އައިޔޫއެމް-އެސްޔޫ ޤުރްއާން މުބާރާތް ފެށިގެން ކުރިއަށްދަނީ!

އައިޔޫއެމް-އެސްޔޫ ޤުރްއާން މުބާރާތް ފެށިގެން ކުރިއަށްދަނީ!

Author
ޢަލީ އާދަމް
14 އޭޕްރިލް 2021 12:46
0

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ގުޅުން (އައިޔޫއެމް-އެސްޔޫ) އިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ފަހިޕޭ އައިޔޫއެމް-އެސްޔޫ ޤުރްއާން މުބާރާތް 1442 ފެށިއްޖެ އެވެ.

އެ ޖަމްޢިއްޔާގެ ފަރާތުން ކޮންމެ އަހަރަކުވެސް ޤުރްއާން މުބާރާތް ބާއްވަމުން އަންނައިރު، އެހެން އަހަރުތަކާއި ޚިލާފަށް ކޯވިޑްގެ ޙާލަތާއި އެކު، މި އަހަރުގެ ޤުރްއާން މުބާރާތް ކުރިއަށްދަނީ އޮންލައިން މުބާރާތެއްގެ ގޮތުގައެވެ.

ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ބާއްވާ މި ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމާއިއެކު، ދިވެހިރާއްޖޭގެ 10 ރަށަކުން ފިޔަވާ އެހެން ހުރިހާ ރަށަކުން ގާތްގަނޑަކަށް 2200 އެއްހާ ބައިވެރިން މުބާރާތުގައި ރަޖިސްޓްރީވެފައި ވާކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ. މި މުބާރާތުން ވަނަތަކަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި، ޓްރޮފީ އަދި ޝީލްޑު ދިނުމަށް ހަމަޖެހިފައި ވާކަމަށް އެ ޖަމްޢިއްޔާގެ ފަރާތުން މަޢުލޫމާތު ދެއެވެ.

މި މުބާރާތާ ގުޅޭ ގޮތުން އައިޔޫއެމް-އެސްޔޫގެ ރައީސް ވިދާޅުވީ މިފަހަރުގެ މުބާރާތުގައި ދިވެހި ކޮންމެ ރައްޔިތަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤުސަދަކީ ރާއްޖެއާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ފަރާތްތަކަށް އަމިއްލަ ޤައުމުގައި ކުރިއަށް ގެންދެވޭ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ދިނުން ކަމަށެވެ. މީގެ އިތުރުން މި މުބާރާތުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހުނަރުވެރި ކިޔެވުންތައް ދިވެހި މުޖުތަމަޢުގެ ތެރެއަށް ދޫކުރެވި، އެފަރާތްތަކަށް ޤުރްއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި އިތުރު ފުރުޞަތުތައް ލިބިގެންދިއުމަކީ ވެސް މަޤުސަދެއް ކަމަށް ޖަމްޢިއްޔާގެ ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.