ރާއްޖެއާއި އެކުވެރި ގައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށް ގެއްލުން ލިބޭފަދަ ސިޔާސީ ވާހަކަތަކުން ދުރުހެލިވުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ހުރިހާ ފަރާތްތަކަކަށް އެދިވަޑައިގެންފިއެވެ.
މިރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއިން މިހާރު 187 ގައުމަކާއެކު ޚާރިޖީ ގުޅުން ގާއިމުކޮށްފައިވާ ކަމަށާއި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭރުގެ އެހީ ލިބެމުން އަންނަނީ މި ގުޅުންތައް ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.
ރަސްމާލެ މަޝްރޫއަށް އިޝާރާތްކުރައްވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫއަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ޑޮލަރުގެ ދަތިކަމަށް ހައްލު ހޯދައިދީ، ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ. ނަމަވެސް، މި މަޝްރޫއާ ގުޅުވައިގެން ސިޔާސީ ބޭނުންތަކަށް ދައްކާ ޒިންމާދާރު ނޫން ވާހަކަތަކުގެ ސަބަބުން، ކޮންޓްރެކްޓަރު ނިސްބަތްވާ ގައުމާ އޮތް ގުޅުމަށް ބުރޫއަރައި، އޭގެ ނޭދެވޭ އަސަރު އަންނަން އޮތް ޖީލުތަކަށްވެސް ކޮށްފާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިފަދަ ވާހަކަތަކުގެ ސަބަބުން ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ދަތިތަކާ ކުރިމަތިލާން ޖެހި، ރާއްޖެއަށް ލިބެންހުރި އިންވެސްޓްމަންޓްތައް ހުއްޓިދާނެ ކަމަށްވެސް އިރުތިޝާމް ފާހަގަކުރެއްވިއެވެ. އެހެންކަމުން، ބޭރު ގައުމުތަކަށް ދަތުރުކުރާއިރު ދިވެހިރާއްޖޭގެ ނަމާއި ހައިސިއްޔަތު ހިފަހައްޓައި، އެ ގައުމުތަކުގެ ގާނޫނާއި އާދަކާދައަށް އިހްތިރާމްކުރުމަށް ވަޒީރު ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ