ސަރުކާރުގެ ފުރިހަމަ ބާރާއި ނުފޫޒާއި، މަޖިލީހުގެ ސުޕަމެޖޯރިޓީއާއިއެކު ކޯވިޑް މަތިކޮށް އިދިކޮޅު ފަރާތްތަކުގެ އަތްފައި ބަދެ ބޭއްވި ކައުންސިލް އިންތިޚާބުގައި އިދިކޮޅުން ސަރުކާރުގެ ސައިޒު ދައްކާލައިފިއެވެ.
ކައުންސިލް އިންތިޚާބު ބާއްވާނެ ދުވަސް އިއުލާން ކުރި ހިސާބުން ފެށިގެން އިންތިޚާބު ނިމުމާއި ހަމައަށްވެސް އިދިކޮޅު ކޯލިޝަނުން ދިޔައީ ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ދިނުމަށް ގޮވާލައި، ސަރުކާރާއި، ކަމާއި ގުޅުންހުރި އިދާރާތަކުގައި އާދޭސް ދަންނަވަމުންނެވެ. ނަމަވެސް ސަރުކާރުންވެސް އަދި ކަމާއި ގުޅުންހުރި އިދާރަތަކުން އިދިކޮޅަށް ދިނީ ބީރު ކަންފަތެކެވެ. އިދިކޮޅުން ސިޔާސީ ހަރަކާތް ހިންގަން ޖާގަނުދީ ޕީޕީއެމް އޮފީސް ބަންދުކޮށް ފުލުހުން ލައްވައި ޕީޕީއެމް އޮފީހުގެ ސަލާމަތީ ކަންކަން ދިޔައީ ބަލަހައްޓަމުންނެވެ.
އެމްޑީޕީން މުޅި ރާއްޖޭގައި ކެމްޕެއިން ކުރުމުގައި، އިދިކޮޅު ރަށު ބަންދުގައި
އިންތިޚާބަށް ދެ ހަފްތާއަށް ވުމާއިއެކު ސަރުކާރުގެ މަޝްރޫޢުތަކާއި، ބިންގާތައް މުޅި ރާއްޖެއަށް އެއްވެސް ހަމައެއް ލަމައެއްނެތި ދިޔައީ އޮއްސަމުންނެވެ. ބޮޑެތި ސިޓީތަކާއި، ރަށްތަކަށް އެކިއެކި މަޝްރޫޢުތައް ފަށައި، މަޖިލިސް މެމްބަރުންނާއި ދައުލަތުގެ ވެރިން ވަޑައިގެން ތަރައްޤީގެ ނަމުގައި ބޮޑެތި ސިޔާސީ އިވެންޓުތައް ދިޔައީ ބާއްވަމުންނެވެ.
ހުރިހާ ފުރުސަތެއް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ބޭނުން ކުރަމުންދިޔައީ ނަހަމަ ގޮތުގައިކަމަށް އޭރުވެސް އިދިކޮޅު ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. ކޯވިޑާއި މަތިކޮށް އިދިކޮޅު ފަރާތްތައް ވަނީ ފަށު ބަންދުކޮށްފައެވެ. އިދިކޮޅު ފަރާތްތަކުން ކެމްޕެއިނަށް ދާނަމަ 10 ދުވަހުގެ ކަރަންޓީނުވެ ދެވޭނެ އެއްވެސް ގޮތެއް ފަހި ނުވިއެވެ. ކެނޑިނޭޅި އިންތިޚާބުގެ ކުރިންވެސް އިދިކޮޅު ލީޑަރު ރައީސް ޔާމީން ގެޔަށް ބަދަލު ކުރުމަށް ކުރި މަަސައްކަތަށްވެސް ސަރުކާރުން އިޖާބައެއް ދީފައި ނުވެއެވެ.
އިދިކޮޅު ފަރާތްތައް ބަލިކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއްކޮށް، މުޅި ސަރުކާރުގެ ނުފޫޒާއި ބާރު އިންތިޚާބަށް ހުސްކުރި ނަމަވެސް ނަތީޖާ ފެނުނީ އެމްޑީޕީއަށް ވަރަށް ލަދުވެތި ހިތްދަތި ގޮތަކަށެެވެ. މާލެ ސިޓީގައި ސުޕަމެޖޯރިޓީގެ އެމްޑީޕީގެ 14 މަޖިލިސް މެމްބަރުން ތިއްބަވައި ކުރެއްވި ވަރުގަދަ ކެމްޕެއިންވެސް ދިޔައީ ތޮޅިއަށެވެ. މާލޭގެ 14 އެމްޑީޕީ މެމްބަރުންނަށް މާލޭގައި ތާއީދު ނެތްކަން މާލޭ ރައްޔިތުން ވަނީ ވަރަށް ރީތިކޮށް ހާމަކޮށްދީފައެވެ. ކައުންސިލް އިންތިޚާބު އެމްޑީޕީގެ މުޅި ކެމްޕެއިން އެމީހަކަށް އަމާޒުވި ޑރ.މުއިއްޒު އަށް ނިސްބަތްކޮށް ނުކިޔާ އެއްޗެއް، ނުކުރާ ތުހުމަތެއް ނެތެވެ. ނުވިތާކަށް އިރުއިރުކޮޅާ ގެންދިޔައީ އެސީސީއަށްވެސް ދަމަމުންނެވެ.
ނަމަވެސް މިހުރިހާ ގޮންޖެހުންތަކާއި ހުރަސްތަކާއިއެކުވެސް މާލޭ ރައްޔިތުން ވަނީ އެމްޑީޕީއަށް ބޮޑު ތަނުން ނޫނެކޭ ބުނަފައެވެ. މާލޭގެ ސުޕަމެޖޯރިޓީ ޕީޕީއެމްއަށް ދީފައެވެ. އެމްޑީޕީންގެ ނުފޫޒާއި ބާރު އިންތިހާއަށް ބޭނުންކޮށް ކުރި ކެމްޕެއިންގައި ގިނަ ގޮޑިތަކެއް ލިބުނު ނަމަވެސް މިއިންތިޚާބަކީ އެމްޑީޕީއަށް ބޮޑު ބައެއްޔެއް ގޮތުގައި އެޕާޓީގެ ގިނަ އާންމު މެމްބަރުންވެސް ދެކެއެވެ. އަދިމިއީ ޕާޓީގެ ލީޑަރޝިޕް ބަދަލު ކުރަންޖެހޭ ވަގުތުކަމަށް އެޕާޓީގެ މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.
އިންތިޚާބުގެ ނިންމުމަށް އެމްޑީޕީން ބޭއްވި ރަސްމިއްޔާތަކީވެސް ގިނަ ބައެއްގެ ނަޒަރު ހުއްޓުނު ރައްމިޔާތެކެވެ. އެމްޑީޕީގެ މެމްބަރުންގެ ފަރި ނެށުންތަކާއި، ބޭއްވި ޖަލްސާގައި ދެއްވި ރައްދުތަކަކީ މިއަދު އޭގެ ނަތީޖާ އެމްޑީޕީއަށް ރައްދުވާ ކަންތައްތަކެވެ. މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް ވިދާޅުވެފައިވަނީ އެމްޑީޕީގެ ހާއްޔަކަށް ޕީޕީއެމްއަށް ބިސް ނޭޅޭނެކަމަށެވެ. ނަމަވެސް މިއަދު މިއޮތީ އެކަންވެސް އިދިކޮޅޫ ކޯލިޝަނުން ކޮށްފައެވެ.
Had to be done! ?? pic.twitter.com/Zq8zHSuIOT
— A?️ (@AdduAalaath) April 8, 2021
މިނަތީޖާއާއިއެކު އެމްޑީޕީގެ އަސްލު ސައިޒު މިހާރު ފެނިފައިވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިއީ ރައްޔިތުން ކަސްތޮޅު އަޅުވައި، ނުހައްގު އަނިޔާދީގެން ކުރި ނުލިބޭނެކަން ހާމަވި އިންތިޚާބެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.