަމާލްއާއެކު އެ ފޮޓޯ ނެގިއިރު އޭނާއަކީ ބޭބީއެއް. މިހާރު އަހަރަމެން ދެ މީހުން މި ބައްދަލުކުރަނީ ވޯލްޑް ކަޕްގެ ފައިނަލެއްގައި. މިއީ ގަބޫލްކުރަން ވެސް ދަތި ކަމެއް،" މެސީ ބުންޏެވެ.

މެސީ ވަނީ ޔަމާލަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

"ޔަމާލްއަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ. އަހަރެން ޔަމާލް ވަރަށް ގާތުން ބަލަން. އެއީ އޭނާ ކުޅެމުންދަނީ އަހަރެން ވަރަށް ލޯބިވާ ކްލަބަކަށް ވާތީ. ޔަމާލްގެ އުމުރުން އަދި 19 އަހަރު. ކެރިއަރުގެ ބޮޑު ބައި އޮތީ ކުރިއަށް،" ބާސެލޯނާގެ ކުރީގެ ކެޕްޓަން ބުންޏެވެ.

ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް އާޖެންޓީނާ ނުކުންނާނީ ތަށި ދިފާއު ކުރުމަށެވެ. ޔަމާލް ހިފެހެއްޓުމަށް ޓީމުން ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް މެސީ ބުންޏެވެ.

"އަހަރަމެން ވަރަށް ބަލާނަން އެންމެ ރަނގަޅަށް ކުޅެ، ޔަމާލް ހިފަހައްޓަން. އެކަމަކު އެއީ ފަސޭހަކަމަކަށް ނުވާނެ. ސްޕެއިންގައި މޮޅެތި ކުޅުންތެރިން އެބަތިބި. އަދި ވަރަށް ރަނގަޅު ކުޅުމެއް އެ ޓީމުން ދައްކާ،" މެސީ ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.