ކައުންސިލް އިންތިޚާބު މިސަރުކާރަށް ދީގެން ސަރުކާރަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތްކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާލުވެއްޖެއެވެ.
ވ.އަތޮޅު ތައުލީމީ މަރުކަޒުގައާއި، އެ އަތޮޅު މަދަރުސާގެ މަލްޓި ޕާޕަސް ހޯލް ތަރައްޤީކުރުމަށް ގޮވާލާ ފެލިދޫ ދާއިރާގެ މެންބަރު ހުށައެޅުއްވި ޤަރާރަށް ވާހަކަފުޅު ދައްކަވަމުން މާބަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، މިސަރުކާރަށް އިތުރަށް ކުރެވޭނެ ކަމެއްނެތްކަމަށާއި، ރައްޔިތުން ދޭނެ ވޯޓެއްވެސް ނެތްކަމަށެވެ. ސަޢީދު ވިދާޅުވީ މިސަރުކާރުން ނާސްތާ ޕްރޮގްރާގެ ނަމުގައި ދައުކަލަތުން ބޮޑު ޚަރަދެއް ކޮށްފައިވާކަމަށާއި، ނަމަވެސް އޭގެއިން އެއްވެސް ފައިދާއެއް ކޮށްފައި ނުވާކަމަށެވެ.
ނާސްތާއަށް މިލިއަނުން މިލިއަނުން ފައިސާ ނަގާ އެހުރީ ޕާން ފޮތީގަ ފޫޖަހާފަ. މައިލޯ ޕެކެޓްގަ ފޫ ޖަހާފަ. ކިހިނެއް ހިނގާ ކިހިނެއް ހިންގާ ސަރުކާރެއްތޯ މިއީ؟
– މުޙައްމަދު ސަޢީދު
ސަޢީދު މިހެން ވިދާޅުވެފައިވާއިރު މިސަރުކާރުން ނާސްތާ ޕްރޮގްރާމް މެދުކަނޑާލިއިރު 139 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ސަޢީދުގެ ވާހަކަފުޅުގައި އިންތިޚާބާއި ދިމާކޮށް ބޮޑެތި ވަޢުދުތައް ވުމަކީ ސަރުކާރު ހިންގުން ނޫންކަމަށް ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގެ 5 އަހަރު ދުވަހު ތަރައްޤީގެ ބޯޑެތި މަޝްރޫޢުތަކެއް ހިންގާފައިވާކަަމަށްވެސް ސަޢީދު ވިދާޅުވިއެވެ.
ކޮންމެ ވޯޓެއް އަންނައިރަށް އިސްކޮޅާ ހަމައަށް ވައުދުވުމަކީ އަދި ސަރުކާރެއް ހިންގުމެއް ނޫން. އަޅުގަނޑުމެން އޮންނާނީ ބްރިޖު އަޅާފައޭ. އަޅުގަނޑުމެން އޮންނާނީ އެއަރޕޯޓް ތަަރައްޤީ ކޮށްފައޭ. އަޅުގަނޑުމެންގެ 5 އަހަރު ހުންނާނީ ތަރައްޤީކޮށްފަ. އަޅުގަނޑުމެންގެ ސަރުކާރުގަ ތަރައްޤީކުރި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށްގެން އަނެއްކާވެސް 3 ބިލިއަން ރުފިޔާގެ ލޯނެއް ތި ނަގަނީ. އެ ކޮންކަމަކަށްތޯ؟ އެ ލޯން ނަގަމުން ގޮސް 2023 އަންނަ އިރު 106 ބިލިއަން ރުފިޔާއަށްއަށޭ ދައުލަތުގެ ދަރަނި ތި ޖައްސަވަނީ. ކޮން ކަމެއް ކުރަންތޯ؟ އަތްލެވޭ ތަރައްްޤީއެއް ފެންނަ ތަރައްޤީއެއް ނެތް.
– މުޙައްމަދު ސަޢީދު
ސައީދު ވަނީ ކައުންސިލް އިންތިޚާބު ބޭނުންނަމަ އުތުރު ތިލަފަޅު އެއްބަސްވުން މަޖިލީހަށް ގެނެސްދެއްވުމަށް ގޮވާލައްވާފައެވެ.
ކައުންސިލް އިންތިޚާބު ދީގެން މިސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނާނެ. ކައުންސިލް އިންތިޚާބު ބޭނުމިއްޔާ އެއްކަމެއް ކޮށްދީ. އުތުރު ތިލަފަޅުގެ އެއްބަސްވުން ގެނެސްދީ މި މަޖިލީހަށް. މި މަޖިލީހުގަ ތިބި 65 މެންބަރުންނަކީ އެމްޑީޕީ. ކީއްވެގެންތޯ ބިރު ގަންނަނީ މިކަން ކުރަން. އަސްކަރީ ބޭނުނަކަށް އުތުރު ތިލަފަޅު އޮތީ ވިއްކާލާފަ އިއްޒަތތެރި ރައީސް. އެކަން ކޮށްދީ އޭގެ ފަހުން ވޯޓަށް އާދޭ.
– މުޙައްމަދު ސަޢީދު
އުތުރު ތިލަފަޅު އެއްބަސްވުމުގައި އިންޑިއާ ސިފައިން 60 އަހަރު ވަންދެން އުތުރު ތިލަފަޅުގައި ތިބެވޭގޮތަށް އޮތްކަމަށާއި، އެމީހުންނަށް ހަތިޔާރާއެކު ތިބެވޭނެކަމަށް ލީކުވެފައިވާ އެއްބަސްވުމުގައިވެއެވެ. އެކަމާއި ސަރުކާރަށް ބޮޑެތި ފަޑުކިއުންތައް އަމާޒުވިނަމަވެސް، އެ އެއްބަސްވުމުގައި އެފަދަ ކަންކަން ނެތްކަމަށް ބުނެ ސަރުކާރުން ރައްދު ދިންނަމަވެސް އެ އެއްބަސްވުމާއި ގުޅޭ މަޢުލުމާތު ހިއްސާކުރަން ސަރުކާރުން ވަނީ ފަސް ޖެހިފައެވެ.
ކޮމެންޓު ފޮނުވާ