އިންތިޚާބާއި ދިމާކޮށް، ކެންޑިޑޭޓުންނަށާއި ޕާޓީތަކަށް މީޑިއާއިން ވަގުތުދޭ އުސޫލާއި ގުޅޭގޮތުން މިހާތަނަށް އެއްވެސް ޝަކުވާއެއް ހުށައަޅާފައިނުވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ބުނެފިއެވެ.
އިންތިޚާބާއި ދިމާކޮށް ކެނޑިޑޭޓުންނަށާއި، ސިޔާސީ ޕާޓިތަކަށް ހަމަހަމަ އުސޫލުން ވަގުތުދޭ އުސޫލެއް އޮވެއެވެ. ހަމަހަމަ ފުރުޞަތު ނުލިބިޖެއްނަމަ އެކަމުގެ ޝަކުވާ އެތަންތަނަށް ހުށައެޅެނެއެވެ.
އެމްއެމްސީން ބުނީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ވަގުތު ޚާއްޞަކުރުމާއި ގުޅިގެން އެ ކައުންސިލަށް އެއްވެސް ޝަކުވާއެއް ހުށައަޅަފައިނުވާކަަމަށެވެ. ހަމައެހެންމެ ބްރޯޑްކޮމް އިންވެސް ބުނީ ޓީވީ ޗެނަލްތަކުން ކެނޑިޑޭޓުންނަށް ވަގުތުދޭ ގޮތާއި ގުޅޭގޮތުން މޮނިޓަރ ކުރެވޭނެ ޚާއްޞަ ކޮމިޓިއެއް އޮންނަކަމަށެވެ. އަދި އެކަން އަބަދުވެސް ކުރަމުން އަންނަކަމަށާއި، ނަމަވެސް މިހާތަނަށް އެއްވެސް ޝަކުވާއެއް ލިބިފައި ނުވާކަމަށެވެ.
އިންތިޚާބުތަކާއި ގުޅިގެން މީޑިއާއިން ވަގުތު ދޭގޮތާއި ގުޅޭގޮތުން މީގެ ކުރީގެ އިންތިޚާބުތަކުގައި ގިނަ ޝަކުވާތަކެއް ހޫށައަޅައެވެ. ޚާއްޞަކޮށް ދައުލަތުގެ މީޑިއާއިން ވަގުތުދޭ ގޮތާއި ގުޅޭގޮތުން ޝަކުވާ ހުށައެޅެއެވެ. މިފަހަރުގެ އިންތިޚާބާއި ދިމާކޮށް އެއްވެސް ޝަކުވާއެއް އެމްއެމްސީއަށް އަދި ބްރޯޑްކޮމްއަށްވެސް ހުށައަޅާފައިނުވިނަމަވެސް، މި އިންތިޚާބާއި ދިމާކޮށް ސަރުކާރުން ވަނީ ކުއްލިއަކަށް ގިނަ މަޝްރޫޢުތަކެއް ފަށާފައެވެ. އަދި ދައުލަތުގެ މީޑިއާއިން އަންނަނީ އެ ހަރަކާތްތައް ލައިވްކުރަމުންނެވެ.
ކޮމެންޓު ފޮނުވާ