ޅ.އަތޮޅުގައި ކޯވިޑް ބަލިމަޑުކަން ރައްޔިތުން ހާސްވާންޖެހޭ ހާލަތާއި ގާތަށްވެސް ނުދޭ: ނަޝީދު

ޅ.އަތޮޅުގައި ކޯވިޑް ބަލިމަޑުކަން ރައްޔިތުން ހާސްވާންޖެހޭ ހާލަތާއި ގާތަށްވެސް ނުދޭ: ނަޝީދު

Author
މުޙައްމަދު ޖިމީ
05 އޭޕްރިލް 2021 11:14
0

ޅ.އަތޮޅުގެ ކޯވިޑް-19ގެ ބަލިމަޑުކަން ރައްޔިތުން ހާސްވާންޖެހޭ އެއްވެސް ހާލަތަކަށް ނުދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޅ.އަތޮޅުގައި ކޯވީޑް-19 ވަރަށް ބޯޑަށް ފެތުރި އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ފެލިވަރު މޮނިޓަރިންއަށް ލާފައިވާތީ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެންބަރު އަޙްމްަދު ޝިޔާމް މިއަދު މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށައަޅާފައެވެ.

މި މައްސަލައަށް އިޝަރާތްކުރައްވާ މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، ކޯވިޑް ޖެހިގެން އެ އަތޮޅުގެ އެއްވެސް ހޮސްޕިޓަލެއްގައި ސިއްހީ މަރުކަޒެއްގައި މީހަކު އެޑްމިޓްކޮށްފައި ނުވާކަމަށެވެ. ނަޝީދު ވިދާޅުވީ، ބ.އަތޮޅު ކޮވީޑް ފެސިލިޓީގައި ނައިފަރުގެ ދެމީހުންނާއި ފެލިވަރު ދެމީހުން އެޑްމިޓްކޮށްފައި ވީނަމަވެސް، އެ އަތޮޅުގައި ކޯވިޑްގެ ޙާލަތު ރައްޔިތުން ހާސްވާ މިންވަރާ ގާތަށްވެސް ނުދާކަމަށެވެ.

ބ.އަތޮޅު ކޮވިޑް ފެސިލިޓިގައި މިވަގުތު ތިބީ ނައިފަރު 2 މީހުންނާއި، ފެލިވަރު 2 މީހުން. މުޅި ޖުމްލަ 4 މީހުން. ބ.އަތޮޅު ކޮވިޑް ފެސިލިޓިގެ ކެޕޭސިޓީއަކީ 20 މީހުންގެ ޖާގަ. އެތަނުގައި މިވަގުތު ތިބީ 4 މީހުން. ނައިފަރު ހޮސްޕިޓަލްގައެއް ނެތް، ހިންނަވަރު ހެލްތު ސެންޓަރުގައެއް ނެތް، އޮޅުވެލިފުށި ހެލްތު ސެންޓަރުގައެއް ނެތް، ކުރެންދޫ ހެލްތު ސެންޓަރުގައެއް ނެތް. އެހެންނަމަވެސް އޮޅުވެލިފުށީގަވެސް ކުރެންދޫގަވެސް ހިންނަވަރުގަވެސް ނައިފަރުގަވެސް މިއިން ކޮންމެ ރަށެއްގައިވެސް ހޮސްޕިތަލް އެނދު އެބަހުރި. އަޅުގަނޑަށް ފެންނަ ފެނުމުގައި ހާސްކަމުގެ ތެރެއަށް ކޮޑަކށްވެސް ދެވޭފަދަ މިކަމެއް ނުދޭ. އަޅުގަނޑު ދެކޭގޮތުގައި އެއީ އަޅުގަނޑު ފާހަގަކުރަންޖެހޭނެ ކަމެއް.

– މުޙައްމަދު ނަޝީދު

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ޅ.އަތޮޅުގައި ކޯވިޑް ބަލިމީހުންގެ ޢަދަދު 300 އިން މައްޗަށް ވަނީ އަރާފައެވެ. އަދި އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ފެލިވަރު މޮނިޓަރިންއަށް ލާފައި އޮތްއިރު، ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ތިބީ ކަރަންޓީންގައެވެ.

ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިއަދު މަޖިލީހަށް ހުށައެޅުއްވި ކުއްލި މައްސަލާގައި ދިވެހިރާއްޖޭގެ މަސްވެރި ކަމުގެ ސިނާޢަތުގައި އެންމެ އިސްދައުރެއް އަދާކުރާ ޅ.ފެލިވަރުން ކޯވިޑް19ގެ ކޭސްތަކެއްފެނި، މުވައްޒަފުންގެ ތެރެއިން ގިނަ ބަޔަކު ހުން އައިސް ބަލިވަމުން ދިޔަކަން ފެލިވަރުގެ މެނޭޖުމެންޓަށް އެނގުނު ނަމަވެސް އެކަން މުވައްޒަފުންނަށް ހާމަނުކޮށް އެކަމާ ގުޅޭ މައުލޫމާތު މެނޭޖުމެންޓުގެ ފަރާތުން ސިއްރުކޮށްފައިވަނިކޮށް މިބަލި އަތޮޅުތަކުގެ އެހެން ރަށްތަކަށް ފެތުރި އަދި ޚާއްސަ ހުއްދައިގެ ދަށުން މާލެއިން އެކިޓީމްތައް ފެލިވަރަށް ދަތުރުކޮށް އޭގެފަހުން އަތޮޅުގެ އެކިރަށްރަށަށްވެސް ދަތުރުކޮށް މިޙާލަތަށް ދިއުމުގައި ސަރުކާރުގެ އިހުމާލުއޮތްކަމަށް ރައްޔިތުންގެ ޝަކުވާތައް ލިބެމުންދާކަމަށެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.