ދިވެހި ދައުލަތް ނުހިނގާކަމަށާއި، ރައީސުލްޖުމްހޫރިއްޔާއާއި މަޖިލީހުގެ ރައީސް ޖައްސަވާ ސަކަރާތުން މުޅި ޤައުމު ހުއްޓިފައިވާކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯތް އޮތޯރިޓީ އުވާލާ، އެތަނުގެ މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޒިޔާދު ހުށައެޅުއްވި ބިލަށް ވާހަކަފުޅު ދައްކަވަމުން ސަޢީދު ވިދާޅުވީ، އެ ބިލުގައި ބަޔާންކުރަނީ، ސަރުކާރަށް ބާރުތައް ޖަމާކުރުމުގެ ވާހަކަތައްކަމަށެވެ.
ސަޢީދު ވިދާޅުވީ، ކޯވިޑް-19އާއި ގުޅިގެން މުޅި ދައުލަތް ހުއްޓިގެން ދިޔަކަމަށާއި، މުޅި ޤައުމު ބަންދުވެފައި އޮއްވާ މަޖިލީހުގެ ޖަލްސާތައް ބާއްވައިގެން މަސައްކަތްތަށް ފެށްޓެވީ މަޖިލީހުގެ ރައީސްކަމަށެވެ.
އިއްޒަތްތެރި ރައީސް މި މަޖިލިސް ފެށީ މުޅި ކޮވިޑް ތެރޭގައި ބަންދުވެފައި އޮއްވާ. ދަންވަމެންނުންތޯ ރައީސް ނަޝީދު އެ ކުރެއްވި މަސައްކަތަށް އަޅުގަނޑު ތާޢީދުކުރަމޭ. އެއީ މަޖިލިސް ހުޅުވީމަ. ސަރުކާރު ނުހިނގީތީ މަޖިލިސް ހުޅުވީ. އެވާހަކަ އަޅުގަނޑު ދެއްކީ.
– މުޙައްމަދު ސަޢީދު
ސަޢީދު ވިދާޅުވީ. ސަރުކާރުން ހުރިހާކަމެއްވެސް ކުރަނީ ރައީސް ނަޝީދުގެ ނަންފުޅު ވިއްކައިގެންކަމަށެވެ. ރައްޔިތުން އިންތިޚާބު ކުރި ރައީސްއަށް ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކޮށްދެވޭކަމަށް ވިދާޅުވަމުން ސައީދު ވަނީ ދެ ރައީސު ޖައްސަވާ ސަކަރާތުގެ ސަބަބުން މުޅި ޤައުމު ހުއްޓިފައިވާކަމަށް ސިފަކުރައްވާފައެވެ.
މުޅި ސަރުކާރު އެ އުޅޭނީ މަނިކުފާނު ވިއްކައިގެން ކައިގެން. ކައިގެން ބޮއިގެން އެ އުޅުއްވަނީ މަނިކުފާނު ނަންފުޅު ވިއްކައިގެން. މިއީ ކުރާކަމަކީ، ރައީސް ނަޝިދު، ރައީސް ނަޝީދު، ރައީސް ނަޝީދު، ސަރުކާރަކުން ކަމެއް ނުކުރޭ. ކޮބައިތޯ އަޅުގަނޑުމެން އިންތިޚާބުކުރި ރައީސް. މި ދެރައީސުން ޖަހާ ސަކަރާތެއްގައި މުޅި ޤައުމޭ ތާށިވަނީ. ނިޒާމެއް ނުހިނގައޭ އިއްޒަތެތރި ރައީސް. އެވާހަކައޭ އަޅުގަނޑު މިދައްކަނީ. ކައިގެން ބޮއިގެން އުޅުއްވަންވީ މީހުންގެ ނަން ވިއްކައިގެނެއް ނޫނޭ އިއްޒަތެތރި ރައީސް.
– މުޙައްމަދު ސަޢީދު
ސަޢީދު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝިދު ވަނީ މިސަރުކާރަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މިސަރުކާރަކީ ވައްކަން ކުރާ ސަރުކާރެއްކަމަށާއި، ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީ ނޯންނާނެކަމަށްވެސް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ދިވެހި ދައުލަތް ނުހިނގާކަމަށް ސަޢީދު މިއަދު ވިދާޅުފައިވާއިރު، މި ސަރުކާރުގެ ދައުރު ބައިވެގެން ދިޔައިރުވެސް މާބޮޑު މަޝްރޫޢުތަކެއް ނުހިނގޭކަމުގެ ފާޑުކިއުން ސަރުކަރަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް ދައުުލަތުގެ ދަރަނި ބޮޑުވަމުން އަންނަކަންވެސް އިޤްތިޞާދީ ބައެއް ބޭފުޅުން ފާހަގަކުރައްވައެވެ.
ކޮމެންޓު ފޮނުވާ