ރަސްމާލެއިން ޓީޖީއެސްޓީގެ ގޮތުގައި 340 މިލިއަން ޑޮލަރު ލިބޭނެ: ވަޒީރު

ރަސްމާލެއިން ޓީޖީއެސްޓީގެ ގޮތުގައި 340 މިލިއަން ޑޮލަރު ލިބޭނެ: ވަޒީރު

Author
އަހުމަދު
10 ނޮވެމްބަރ 2026 09:04
0

 

ރަސްމާލެ މަޝްރޫއު ފުރިހަމަވުމުން، ރާއްޖެއަށް ފަތުރުވެރިކަމުން ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ އެ މަޝްރޫއުން ލިބޭނެ ކަމަށް ހައުސިންގ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި "އަހާ" ފޯރަމުގައި ވަޒީރު ވިދާޅުވީ، މިހާރު ރާއްޖޭގެ 20,000 ހެކްޓަރުގެ ރަށްތަކާއި ފަޅުތަކުން ފަތުރުވެރިކަމުގެ ގޮތުގައި 5.4 ބިލިއަން ޑޮލަރު ލިބޭއިރު، ރަސްމާލެ އެކަނިން ދެ ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މުޅި ސެކްޓަރުން ޓީޖީއެސްޓީގެ ގޮތުގައި 700 މިލިއަން ޑޮލަރު ލިބޭއިރު، އޭގެ ތެރެއިން 340 މިލިއަން ޑޮލަރު ރަސްމާލެއިން ލިބޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރަސްމާލޭގައި 8,800 ޕްރޮޕަޓީ ބިނާކޮށް، ގާތްގަނޑަކަށް 30,000 އެނދު ތައްޔާރުކުރުމަށް ރާވާފައިވެއެވެ. އެ ޕްރޮޕަޓީތައް ބޭނުންކުރެވޭނީ ބޭރުގެ ފަރާތްތަކުގެ "ހޮލިޑޭ ހޯމް" ގެ ގޮތުގައި ކަމަށާއި، އެތަނުގައި އެއްވެސް މީހަކު ރަށްވެހި ނުވާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ދެއްވިއެވެ.

ކުރީގައި ރަށްތަކާއި ފަޅުތައް ދޫކޮށްފައިވަނީ ދައުލަތަށް އެކަށީގެންވާ ފައިދާއެއް ނުލިބޭ ގޮތަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިސާލަކަށް، އެނބޫދޫ ފަޅުގެ 700 ހެކްޓަރު 40 މިލިއަން ޑޮލަރަށް ދޫކުރިނަމަވެސް، އެތަނުން ދައުލަތަށް ލިބޭ ފައިދާ މަދުކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ސަރުކާރުން މިހާރު ބަލަނީ އެއްފަހަރާ ލިބޭ ފައިސާއަށްވުރެ ދިގު މުއްދަތުގައި ދައުލަތަށް މަންފާ ލިބޭނެ ގޮތްތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.