މީހުން ޓްރެފިކްކޮށްގެން ކުރާ ވިޔަފާރިން ހޯދާ މުދާ ދައުލަތަށް ނެގޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު، މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤާނޫނުނަށް އިޞްލާހު ހުށައެޅުއްވީ އެ ޤާނޫނުގައިވާ ރާއްޖެ ބައިވެރިވެފައިވާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ޓްރާންސްނޭޝަނަލް އޯގަނައިޒް ކްރައިމް" ގެ ޕްރޮޓޮކޯލް އެއްގޮތް ކުރުމުގެ ގޮތުންނެވެ. މި އިޞްލާހު މަޖިލީހުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި57 މެންބަރުންގެ އިއްތިފާޤުންނެވެ.
މީހުން ޓްރެފިކު ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ މީހުން ޓްރެފިކު ކުރުމަކީ ކުށެއް ކަމަށެވެ. އަދިކުޑަކުދިން ޓްރެފިކް ކުރުމަކީ ކުށެއްކަމަށާއި، މީހުން ޓްރެފިކު ކުރަން އުޅުމަކީ ނުވަތަ ޓްރެފިކު ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރި ވުމަކީ ކުށެއްކަމަށްވެސް ޤާނޫނުގައި ބަޔާންކުރެއެވެ. މީގެ އިތުރުން މީހުން ޓްރެފިކް ކުރުން ރޭވުމަކީ ނުވަތަ އަމުރު ކުރުމަކީ ކުށެއް ކަމަށްވެސް ޤާނޫނުގައި ބަޔާންކުރެއެވެ.
ޖީހާން ހުށައެޅުއްވި އީބްލާހު ދިރާސާކޮށް މަޖިލީހުން ފާސްކުރި ރިޕޯޓްގައި ވަނީ މީހުން ޓްރެފިކް ކުރުމުގެ ކުށެއް ކުރުމަށް ބޭނުންކުރި އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަމަށެވެ. އެ ފައިސާ ދައުލަތަށް ނެގުމުގައި އަމަލު ކުރާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، ޤާނޫނުގައި ބަޔާންކުރާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ހާލަތެއްގައި، އެމީހެއްގެ މައްޗަށް މި ގާނޫނުގެ ދަށުން ކަނޑައަޅާ އަދަބެއްގެ އިތުރުން ޓްރެފިކް ކުރެވޭ މީހާއަށް ޓްރެފިކް ކުރާ މީހާގެ އަތުން ޝަރީއަތުން ބަދަލު ނަގައިދޭން ވާނެކަމަށްވެސް މަޖިލީހުން ގެނައި އިޞްލާހުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޓްރެފިކް ކުރެވޭ މީހުންނަށް ލިބޭ ގެއްލުމުގެ ސަބަބުން ބަދަލު ނަގައިދެވޭނެ ބާވަތްތައްވެސް އިޞްލާހުގައި ހިމަނާފައިވެއެވެ. އެގޮތުން ބަދަލު ނެގޭނެ ބާވަތްތަކުގެ ތެރޭގައި ޓްރެފިކް ކުރެވޭ މީހާއަށް ލިބެން ޖެހޭ އުޖޫރައާއި ސިއްޙީ ގޮތަށް ލިބޭ ގެއްލުންތަކާއި ގާނޫނާ ޚިލާފަށް އެމްޕްލޯއިމަންޓް އޭޖެންސީ ނުވަތަ ރެކްރޫޓްމަންޓް އޭޖެންސީއަކަށް ދައްކާފައިވާ ފީ ވަނީ ހިމަނައިފައެވެ. އަދި ބަދަލު ނަގައި ދިނުމުގައި، ޓްރެފިކު ކުރެވޭ މީހާއަށް ނަގައިދޭނީ، ކޮން ބާވަތެއްގެ ބަދަލެއް، ކިހާ މިންވަރަކަށް ކަން ކަނޑައަޅާނީ، މި މާއްދާއާ ހަވާލާދީ ކޯޓުން ކަމަށް ވެސް މަޖިލީހުން ފާސްކުރި އިޞްލާހުގައިވެއެވެ.
ކޮމެންޓު ފޮނުވާ