ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއް މި އަހަރު ނިމުމުގެ ކުރިން އޭސީކޮށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ރިޔާސީ ދައުރު ނިމެންދެން މަޑުނުކޮށް މި މަސައްކަތް ނިންމާލަން ވަޒީރު ވިދާޅުވިއެވެ.
ވަޒީރުންނާ ސުވާލު ކުރުމަށް ރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަފީޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލެއްގެ ގޮތުން "ކޫލް ސްކޫލް" މަޝްރޫއު ފެއްޓެވީ ކަމަށެވެ. މި މަޝްރޫއު މެނިފެސްޓޯގައި ނުހިމެނުނު ނަމަވެސް، ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ބޮޑު ތާއީދެއް ލިބެމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ކްލާސްރޫމްތައް ފިނިކުރުމުން ދަރިވަރުންނަށް ފަސޭހައިން ކިޔަވަން ލިބި، ޓީޗަރުންނަށް ވެސް ހިތްހަމަޖެހިގެން ކިޔަވައިދެވޭނެ ކަމަށް ޑރ. ޝަފީޢު ވިދާޅުވިއެވެ. ކަރަންޓުގެ ޚިދުމަތާ ގުޅޭ ބައެއް އިދާރީ ބަދަލުތަކާ ހެދި ދަތިތަކެއް ކުރިމަތިވި ނަމަވެސް، މަސައްކަތް މިހާރު ހަލުވިކަމާ އެކު ކުރިއަށް ދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ ތަޢުލީމީ އަހަރު ފެށޭއިރު، ރާއްޖޭގެ ކޮންމެ ކަނަކުވެސް ދަރިވަރުންނަށް ފިނި، އުފާވެރި މާޙައުލެއްގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ޑރ. ޝަފީޢު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ