ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މިހާރު ދިރިއުޅޭ އެޑްރެސް ދައުލަތަށް ނޭގުމުގެ ސަބަބުން، އޭނާގެ ޕާސްޕޯޓް ދޫކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުން މިއަދު ކުރިއަށް ނުގެންދެވި ނިންމާލައިފިއެވެ.
އަލީ ވަހީދުގެ ޕާސްޕޯތް ހިފަހައްޓާފައި އޮތުމަށްފހު ކްރިމިނަލް ކޯޓުން ދޫކޮށްލުމުން އޭނާ ރާއްޖެ ދޫކޮށް ފުރައިގެން ދިޔަފަހުން، އެ މައްސަލަ ވަނީ ދައުލަތުން އިސްތިއުނާފްކޮށްފައެވެ. އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ ޢަލީ ވަޙިދު ދިރިއުޅޭ އެޑްރެހެއް މާދަމާގެ މެންދުރުފަހު 02:00 ގެ ކުރިން ދައުލަތުން ކޯޓަށް އެންގުމަށް އަމުރުކޮށްފައެވެ.
މައްސަލަ ބައްލަވާ އިސްފަނޑިޔާރު ވިދާޅުވީ ޕީޖީ އޮފީހުން ޢަލީ ވަޙީދުގެ އެޑްރެސްކަމަށް ދީފައިވާ އެޑެރެހަށް ޗިޓް ފޮނުވުމުން އޭނާ އެގޢޭގައި ނޫޅެކަން އެނގިފައިވާކަމަށެވެ. އަދި ޕީޖީ އޮފީހުން ދިން އީމެއިލްއާއި ވައިބަރ ނަމްބަރުގެ އިތުރުން ވަޓްސްއެޕް ނަމްބަރަށްވެސް ޗިޓް ފޮނުވާފައިވާކަމަށެވެ. އެހެންނަމަވެސް ސީން ނުފެންނަ ގޮތަށް ހަދާފައިވާތީ އެ ޗިޓް ޢަލީ ވަޙީދަށް ރައްދުވިކަން ކަށަވަރުނުވާކަމަށާއި އެ ހާލަތުގައި މައްސަލަ ކުރިޔަށް ގެންދާނީ ކިހިނެތްތޯ ފަނޑިޔާރުންވަނީ ވަނީ ދައުލަތުގެ ވަކީލާ ސުވާލުކުރައްވާފައެވެ.
މީގެ އިތުރުން ދައުވާ ލިބޭ ފަރާތް ކޯޓަށް ޙާޒިރު ނުކުރެވޭ ހާލަތުގައި ޖިނާޢީ މައްސަލައެއް ކުރިއަށް ގެންދެވިދާނެތޯވެސް ފަނޑިޔާރުންގެ ބެންޗުން ދައުލަތާއި ސުވާލު ކުރިމަތިކުރެއްވިއެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުން ވަނީ ޚާއްޞަ ހާލަތްތަކުގައި ކުރިއަށް ގެންދެވިދާނެކަމަށް ވިދާޅުވެފައެވެ.
މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ އެޑްރެސް ހޯދުމަށްފަހު އެންގުމަށް ޢަމުރުކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ ގޯނާކުރިކަމަށް ބުނެ ދައވާ އުފުލާފައިވަނިކޮށް އޭނާގެ ޕާސްޓްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމުމުން އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންގޮސްފައެވެ.
ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލާގައި އޭނާގެ ޕާސްޓްޕޯޓް ހިފަހައްޓާފައި އޮތުމަށްފަހު، އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުން ވަންނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކްޓަރަކު ހާޒިރުކޮށްފައެވެ. ޑޮކްޓަރު ވަނީ ޢަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަަމަށް ވިދާޅުވެފައެވެ.ޢަލީ ވަހީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާތީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަންޖެހޭކަމަށް ވިދާޅުވެ ޑރ.ޔޫސުފް ޝާން ދެއްވި ހެކިބަހުގެ މައްޗަށް ރިޢާޔަތްކުރައްވާ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު ޢަމުރު ޝަރީޢަތުން ވަނީ ބާޠިލްކޮށްފައެވެ. އަލީ ވަހީދު ބޭރަށް ފުރާފައިވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ ޖާމިނުވުމުންނެވެ.
ކުށެއްގެ ތުހުމަތުވާ މީހަކު ބަންދުން ދޫކުރުމުގައި މީހަކު ޖާމިނުވެއްޖެ ނަމަ އޭނާ ބަންދުން ދޫކޮށްލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ، ބަންދުގައިހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކުރުމަށްޓަކައި، ބަންދުގައި ހުރި މީހާއަށް ޖާމިނުވާ މީހާ، އޭނާގެ އިގުރާރާ ހިލާފުވެއްޖެނަމަ އޭނާ އެކުރަނީ ކުށެއް ކަމަށެވެ.
ބަންދުން ދޫކޮށްލެވުނު މީހާ ފިލައިފިނަމަ ނުވަތަ ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ހިލާފުވެއްޖެނަމަ، އެ ހިލާފުވި ހިލާފުވުމުގެ ކުޑަ ބޮޑު މިނަށް ބަލައި، ޖާމިނުވި މީހާއަށް އަދަބެއް ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.
އެގޮތުން ޖާމިނުވި މީހާ އެއް އަހަރު ދުވަހަށް ޖަލަށް ލެވިދާނެ އެވެ. ނުވަތަ ދެ އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރެވިދާނެ އެވެ. އަދި 15،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ