އިންޑިއާގެ ޔޫޕީއައި ނިޒާމު ރާއްޖޭގެ ފަވަރައާ ގުޅާލުމުގެ މަސައްކަތަކީ ދެ ޤައުމުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އައު އުސްމިނަކަށް ގެންގޮސްދޭނެ ފިޔަވަޅެއް ކަމަށް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ.
އިޤްތިޞާދީ ވުޒާރާއިން ގެނެސްދޭ "ޓްރޭޑް ޑެސްކް ވިތު އަނާ" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއިންވެސް ދެ ޤައުމުގެ ދެމެދުގައި ގާތްގަނޑަކަށް 300 މިލިޔަން ޑޮލަރުގެ ޚިދުމަތްތައް ބަދަލުކުރެވޭ ކަމަށެވެ. އެއާއެކު ކޮންމެ އަހަރަކު 140،000 އާއި 150،000 އާ ދެމެދުގެ އަދަދަކަށް އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާއިރު، ގިނަ އަދަދެއްގެ ދިވެހިން ތަޢުލީމާއި ބޭސްފަރުވާއަށް އިންޑިއާއަށް ދާކަން ސަފީރު ފާހަގަކުރެއްވިއެވެ.
މިހާރު ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސަފީރު ވިދާޅުވީ، ބޯޑަރު ހުރަސްކޮށް ފަސޭހަކަމާއެކު މުއާމަލާތްކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން، ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ފަވަރައާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި) ގުޅާލުމުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. މި ދެ ނިޒާމު ގުޅާލެވުމުން، އިންޑިއާއަށްދާ ދިވެހިންނަށް އެ ޤައުމުގެ ހޮސްޕިޓަލްތަކަށާއި ތަޢުލީމީ މުއައްސަސާތަކަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި ސަފީރު ވިދާޅުވިއެވެ.
އިންޑިއާގައި އެންމެ ހަލުވި ދުވެލީގައި ކުރިއަރަމުންދާ މޯބައިލް ޕޭމަންޓް ޕްލެޓްފޯމަކީ ޔޫޕީއައި ކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ، އިންޑިއާގައި ކުރެވޭ މޯބައިލް މުއާމަލާތްތަކުގެ 50 އިންސައްތައަށްވުރެ ގިނަ މުއާމަލާތް ހިންގަނީ މި ނިޒާމު މެދުވެރިކޮށް ކަމަށެވެ. މި ވަރުގަދަ ނިޒާމު ރާއްޖެއަށް ތަޢާރަފުވުމުން، އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކަށް އިންޤިލާބީ ބަދަލެއް އަންނާނެ ކަމަށާއި، ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންނަށާއި އިންޑިއާއަށްދާ ދިވެހިންނަށްވެސް ކުރިން ދިމާވި މާލީ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫޕީއައި އަކީ އެއް މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ގިނަ ބޭންކު އެކައުންޓްތަކެއް ގުޅުވާލައި، ރައްކާތެރިކަމާއެކު ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ ޑިޖިޓަލް ޕޭމަންޓް ނިޒާމެކެވެ. މި ނިޒާމު ރާއްޖެއަށް ތަޢާރަފުކުރުމަށް ބޭނުންވާ މަސައްކަތްތައް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ދަނީ ކުރަމުންނެވެ. ފަވަރައާއި ޔޫޕީއައި ގުޅާލުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ