ސިހުރުވެރިންނާއި ޝަރުއީ ރުޤުޔާ ކުރާ މީހުންގެ ފަރަގު ހުތުބާގައި ސާފުކޮށްދީފި

ސިހުރުވެރިންނާއި ޝަރުއީ ރުޤުޔާ ކުރާ މީހުންގެ ފަރަގު ހުތުބާގައި ސާފުކޮށްދީފި

Author
އަހުމަދު
17 ޖުލައި 2026 02:55
0

ބައްޔަކަށް ފަރުވާ ހޯދުމަށް ނުވަތަ އަޖުމަ ބެލުމުގެ ނިޔަތުގައި ނަމަވެސް ސިހުރުވެރިއެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ކަމަކާ މެދު ސުވާލުކޮށްފި ނަމަ 40 ދުވަހު އެ މީހެއްގެ ނަމާދު ޤަބޫލުނުކުރައްވާނެ ކަމަށާއި، އެ ފަދަ ކަންކަމުން ދުރުހެލިވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައްވައިފިއެވެ.

"ސިހުރު ހާހޫރަ ހެދުމުގެ ނުބައިކަން" މި މައުޟޫއަށް ހާއްސަކުރި މިއަދުގެ ހުތުބާގައި ވަނީ، ސިހުރު ހަދާ މީހުންގެ ކިބައިން ފަރުވާ ހޯދަން ދާ މީހުންނަށް ވެސް ކުރިމަތިވާ ނުރައްކާތެރި ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ހުތުބާގައި ވަނީ ކީރިތި ރަސޫލާ ﷺ ގެ ހަދީސެއް އިސްތިޝްހާދު ކުރައްވާފައެވެ. އެ ހަދީސުގެ މާނައިގައި ވަނީ، "ކާހިނެއްގެ ގާތަށް ގޮސް ކަމަކާ މެދު ސުވާލުކޮށްފި ނަމަ ސާޅީސް ދުވަސް ވަންދެން އޭނާގެ ނަމާދު ޤަބޫލުނުކުރައްވާނެ" ކަމުގައެވެ. އަދި ސިހުރުވެރިޔާ ނުވަތަ ކާހިނު ބުނާ ބަހެއް ޤަބޫލުކޮށްފި މީހަކީ، ކީރިތި ރަސޫލާގެ މައްޗަށް ބާވައިލެއްވުނު ތަކެއްޗަށް ކާފަރުވެއްޖެ މީހެއް ކަމުގައި ވެސް ހުތުބާގައި ވިދާޅުވިއެވެ.

ފަރުވާކުރުމުގެ ނަމުގައި މަސައްކަތްކުރާ ސިހުރުވެރީންގެ ސަބަބުން ފަރުދުންނާއި، އާއިލާތަކާއި، މުޖުތަމައުގައި ބޮޑެތި ފިތުނަވެރިކަން އުފެދޭ ކަން ފާހަގަކުރައްވަމުން، އެ ފަދަ ކަންކަމަށް ހެއްލި، ތިމާގެ އީމާންކަން ފުނޑުފުނޑުކޮށްނުލުމަށް ހުތުބާގައި ވަނީ ގޮވާލައްވައިފައެވެ. މީގެ އިތުރުން، ސިހުރުގެ ނުރައްކަލުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައަކީ މާތް ﷲ އަށް ފުރިހަމައަށް ވަކީލުކޮށް، އެކަލާނގެ ހަޟްރަތަށް ދުއާ ދެންނެވުން ކަމުގައި ބަޔާންކުރެއްވިއެވެ.

ސިހުރުވެރިޔާ ކޮންމެ ސިހުރެއް ހެދި ނަމަވެސް، މާތް ﷲ ތިބާއަށް ލިޔުއްވާފައިވާ ކަމެއް މެނުވީ ނުޖެހޭނެ ކަން ޔަގީންކަމާ އެކު ޤަބޫލުކުރަން ޖެހޭ ކަމަށް ހުތުބާގައި ވިދާޅުވިއެވެ. އެގޮތުން، ފެންނަ ހުވަފެނެއް، ގައިގައި އަޅާ ވޭނެއް، ކުއްޖެއްގެ ނަތީޖާ ދަށްވުން، ނުވަތަ މީހެއްގެ ކައިވެނި ލަސްވުމުގެ ސަބަބަކީ ސިހުރު ކަމުގައި ޤަބޫލުކުރުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ހުތުބާގައި ވަނީ ބަޔާންކުރައްވައިފައެވެ.

މުސްލިމުންގެ އަޤީދާއަކީ ކޮންމެ ނިއުމަތަކާއި ކޮންމެ މުސީބާތެއް ޖެހެނީ މާތް ﷲ ގެ މިންވަރުފުޅުން ކަން ޤަބޫލުކުރުން ކަމަށާއި، ފަރުޟު ފަސް ނަމާދު ވަގުތުގައި އަދާކުރުމާއި، ހެނދުނާއި ހަވީރުގެ ޒިކުރުތަކަށް ރައްކާތެރިވުމާއި، ގޭތެރޭގައި ކީރިތި ޤުރްއާން، ހާއްސަކޮށް ސޫރަތުލްބަޤަރާ ކިޔެވުން ގިނަކުރުމަކީ ޝައިޠާނާގެ މަގުތައް ބަންދުވެ، ހިތުގައިވާ ވަހުމުތައް ފިލައިދާ ކަމެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

ފަރުވާއެއް ހޯދާ ނަމަ ދާން ޖެހޭނީ ސުންނަތުން ސާބިތުވާ ޝަރުއީ ރުޤުޔާގެ ސައްހަ މަގުން ކަން ފާހަގަކުރައްވަމުން، ޝަރުއީ ރުޤުޔާ ކުރާ މީހުން ކުރާނެ އަދި ނުކުރާނެ ކަންކަން ވެސް ހުތުބާގައި ސާފުކޮށްދެއްވިއެވެ. އެގޮތުން، ޝަރުއީ ރުޤުޔާއަކީ ކީރިތި ޤުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާ ﷺ ގެ ފަރާތުން ސާބިތުވެފައިވާ ދުއާތަކާއި ޒިކުރުތައް ބޭނުންކޮށްގެން ކުރެވޭ ފަރުވާއެއް ކަމަށާއި، މީގައި އެއްވެސް ކަހަލަ ސިއްރު ކިޔެވުމެއް ނުވަތަ ނޭނގޭ ބަސްތަކެއް ނުހިމެނޭ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި ސައްޙަ ގޮތުގައި ރުޤުޔާ ކުރާ މީހާ، މައިންބަފައިންގެ ނަން ނާހާނެ ކަމަށާއި، ގޮތްނޭނގޭ ފޮތިގަނޑުތަކާއި، ތަވީދުތަކާއި، ކަރުދާސްކޮޅުތައް ގެންގުޅުމަށް ނުބުނާނެ ކަމަށާއި، މާތް ﷲ ފިޔަވައި އެހެން ފަރާތަކަށް ކަތިލުމަށް ނުވަތަ ދީނުގެ އަދަބާ ހިލާފު އެއްވެސް ކަމެއް ކުރުމަށް ނޭދޭނެ ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ. މި ފަދަ ކަންކަމަކީ ސިހުރުވެރީން ކުރާ ކަންކަން ކަމަށާއި، އެ ފަދަ ކަންތަކަށް ތަބާ ނުވުމަށް ހުތުބާގައި ވަނީ ގޮވާލައްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.