އެމެރިކާއާއި އީރާނާ ދެމެދު ޞުލްޙަ ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ފޭލުކޮށްލުމަށް ޔަހޫދީ ސަރުކާރުން ސިއްރު ކެންޕޭނެއް ހިންގަމުންދާ ކަމުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ތުހުމަތު ކުރައްވައިފިއެވެ.
ޖޯ ރޯގަންގެ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ވޭންސް ވިދާޅުވީ، މެދުއިރުމަތީގައި ދާއިމީ ހަމަނުޖެހުމެއް ޤާއިމުކުރުމުގެ ބޭނުމުގައި ޔަހޫދީ ސަރުކާރުގެ އިސްވެރިން ބޮޑެތި ޚަރަދުތަކެއް ކުރައްވައި، އެމެރިކާގެ ޢާންމު ރައްޔިތުންގެ ވިސްނުން އަނބުރައިލުމަށް ސިއްރު ހަރަކާތްތަކެއް ހިންގަވަމުންދާ ކަމުގައެވެ. މިއީ އެމެރިކާގެ ޤައުމީ މަޞްލަޙަތާއި ސަލާމަތަށް ސީދާ ގޮތުން ގެއްލުންހުރި، އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ޢަމަލެއް ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ.
އެމެރިކާއާއި އީރާނާ ދެމެދު މިދިޔަ މަހު ސޮއިކުރެވުނު ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުމަށް ޔަހޫދީން ދެކޮޅު ހަދާކަމުގެ "ސާފު ހެކިތައް" ލިބިވަޑައިގެންފައިވާ ކަމަށާއި، އެ އެއްބަސްވުން ދާއިމީ އެއްބަސްވުމަކަށް ބަދަލުކުރުމަށް ކުރެވެމުންދާ މަޝްވަރާތައް ވެސް ފޭލުކޮށްލުމަށް ޔަހޫދީ އިސްވެރިން މަސައްކަތް ކުރައްވަމުންދާ ކަމުގައި ވޭންސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، އެމެރިކާގެ ސިޔާސީ އިސް ބޭފުޅުން މި ފަދަ ބޭރުގެ ނުފޫޒުތަކަށް ޖާގަދެއްވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ވޭންސްގެ މި ތުހުމަތުތަކާ ގުޅިގެން ވައިޓް ހައުސްއިން ބުނެފައި ވަނީ، އެމެރިކާގެ ޢާންމު ރައްޔިތުންގެ ޚިޔާލަށް ނުފޫޒު ފޯރުވުމަށް ބޭރުގެ ޤައުމުތަކުން މަސައްކަތް ކުރާކަން ޙަޤީޤަތެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމުގައެވެ.
ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން، އެ ދައުލަތާ މެދު އެމެރިކާގެ ޢާންމު ރައްޔިތުންނާއި ސިޔާސީ އިސްވާރުންގެ ވިސްނުން ފަހަކަށް އައިސް ދަނީ ހަލުވި ބަދަލެއް އަންނަމުންނެވެ. މީގެ އެންމެ ފާޅުކަން ބޮޑު އެއް ހެއްކަކީ، ޔަހޫދީ ދައުލަތަށް އެމެރިކާއިން ކޮންމެ އަހަރަކު ފޯރުކޮށްދޭ އެތައް ބިލިޔަން ޑޮލަރެއްގެ އެހީ ކަނޑައިލުމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް ފަހަކަށް އައިސް ހުށަހެޅި ޤަރާރެވެ. އެ ޤަރާރު ބޭރުކޮށްލި ނަމަވެސް، 104 މެންބަރަކު އެ ޤަރާރު ބަލައިގަތުމަށް ވޯޓުދެއްވުމަކީ، ޔަހޫދީންގެ ސިޔާސީ ނުފޫޒު ވޮށިންގޓަނުގައި ދަނީ ބަލިކަށިވަމުންކަން ދޭހަކޮށްދޭ ޙަޤީޤަތެއް ކަމުގައި ސިޔާސީ މުޙައްލިލުން ފާހަގަކުރައްވައެވެ.
ކޮމެންޓު ފޮނުވާ