މިދިޔަ ފެބުރުވަރީ މަހު ގއ.މާމެންދޫގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، ޢުމުރުން 17 އަހަރުގެ އަހްމަދު އުދައްޔު މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ތިން މީހުން ރިމާންޑް ޖަލަށްލައި30ދުވަހު ބަންދުގައި ބެހެއްޓުމަށް ކޯޓުން ޢަމުރުކޮށްފިއެވެ.
މިދިޔަ ފެބުރުއަރީ މަހުގެ 8ވަނަ ދުވަހުގެރޭ މާމެންދޫގައި، ޢުމުރުން 17 އަހަރުގެ ދެކުއްޖަކާމެދު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން އެ ދެކުދިންނަށް ބޮޑެތި ހާނީއްކަތަކެއްވެ، އެ ހާނީއްކަތަކަށް ފަރުވާދެމުންދަނިކޮށް އޭގެތެރެއިން ކުއްޖަކު ނިޔާވެފައިވާ މައްސަލާގައި 3 މީހަކާއި18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ދައުވާކޮށްފައެވެ.
އެގޮތުން ދައުވާ ކުރުމަށް ފޮނުވާފައިވާ ތިން މީހުންނަކީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަޙުމަދު ޝަމީމްއާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފު ރަޝިދުއާއި، ގއ. މާމެންދޫ، ގުލްފާމުގެ، މުޙައްމަދު މާޒިންގެ މައްޗަށެވެ.
އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެކުށުގެ ދަޢުވާއާއި، ހަމަ އެޤާނޫނުގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ. އެދެމީހުންގެ މައްޗަށް ދައުވާ އުފުލާ ހުށއަޅާފައިވަނީ ކްރިމިނަލް ކޯޓަށެވެ.
މި މައްސަލާގައި 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާކަމށެވެ. އެކުއްޖާގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލަ ފޮނުވާފައިވަނީ ޖުވެނައިލް ކޯޓަށެވެ.
އުދައްޔުގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ތިން މީހުން ވަނީ ދައުވާ އަށް އިންކާރުކޯށްފައެވެ.އ ަދި އެ މާރާމާރި ހިނގިއިރު އެތަނުގައި އެމީހުން ނެތްކަމަށްވެސް އެމީހުންގެ ދިފާޢީ ވަކީލް ވިދާޅުވިއެވެ.
މި މައްސަލާގައި ދައުލަތުން ވަނީ އެ ތިން މީހުންނަކީވެސް ކުށުގެ ވެށީގައި އުޅޭ މީހުން ކަމަށާއި ހާދިސާ ހިނގި ވަގުތު މި ތިން މީހުން ވެސް އެސަރަހައްދުގައި ހަރަކާތްތެރިވިކަން ސާބިތުކުރެވޭ ވަރުގެ ހެކި ލިބިފައިވާކަމަށް ވިދާޅުވެފައެވެ. އަދި އުދައްޔު މަރާލުމަށްފަހު ދައުވާ ލިބޭ މީހުން އުފާފާޅުކުރިކަން ހެކިންގެ ހެކިބަހުން އެނގޭކަމަށާއި، އެހެންކަމުން މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ދައުވާ ލިބޭ ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދޭކަމަށްވެސް ދައުލަތުން ވިދާޅުވިއެވެ.
މިއަދުގެ ޝަރީޢަތުގެ އަޑު އެހުން ނިންމަވާލައްވަމުން މައްސަލަ ބެއްލެވި ޤާޟީ ވަނީ ދައުވާ ލިބޭ މީހުންގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.
ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން އަންނަނިކޮށް އެރަށު ލީލީ އޮފް ދިވެލީ ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔު ނިޔާވެފައިވާއިރު، އޭނާ ވަޅުލީ ޕޯސްޓް މޯޓަމް ހެދުމަށްފަހުއެވެ. އުދައްޔުއަށް ލިބު ޒަޚަމްތަކާއި ގުޅޭގޮތުން ގއ.އަތޮޅު ހޮސްޕިޓަލުން ބުނެފައިވަނީ އުދައްޔުގެ ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާކަމަށާއި 4 ނުވަތަ 5 އިންޗި ފުނަށް ވަޅި ހަރައި ޒަޚަމްކޮށްލާފައިވާ ނިޝާންތައްވެސް ހުރިކަމަށެވެ. އުދައްޔު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށާއި ވަޅި ހަރާފައިވަނީ ވަރަށް ފުނަށް ކަމުން ހަށިގަނޑުގެ މައި ގުނަވަންތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް ޑޮކްޓަރުން ހަވާލާދީ ގއ.އަތޮޅު ހޮސްޕިޓަލުން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ