މިމަހުގެ 10 ވަނަ ދުވަހު ބޭއްވިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ވެގެން މިދިޔައީ ހުރިހާ ގޮތަކުންވެސް ތަފާތު އިންތިޚާބަކަށެވެ. މި އިންތިޚާބު ބޭއްވިގެން މިދިޔައީ، ކޯވިޑް19ގެ ނުރައްކާތެރި ވަބާ މުޅި ދުނިޔެއަށް ފެތުރި އަދި މިވަބާގެ ނުރައްކާ ރާއްޖެއަށްވެސް އިންތިހާއަށް ކޮށްފައި ވަނިކޮށެވެ.
ކޯވިޑް19ގެ ނުރައްކާ ބޮޑުވެ، ލޯކަލް ކައުންސިލްގެ އިންތިޚާބު އަހަރެއްހާ ދުވަހަށް ފަސްކުރެވުނު ފަހުން ބޭއްވިގެންދިޔަ މިއިންތިޚާބަށް ތައްޔާރު ވުމުގެ ގޮތުން ކެޕްމޭން ކުރުމަށް މަދު ދުވަސްކޮޅެއް ލިބިގެން ދިޔަނަމަވެސް، މި މަދު ދުވަސްކޮޅުގެ ތެރޭގައިވެސް ބައެއް ޕާޓީތަކުން ފޯރިގަދަ ކެމްޕޭންތަކެއް ކޮށްފައި ވެއެވެ.
މިގޮތުން ކުރެވުނު ކެޕޭންތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ، އާބާދީ ބޮޑު ބައެއް ސިޓީތަކުގެ ގޮނޑިތައް ނެގުމަށް އެންމެ ބޮޑު ދެޕާޓީ، އެމްޑީޕީ އަދި ޕީޕީއެމްގެ މެދުގައި އޮތް ވާދަވެރިކަމެވެ. ވަކީން ޚާއްސަކޮށް، މާލޭގެ މޭޔަރުކަމުގެ ގޮޑި ނެގުމަށް ދެޕާޓީގެ ދެމެދުގައި އޮތް ވާދަވެރިކަމެވެ.
ހަމަ އެއާއިއެކު، މިއިންތިޚާބު ވެގެން މިދިޔައީ، ކޯވިޑް19އިން ރައްކާތެރި ވުމަށް އެތަކެއް މަސްތަކެއް ވަންދެން އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކަށް އެޗްޕީއޭއިން ކުއްލިއަކަށް ލުއިދީ، އެމްޑީޕީން ރާއްޖެތެރެއަށް ދަތުރުކޮށް، މިނިވަންކަމާއެކު އެޕާޓީން ކެމްޕޭން ކުރަމުންދިޔައިރު، އިދިކޮޅު ޕީޕީއެމްއަށް ކެމްޕޭން ކުރުމުގެ ފުރުސަތުވެސް އިންތިހާއަށް ހަނިކޮށް އޮވެމެ ބޭއްވިގެންދިޔަ އިންތިޚާބެކެވެ.
އިންތިޚާބުގެ އިންސާފުވެރިކަމާމެދު މާބޮޑެތި ޝަކުވާތަކެއް ނެތްނަމަވެސް، އިންތިޚާބު ބޭއްވިގެން ދިޔައީ، ހަމަ ހަމަ ފުރުސަތުތަކެއް ލިބި ދީގެންކަމުގައި ދަންނަވަން ގިނަބަޔަކަށް ދަތިވެދާނެއެވެ. ސަބަބުތައް ބައިވަރެވެ.
ކޮވިޑް ފިޔަވަޅުތައް ކުއްލިއަކަށް އުވާލުން
ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނާ ކުރިމަތި ލާން ޖެހުނީ، ކުރިމަތިވެފައިވާ ކޯވިޑް ކާރިސާގެ ސަބަބުން، އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް އަޅާފައިވާތާ އަހަރެއްހާ ދުވަސް ފާއިތުވެގެން ގޮސްފައި ވަނިކޮށެވެ.
އަދި މިފިޔަވަޅުތައް އެތައް ދުވަހެއް ވަންދެން ދަމަހައްޓާ، ފިޔަވަޅުތަކަށް ލުއިނުދީ، ފިޔަވަޅުތަކުގެ ސަބަބުން އެތައްބަޔަކު ޖޫރިމާނާވެ، އެތައް ދަތި އުދަގޫތަކެއް ރައްޔިތުން ތަހައްމަލް ކޮށްފައިވަނިކޮށް، އެޗްޕީއޭއިން ކުއްލިއަކަށް ވަނީ ކަރްނަޓީނު ނުވެ، ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ރަށަށް ދެވޭގޮތް ހަދާ ފިޔަވަޅުތަކަށް ލުއި ދީފައެވެ. މައިފައިން، އަދި އަމިއްލަ ދަރިޔަކު ނިޔާވެގެންވެސް، ރަށަށް ނުދެވޭ ގޮތަށް ހަރުކަށިކޮށް އަޅާފައިވާ ފިޔަވަޅު ކުއްލިގޮތަކަށް އުފާވާލުމުން ގިނަ ބަޔަކު ރަތަށް އެރިއެވެ.
އެޗްޕީއޭގެ ފިޔަވަޅުތަކަށް ގެނައި މި ކުއްލި ބަދަލު ގިނަބަޔަކު ސިފަކުރީ، އެމްޑީޕީއަށް ރަށްރަށުގައި ކެމްޕޭންކުރުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައި ގެނައި ކުއްލި ބަދަލެއްގެ ގޮތުގައެވެ. އަދި މިމައްސަލާގައި އާންމު ރައްޔިތުންގެ ފާޑުކިއުން އަމާޒުވާން ފެށުމުން، ފިޔަވަޅުތައް އާންމުކުރިތާ 24 ގަޑިއިރުވެސް ނުވަނީސް އެޗްޕީއޭއިންވަނީ މިފަވަޅުތައް އަބުރާ އިޢާދަ ކޮށްފައެވެ.
ގިނަބަޔަކު ސިފަކުރީ، އެޗްޕީއޭއިން އެތައް ދުވަހެއް ވަންދެން އަޅާފައިއޮތް މި ފިޔަވަޅުތަކަށް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ކުއްލިއަކަށް ލުއި ދިން ދިނުމަކީ، ސިޔާސީ ނުފޫޒު އެ މުވައްސަސާގެ މައްޗަށް ފޯރަމުންދާ ކަމުގެ އަލިގަދަ ދަލީލެއްގެ ގޮތުގައެވެ.
ހަމަ އެއާއެކު، ލޯކަލް ކައުންސިލް އިންތިޚާބަށް އެންމެ ދުވަހަކަށް ވެފައިވަނިކޮށް ސަފާރީތަކުގައި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން މިއުޒިކާ ލަވަޔަށް ނައްޓަވަމުން، ރަސްދޫއަށް ދަތުރު ފައްޓާފައި ވަނިކޮށް، އެޗްޕީއޭއިން ކުއްލިއަކަށް ވަނީ، ކަރަންޓީން ވުމަކާ ނުލާ، އެއްރަށުން އަނެއް ރަށަށް ދަތުރު ކުރެވޭގޮތަށް ނިންމާފައެވެ. އެޗްޕީއޭއިން ދިން މި ލުއި ދިނުމުގެ ބޭނުން ކުރެވޭ ގޮތްވީ ހަމަ އެކަނި އެމްޑީޕީއަށެވެ.
ކުރުކޮށް ދަންނަވަނީ ނަމަ، ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް، އެޗްޕީއޭއިން ދިންހާ ލުޔެއް ދީފައިވަނީ، އެމްޑިޕީއަށް މި ލުއިތަކުގެ މަންފާ ފުރިހަމަޔަށް ނެގޭނޭ އުސޫލުންކަން ވަރަށް ބޮޑަށް ސާފުކޮށް ފެންނާން ހުއްޓެވެ.
އަދި މުޅި ދުނިޔެއާއި ގައުމު ބޮޑު ކާރިސާއެއްގެ ތެރޭގައި ވަނިކޮށް، އެޗްޕީއޭއަށް ސިޔާސީ ނުފޫޒު ފޯރަމުން ދިޔަތަން ފެނިގެން ދިއުމަކީ، ގިނަ ބައެއްގެ ހިތްތަކުގައި ނަފްރަތުގެ އެތަކެއް ޝުޢޫރެއް އުފެދިގެން ދިޔަ ކަމެއްކަން މިއީ ވަރަށް ސާފުކޮށް ފެންނާހުރި ހަގީގަތެކެވެ.
ދައުލަތުގެ މީޑިއާ
ދައުލަތުގެ މީޑިއާއަކީ، ކޮންމެ ސަރުކާރުކުންވެސް އެބައެއްގެ ގޮޑި ކޮއްކޮއެއްގެ ގޮތުގައި ބޭނުން ކުރާ ވަސީލަތެކެވެ.
ފާއިތުވެދި ސަރުކާރުގައިވެސް، އެ ސަރުކާރުގެ ސިޔާސީ ބޭނުމަށް ދައުލަތުގެ މީޑިއާގެ ބޭނުން އިންތިހާއަށް ކުރަމުންދިޔަ ތަން ފެނިގެން ދިޔައެވެ. އަދި ފާހަގަ ކޮށްލަން ޖެހޭ އެންމެ މުހިންމު އެއް ނުކުތާއަކީ، މި ސަރުކާރުގައި ތިބީ، އެ ސަރުކާރުން ދައުލަތުގެ މީޑިއާ ހައިޖެކް ކުރުމުން އެކަަމަށް ފާޑު ކިޔާ، ދައުލަތުގެ މީޑިއާ މިނިވަން ކުރަން ގޮވާލި ފަރާތްތައް ކަމަށް ވުމެވެ.
އެހެންކަމުން، މިސަބަބައްޓަކާ އެކަނިވެސް، މިސަރުކާރުގައި، ދައުލަތުގެ މީޑިއާ ސިޔާސީ ބޭނުންމަށް ގުރުބާން ކުރާތަން ދެކެން، ބައެއް ފަރާތްތަކަށް ހަޖަމް ކުރަން އުދަގޫ ވެދާނެކަން މިއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.
އިންތިޚާބުގެ އެންމެ ފަހު ދުވަހު، މުޅި ދުވަހު، ދައުލަތުގެ މީޑިއާގެ މުވައްޒަފުންނާއި، ވަސީލަތްތައް އެމްޑިޕީގެ ކެމްޕޭން ހަަރަކާތްތައް ކަވަރު ކުރުމުގައި ބޭނުން ކޮށްފައި ވެއެވެ. ވިޔަފާރި އުސޫލުންކަމަށް ބުނެ ނަމަވެސް، މިއުސޫލުން، ވަކި ސިޔާސީ ޕާޓީއަކަށް ނާޖާއިޒު ގޮތުގައި މަންފާ ލިބޭނެ ބީދައިން މިކަން ކުރުމަކީ މިއީ ދައުލަތު މީޑިއާގެ ގާނޫނުންވެސް މަނާކުރާ ކަމެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ.
އެހެންކަމުން، ދައުލަތުގެ މީޑިއާ މިނިވަންކުރަން ގޮވާލަމުން އައި ބަޔަކު، ދައުލަތުގެ މީޑިއާ ސިޔާސީ ހަރަކާތްތަކުގައި މިބީދައިން ގުރުބާން ކުރަން ފެށިފެށުން ވެގެން ދިޔައީ، ޚުދު އެމްޑިޕީގެ ފިކުރަށް ތާއީދު ކުރާ ބަައެއް ފަރާތްކުގެ ހިންހަމަ ނުޖެހުންވެސް، އެޕާޓީގެ ލޯކަލް ކައުންސިލް އިންތިޚާބަށް އަމާޒުވެގެން ދިޔަ ކަމެއްގެ ގޮތުގައެވެ.
އެމްޑީޕީ ވިޔަސް މިއީ ވަރަށް ކަޑަކަމެއް! ދައުލަތުގެ މީޑިޔާ ރައްޔިތުންގެ ޓެކްސް ފައިސާ އިން ހިންގަނީ މިފަދަ ނަހަމަ އުސޫލުތަކުން އެއްކިބާ ކުރަން. އިލެކްޝަނެއްގެ ތެރޭގައި ޕަބްލިކް ބުރޯޑްކާސްޓިންގ މިދަރަޖައަށް ފައިސާއިން ހައިޖެކް ވުމަކީ މައްސަލައެއް. https://t.co/fTKiKakviu
— ⚫️⚪️TEDRY?❓ (@tedry) April 8, 2021
ކޮންމެއަކަސް، ފެންނާން އޮތް ހަގީގަތަކީ، ކެމްޕޭންތަކާ އަރާހަމަވީމާ، އެއެއް މިއެއް ބަލާލުމެއް ނެތި، އަބަދުވެސް އޭރަކު އޮންނަ ސަރުކާރަކުން، ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ކުރަމުން ދާކަމެވެ.
އެހެންނަމަވެސް، ސިޔާސީ ފަރާތްތަކަށް އަދިވެސް ދަސްނުވެގެން އުޅޭ، ނުވަތަ ހަޖަމް ކުރަން އުދަގޫވެފައި އޮންނަ ކަމަކީ، މި ބީދައިން ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ކުރުމާއި، ކެމްޕޭނު ކުރުމުގައި ހަމަޔާއި އުސޫލުތައް ދޫކޮށްލުމުން، ހަމަ ގަބޫލު ކުރާ އެތައްބައެއްގެ ތާއީދު އެބަޔަކަށް ގެއްލިގެން ދާކަމެވެ. ކެމްޕޭންތަކުގައި ލިބޭ ފައިދާއާއި މަންފާއަށްވުރެ ހަގީގަތުގައި ލިބޭ ގެއްލުން ބޮޑުކަމެވެ.
ކެމްޕޭން ހަރަކާތްތަކުގައި ނަޝީދު ދެއްކެވި ވާހަކަތައް
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނާ އެމްޑިޕީން ކުރިމަތިލީ، ރިޔާސީ އިންތިޚާބުން ފެށިގެން ވައުދުތައް ވަމުން ވަމުން އައިސް، މަޖިލިސް އިންތިޚާބުގައިވެސް ވައުދުތަކުގެ މައްޗަށް ވައުދުވެ، އެހެންނަމަވެސް، މީގެ ގިނަ ވައުދުތައް އެޕާޓީގެ އިސްވެރިންނަށް ނުފުއްދި، މަތި މައްޗަށް ފުނިޖެހިފައި ވަނިކޮށެވެ.
އަދި، މިއީ ގަބޫލުކުރަން ދަތި ހަގީގަތަކަށް ވެގެންދިޔަ ނަމަވެސް، ލޯކަލް ކައުންސިލް އިންތިޚާބުގެ ކެޕްޕޭނުގައި ނަޝީދު ދެއްކެވި ގިނަ ވާހަކަތަކުން، މިހަގީގަތްތައް، އަމިއްލަ ޒަމީރަށް ގަބޫލު ކުރަން މަޖުބޫރުވެ، އެހެންނަމަވެސް، ދުލުން ދެއްކެވި ވާހަކަތަކުން، މިވާހަކަތައް މިބީދައިން ގަބޫލު ކުރަން ބޭނުން ނުވެފައި ހުންނެވިކަން ވަރަށް ރަގަޅަށް ސިފަވެގެން ދިޔައެވެ.
އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ކުރިމަތި ލެއްވި، ރިޒްނާ ޒަރީރުގެ ކެމްޕޭން ޖަގަހަ ހުޅުއްވާ ދެއްވުމަށް ބޭއްވުނު އިވެންޓުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައިވަނީ، މާލޭގެ ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ހައްލެއް ނުލިބެނީސް، މާލޭ ރައްޔިތުންނަށް ފުރިހަމަ ބޯހިޔާވަހި ކަމެއް ހޯދާ ދިނުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތްތައް ހުއްޓަވާ ނުލައްވާނެ ކަމަށެވެ.
މީގެ 15 ވަރަކަށް އަހަރުއްސުރެ ކުރިން ފެށިގެން، އަމިއްލަފުޅަށް، ތިމަންނާއަކީ، ފުލެޓް ދޮމްބެ ކަމަށް ވިދާޅުވަމުން ވަޑައިގެންނެވި ބޭފުޅަކު، އޭގެ 15 އަހަރުފަހުން ވަޑައިގެން، އަދި އަމިއްލަފުޅު ސަރުކާރުގައި، ދައުރުވެސް ދެބައި ވެގެން ގޮސްފައިވަނިކޮށް، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ނުލިބެނީސް މަސައްކަތް ހުއްޓަވާ ނުލައްވާނޭކަމަށް ވިދާޅުވުމުން، ނަޝީދުގެ މިވާހަކަފުޅުތައް ވަރަށް ގިނަ ބަޔަކަށް ސިފަވެގެން ދިޔައީ، ތާއަބަދު ޖައްސަވާ ޗަރުކޭހެއްގެ ގޮތުގައެވެ. އަދި ބޮޑު ޖޯކެއްގެ ގޮތުގައެވެ.
ހަމަ އެއާއެކު، މާލޭގެ މޭޔަރުކަމަށް ކުރިމަތިލެއްވި، އަނަސް އަބުދުއްސައްތާރުގެ ކެމްޕޭން އިވެންޓެއްގައި ނަޝީދު ވިދާޅުވެފައިވަނީ، އެމްޑީޕީއަށް ވެރިކަން ދީގެން ކަމެއް ނުވިޔަސްވެސް، އަދި އެޕާޓީއަށް މަޖިލިސް ދީގެން ކަމެއް ނުވިޔަސްވެސް، އެޕާޓީއަށް ކައުސިލްތައް ދިނީމަ ހުރިހާކަމެއް ހަމަޖެހޭނެ ކަމަށެވެ.
އެހެންނަމަވެސް، ވެރިކަމާ، މަޖިލިސް ދިނުމުން ނުވެފަ އޮތްކަމެއް، ލޯކަލް ކައުންސިލްތައް ދިނީމަށް ވެދާނެކަމަށް، ހަމަ ބުއްދި ކޮށްގެން ވިސްނާ އިންސާނަކު ވިސްނާފާނެ ބާވައޭ މިއީ ހަގީގަތުގައިވެސް، އުފެދިގެންދާ ސުވާލެކެވެ.
މިބާވަތުގެ ވާހަކަތައް ނަޝީދު ދައްކަވަނީ، މިވާހަކަތައް ދައްކަވާ ވަގުތު އެތަނެއްގައި ތިއްބަވާ ބަޔަކު ބާރަށް އަތްޖައްސަވާތީ، މިއީ ހަމަ ހަގީގަތުގައިވެސް، އަޑުއަހާ މީހުންގެ ތާއީދު ވަރަށް ބޮޑަށް ލިބޭ ވާހަކަތަކެއް ކަމުގައި ދެކިގެން ކަމަށް ވެދާނެއެވެ.
އެހެންނަމަވެސް، ގިނަ ބަޔަކު މިއަދު ތިބީ، ނަޝީދު ތާއަބަދު އެއް މޭރުމަކުން ދައްކަވާ މިބާވަތުގެ ވާހަކަތަކަށް ހޭނިފައެވެ. ގިނަ ފަހަރަށް، މިބާވަތުގެ ވާހަކަ ނަޝީދު ދައްކަވާ އިވެންޓުތަކުގައި އަތް ޖައްސަވަން ހުންނަވާ ޕާޓީގެ އެކްޓިވިސްޓުވެސް މިޒާތުގެ ވާހަކަތަކަށް އަތްޖައްސަވަމުން އެހެންނަމަވެސް، އެއްކަނުން ހީލާ މަންޒަރު ބައެއް ފަހަރަށް ފެނެއެވެ.
ދަންނަވަން މިއުޅޭ ވާހަކައަކީ، ކެމްޕޭން އިވެންޓުތަކުގައި، ހަގީގަތާ ޚިލާފަށް ދައްކަވާ މިޒާތުގެ ވާހަކަތައް، މިއަދު ހަގީގަތުގައި ވިއްކަން އުދަގޫ ވާހަކައެވެ. އަދި އޭގެ ބަދަލުގައި، މިވާހަކަތައް އަޑުއަހާފައި، މިވާހަކަތައް ބަލައިގަންނަ މީހުންނަށްވުރެ ނަފްރަތުކުރާ މީހުން ގިނަކަމުގެ ވާހަކައެވެ.
ހަގީގަތުގައިވެސް، ދިވެހިންގެ ވޯޓުލާ އާބާދީ އަށް ފާއިތުވެދި 20-15 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި އައިސްފައިވާ ބޮޑެތި ބަދަލުތަކުން، އެންމެންވެސް މިތިބީ ވަރަށް ބޮޑަށް ހޭޅުންތެރިވެފައެވެ. ހެޔޮނުބައި ވަކިކުރަން ދަންނަ އެތައް ބަޔަކު ވޯޓުލައެވެ. މީހުންނާ ދިމާލަށް ވަނަމުން ގޮވަމުން، އަދި ހަގީގަތާ ޚިލާފު އެތައްކެއް ވައުތުތަކާއި، ރައްޔިތުން "ގޮބޯ" ހެއްދުމަށް ދައްކާ މިބާވަތުގެ ވާހަކަތަކުންނާއި، ވައުދުތަކުން މިއަދަކު ވޯޓެއް އިތުރުވަމުން ނުދާކަންވެސް އެބަ ގަބޫލުކުރަން ޖެހެއެވެ.
މިކަންކަން ގަބޫލު ނުކުރެވުން، ނުވަތަ ގަސްތުގައި ގަބޫލު ނުކޮށް، ކޮންމެ އިންތިޚާބެއްގައިވެސް އެއްވާހަކައެއް ދައްކަވާ، ފާއިތުވެދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް ހަމަ އެއް މޭރުމަކުން ނަޝީދު ދައްކަވާފައި ވާހަހަކަތަކުން އެޕާޓީއަށް އިތުރަށް ލިބިގެން ގޮސްފައިވާ ވޯޓެއް އޮތްކަމުގައި ދެންނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.
ނަތީޖާއަކީ ކޮބާ؟
ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ ވަރަށް ސާފެވެ. އިދިކޮޅު ޕީޕީއެމްއާ ވާދަކޮށް، އެމްޑީޕީ ބަލިވެގެން ދިޔައީ ވަރަށް ބޮޑު ބައްޔަކުންނެވެ.
ގަބޫލުކުރަން ދަތިވިޔަސް، ރަށްރަށަށް އިންތިޚާބުކުރި އަންހެނުންގެ ކައުންސިލްތަކުގެ ގޮޑިތަކާއި އެއްކޮށްލައިގެން، އެމްޑީޕީއަށް ލިބިފައިވާ ގޮޑިތަކުގެ އަދަދު ގިނަ ނަމަވެސް، ރާއްޖޭގެ ބޮޑެތި ބައެއް ސިޓީތަކުން މެޖޯރިޓީ އެޕާޓީއަކަށް ގެއްލިއްޖެ ނަމަ، ކުދި ކުދި ރައްތަކުން ގޮޑިތައް ހަމަކޮށްގެން އިންތިޚާބު ކާމިޔާބު ކުރެއްވިއްޖަ ކަމަަށް ބުނެ މެޑަލް ޖެހުމަކީ ހަގީގަތުގައި ބޭކާރުމެއް ކަމުގައި ނޫނީ ނުވާނެއެވެ.
ސަބަބަކީ، ރާއްޖޭގައި ބޭއްވޭ ހަމަ ކޮންމެ އިންތިޚާބެއްގައިވެސް، ބޮޑެތި އާބާދީތަކަށް އަމާޒުކޮށް ހުރިހާ ޕާޓީއަކުން ވެސް ކެމްޕޭނުކޮށް، ބޮޑެތި އާބާދީތައް ކާމިޔާބުކުރުމަށް ވަކީން ޚާއްސަކޮށް މަސައްކަތް ކުރާތީއެވެ. އަދި ބޮޑެތި އާބާދީތަކުގެ ގޮޑިތަށް ކާމިޔާބު ކުރުމަކީ، ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކާއި، އަދި ސިޔާސަތުތައް ތަންފީޒުކުރުމުގައި އެތައް ގުނައަކުން ފަސޭހަވެގެން ދިއުމުގެ އިތުރުން، ސިޔާސީ ގޮތުންވެސް ސަރުކާރަށް އެތަކެއް މަންފާތަކެއްވެސް ލިބިގެންދާނެ ކާމިޔާބީއަކަށް ވެގެންދާނެތީވެސްމެއެވެ.
އެހެންކަމުން، އައްޑޫސިޓީން މެޖޯރިޓީ ގެއްލި، މާލޭ ސިޓީން ބޮޑުތަކުން މެޖޯރިޓީ ގެއްލި، ރާއްޖޭގެ އެންމެ ބޮޑު އެއް އޮތޮޅުކަމުގައިވާ، ހުވަދޫ އަތޮޅުގެ ގއ އަދި ގދގެ ވެސް އަތޮޅު ކައުންސިލް ރައީސްކަން ގެއްލި، މުޅި އަތޮޅުގެ ގިނަ ކައުންސިލްތައް ނުލިބި، އަދި މިނޫނަސް، ބޮޑެތި ބައެއް ރައްތަކާއި އަދި އެހެނިހެން އަތޮޅުތަކުންވެސް އޮތޮޅު ކައުންސިލް ރައީސްކަން ގެއްލިގެން ދިއުމުން، ހުރިހާ ކައުންސިލްތައް އެއް ކޮށްލީމަ ނަތީޖާއިން ކުރީގައި އޮތުމަކީ ލިބިގެންދިޔަ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރުމަކީ، ހަގީގަތުގައި ޖޯކަކަށް ވެދާނެއެވެ.
އެހެންކަމުން، އިންތިޚާބުގެ ނަތީޖާއިން އެމްޑިޕީ ބަލިވެގެން ގޮސްފައިވާއިރު، ސިޔާސީ ގޮތުން އެމްޑިޕީގެ ރައީސްގެ އެޖެންޑާގައި ހުރި ބައެއް ކަންކަމަށް ކުރާނެ އަސަރުތަކަށް އަދި މިޖެހެނީ ބަލަން ތިބޭށެވެ. ހަމަ ޔަގީނުންވެސް އެގެން އޮތް ކަމަކީ، ރާއްޖޭގެ ވެރިކަން ކުރަމުންދާ ނިޒާމު ބަރުލަމާނީ ނިޒާމަށް ފުރޮޅާލުމަށް ކުރަން ހުރި މަސައްކަތްތަކަށް، މިނަތީޖާއިން އަސަރުތަކެއް ނުކޮށް ނުދާނެކަމެވެ.
ހަމައެއާއިއެކު، ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހަށް، ލޯކަލް ކައުންސިލް އިންތިޚާބުން އެމްޑީޕީ ބަލިވެގެން ދިއުުމުގެ އަސަރު ކުރާނީ ކޮންގަތަކަށް ކަންވެސް މިއީ އަދި ދުރުމި އަޅައިގެން ބަލަންޖެހިފައިވާ އެއްކަމެވެ. އެމަނިކްފާނުގެ އެޖެންޑާގައި 2023 ނޯވެ ދިއުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. އެހެންކަމަށް ވާނަމަ، ރާއްޖޭގެ ބޮޑެތި އާބާދީތަކުގެ ތާއީދު ސަރުކާރަށް ނެތުމަކީ، އެމަނިކްފާނުގެ ބޮލުގެ ރިހުމަކަށް ނުވެ ނުދާނެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން ލައްކަ ވާހަކަ އެބަ ކިޔައިދެއެވެ. އަދި އޮތީ ކުރިޔަށެވެ.