ކްލަބް އީގަލްސް މޮޅުވާން ދަނިކޮށް ގްރީން ސްޓްރީޓްސް އިން ލަނޑެއް ޖަހާ އީގަލްސް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ އީގަލްސް އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގައި އީގަލްސް އޮތީ 11 މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް މި މެޗުން އެއްވަރުވުމުން ވަނީ ދެ ވަނައިގައި އޮތް ވެލެންސިއާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރަން ލިބުނު ފުރުސަތު ގެއްލިފައެވެ. ގްރީން ސްޓްރީޓްސް އަށް 13 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ.
މި މެޗުގައި އީގަލްސް ލަނޑު ޖަހާ ލީޑު ނަގާފައިވަނީ މެޗުގެ ވަރަށް ކުރީ ކޮޅުއެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި އީގަލްސްއަށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މުހައްމަދު ނާއިމްއެވެ. މިއީ އޭރިއާ ތެރެއިން ގްރީންގެ ޑިފެންޑަރު މުޙައްމަދު ސާއިފުގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ.
މެޗުގެ ނަތީޖާ ކްލަބް ގްރީން ސްޓްރީޓްސްއިން ހަމަހަމަކުރީ ދެވަނަ ހާފުގައެވެ. އެގޮތުން 65 ވަނަ މިނެޓުގައި މި ލަނޑު ގްރީން ސްޓްރީޓްސްއަށް ކާމިޔާބުކޮށްދިނީ، ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޢަބްދުﷲ ޔާމިންއެވެ.
މެޗަށްފަހު ވާހަކަދައްކަމުން ގްރީންގެ ކޯޗު އަލީ ނިސްތާރު މުޙައްމަދު ބުނީ މެޗުން ޕޮއިންޓެއް ލިބުމުން އެކަމާއި ހިތްހަމަޖެހޭ ކަމަށާއި، އެކަމަކު ގެއްލިގެން ދިޔައީ ތިން ޕޮއިންޓް ހޯދޭނެ މެޗެއް ކަމަށެވެ.
އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނީ މެޗުގައި އީގަލްސްގެ ފަރާތުން ފެނިގެންދިޔަ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި، އެކަމަކު ނަތީޖާއާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ޓީމަށް ދިމާވެފައިވާ ލަނޑު ޖެހުމުގެ މައްސަލަ ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ޝާޒްލީ ބުންޏެވެ.
ކޮމެންޓު ފޮނުވާ