އުރުދުންގެ މިހާރުގެ ރަސްގެފާނު އަބުދުﷲގެ އެއްބަފާ ބޭބޭފުޅު ޕްރިންސް ހަމްޒާ

އުރުދުންގެ ކުރީގެ ވަލީ އަހުދު، ޕްރިންސް ހަމްޒާ ގޭގައި ބަންދު ކޮށްގެން އުޅެނީ ކީއްވެ؟

އުރުދުންގެ ކުރީގެ ވަލީ އަހުދު، ޕްރިންސް ހަމްޒާ ގޭގައި ބަންދު ކޮށްގެން އުޅެނީ ކީއްވެ؟

އުރުދުންގެ މިހާރުގެ ރަސްގެފާނު ކިންގް އަބުދުﷲގެ އެއްބަފާ ބޭބޭފުޅު އިއްޔެ ވިދާޅުވެފައިވަނީ، އެގައުމުގެ އަސްކަރިއްޔާއިން އޭނާ ގޭގައި ބަންދު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަނީ، އުރުދުންގައި މިހާރު އޮތް ވެރިކަމުގެ ނިޒާމަކީ ކޮރަޕްޓް، އަދި ގާބިލްކަމެއް ނެތް ވެރިކަމުގެ ނިޒާމެއްކަމުގައި ވިދާޅުވެފައެވެ.

އަމިއްލަ ފުޅަށް ތައްޔާރު ކުރެއްވި ވިޑިއޯއެއްގައި، އޭނާ ގޭގައި ބަންދުކޮށްފައިވާ ކަމަށް އަމިއްލަފުޅަށް ވިދާޅުވެފައިވަނީ، ކުރީގެ ވަލީއަހުދު، ޕްރިންސް ހަމްޒާ ބިން އަލް ހުސެއިން ގޭގައި ބަންދު ކޮށްފައިވާ ކަމުގެ ރިޕޯޓުތައް އުރުދުންގެ އަސްކަރިއްޔާއިން ދޮގުކޮށްފައި ވަނިކޮށެވެ. އަސްކަރިއްޔާއިން ބުނެފައިވަނީ، "އުރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނޭދެވޭ އަސަރުތައް ކުރުވާނެ ބައެއް މުއާމަލާތްތަކާއި އަދި ބައްދަލުވުންތައް ނުބޭއްވުމަށް" ކުރީގެ ވަލީއަހުދަށް އަންގާފައިވާނެ ކަމަށެވެ.

ޕްރިންސް ހަމްޒާ ވިދާޅުވެފައިވަނީ، އޭނާއަކީ، ގައުމުން ބޭރުގެ އެއްވެސް ސިއްރު އޭޖެންޑާއަކާއި ގުޅުންހުރި މީހެއް ނޫންކަމުގައެވެ.

 

ޕްރިންސް ހަމްޒާއަކީ ކާކު؟

 

ޕްރިންސް ހަމްޒާއަކީ އުދުރުންގެ ކުރީގެ ވަލީ އަހުދެވެ. އަދި އެނާއަކީ އެގައުމުގެ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު ބޭފުޅެއްވެސް މެއެވެ.

އަދި އޭނާ ފާހަގަ ކުރެވިގެން ގޮސްފައިވަނީ، ދީނަށް ލޯބިކުރާ އަދި އާދައިގެ ދިރި އުޅުއްވުމަކަށް ލޯބި ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ޕްރިންސް ހަމްޒާއަކީ، އޭނާގެ ބައްޕާފުޅު ކިންގް އަލް ހުސެއިން ބިން ތަލާލްއެކޭ އެއްފަދައިން، އާދައިގެ އާންމު ރައްޔިތުންނާ ވަރަށް ގާތުން ގުޅުން ބާއްވަމުން ގެންދަވާ ބޭފުޅެކެވެ.

އޭނާވަނީ ފާއިތުވެދިޔަ ތަނުގައި، އުރުދުންގެ ސަރުކާރަށް ވަރަށް ބޮޑަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާފައެވެ. އަދި ވަކީން ޚާއްސަކޮށް އުރުދުންގެ ސަރުކާރުން، 2018 ވަނަ އަހަރު އިންކަމް ޓެކްސްގެ ގާނޫނު ފާސްކުރުމާއި ގުޅިގެން އޭނާވަނީ، އެގައުމުގައި އޮތީ ފެއިލްވެފައި އޮތް މެނޭޖްމަންޓެއް ކަމުގައި ވިދާޅުވެފައެވެ.

ބައްޕާފުޅު ކިން ހުސެއިން 1999 ވަނަ އަހަރު އަވަހާރަ ވުމާއިގުޅިގެން، އެގައުމުގެ ވަލީ އަހުދަކަށް ވެވަޑައިގަތީ ޕްރިންސް ހަމްޒާއެވެ. އެހެންނަމަވެސް، ކިން ހުސެއިން 1999 ވަނަ އަހަރު އަވަހާރަ ވުމަށްފަހު ރަސްކަމަށް އިސްވެވަޑައިގަތް ކިންގ އަބުދުﷲ II ވަނީ ރަސްކަމުގެ 5 ވަނަ އަހަރު ވަލީއަހުދުކަން ޕްރިންސް ހަމްޒާގެ ކިބައިން ވަކި ކުރައްވާ، އެ މަގާމް ކިންގ އަބުދުﷲގެ ދޮށީ ދަރިފުޅަށް އަރުވާފައެވެ.

އުރުދުންގެ ރަސްކަން ނަކަލުވަމުން އަންނަ ޝާހީ އާއިލާ

ވެގެން އުޅެނީ ކިހިނެ؟

 

އުރުދުންގެ ސަލާމަތީ ބާރުތަކުން ދަނީ، އެގައުމުގެ ސަރުކާރުގެ މަތީ މަގާމްތަކުގައި ތިބި، ޝާހީ އާއިލާގެ އެތައް ބަޔަކު ހައްޔަރުކޮށް، ގައުމުގެ ސަލާމަތާ ގުޅުންހުރި ޚާއްސަ ތަހުގީގެ ކުރިޔަށް ގެންދަމުންނެވެ. އަދި އެގައުމުގެ އަސްކަރިއްޔާއިން ވަނީ، އުރުދުންގެ ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާ ވެދާނެފަދަ އެއްވެސް އަމަލެއް ނުހިންގުމަށް ޕްރިންސް ހަމްޒާއަށް އިންޒާރު ދީފައެވެ.

ސޯޝަލް މީޑިއާގައި އާންމު ވެގެން ގޮސްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އުރުދުންގެ ދަބޫކު އަވަށުގައި ހުންނަ ޕްރިންސް ހަމްޒާގެ ގޭދޮށުގައި ފުލުހުން ގެންދަނީ ވަރުގަދައަށް ފޯރި މަރަމުންނެވެ.

އަމިއްލަ ފުޅަށް އާންމު ކުރެއްވި ވީޑިއޯއެއްގައި ޕްރިންސް ހަމްޒާ ވިދާޅުވެފައިވަނީ، އެނާ ގޭގައި މަޑުކުރުމަށް އަންގާ އަދި އެއްވެސް މީހަކާ މުއާމަލާތް ކުރުން އުރުދުންގެ އަސްކަރިއްޔާއިން ވަނީ މަނާ ކޮށްފައެވެ. އަދި އޭނާ ވިދާޅުވެފައިވަނީ، އޭނާއަކީ، ގައުމުން ބޭރުގެ އެއްވެސް ބަޔަކާ ގުޅިން ސިއްރު އެޖެންޑާއެއް ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި އެހެންނަމަވެސް، އުރުދުންގައި އޮތް ކޮރަޕްޓްވެފައި އޮތް ވެރިކަމުގެ ނިޒާމާއި އޭނާ ދެކޮޅު ހައްދަވާ ކަމަށެވެ.

އަދި ޕްރިންސް ހަމްޒާ ވިދާޅުވާ ގޮތުގައި އޭނާއަށް މައުލޫމާތު ދީފައިވަނީ، އޭނާ އަދަބު ދެމުންދަނީ، އުރުދުންގެ ރަސްގެފާނަށް ފާޑު ކިޔާފައިވާ ބައެއް ބައްދަލުވުން ތަކެއްގައި އޭނާ ބައިވެރި ވެފައިވާތީއެވެ. އެހެންނަމަވެސް، އުރުދުންގެ ރަސްގެފާނަށް އޭނާ ފާޑުވިދާޅުވަފައިވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައި ނުވާކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

 

އަސްކަރިއްޔާއިން ބުނަނީ ކީކޭ؟

 

އުރުދުންގެ އާރމީ ޗީފް ޔޫސުފް ހުނެއިޓީ ވަނީ ފްރިންސް ހަމްޒާ އެގައުމުގެ އަސްކަރިއްޔާއިން ގޭގައި ބަންދު ކޮށްފައިވާ ކަމަށް ބުނާ ރިޕޯޓުތައް ދޮގު ކޮށްފައެވެ. އެހެންނަމަވެސް، އޭނާ ވިދާޅުވެފައިވަނީ، "އުރުދުންގެ ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާ ވެދާނެ ހުރިހާ ކަމަކުން ދުރުހެލިވެ ހުރުމަށް ޕްރިންސް ހަމްޒާއަށް ދެންނެވިފައި ވާނެ،" ކަމަށެވެ.

އުރުދުންގެ ދައުލަތުގެ ނޫސް އޭޖެންސީ މެދުވެރިކޮށް އާންމު ކޮށްފައިވާ ބަޔާނެއްގައި އަސްކަރިއްޔާއިން އިތުރަށް ބުނެފައިވަނީ، ސުލްހަ މަސަލަސްކަމާއި އެއްބައި ވަންތަކަމަށް ބުރޫ އަރާނެ އެއްވެސް ކަމެއް ނުކުރުމަށް ކުރީގެ ވަލީއަހުދަށް އަންގާފައިވާ އެންގުމަކީ، ސަލާމަތީ ކަންކަމާ ގުޅިގެން، ޝާހީ އާއިލާގެ މެމްބަރެއްކަމުގައިވާ ކުރީގެ ވަޒީރަކާއި އަދި ނަން ހާމަކޮށްފައި ނުވާ އެހެން ބައެއް މީހުންގެ މައްޗަށް ކުރެވެމުންދާ ތަހުގީތަކަކާއި ގުޅިގެން އަންގާފައިވާ އެންގުމެކެވެ. މި ތަހުގީގާ ގުޅިގެން ކުރީގެ ވަޒީރުގެ އިތުރުން އިތުރު ބަޔަކު ހައްޔަރު ކުރެވިފައިވާ ކަމަށްވެސް އަސްކަރިއްޔާއިން ބުނެފައިވެއެވެ.

އުރުދުންގެ އަސްކަރިއްޔާގެ ވެރިޔާ އިތުރަށް ވިދާޅުވެފައިވަނީ، މިހާރު ކުރިޔަށްދާ ތަހުގީގުތައް މުޅިން ނިމުމުން، މި ތަހުގީގުތަކުގެ ނަތީޖާ އެއްވެސް ފޮރުވުމެއް ނެތީ އާންމު ކުރެވިގެން ދާނެއެވެ.

 

އިތުރަށް ހައްޔަރު ކުރެވުނީ ކޮންބައެއް؟

 

އުރުދުންގެ ސަރުކާރު މީޑިއާ ކަމުގައިވާ، ޕެޓްރާ ނިއުސް އޭޖެންސީން ހާމަކޮށްްފައިވާ ގޮތުގައި، އެގައުމުގެ ޝާހީ އާއިލާގެ މެމްބަރެއް ކަމުގައިވާ ޝަރީފް ހަސަން ބިން ޒައިދުއާއި އަދި އެގައުމުގެ ރޯޔަލް ކޯޓުގެ ކުރީގެ އެންމެ އިސްވެރިޔާ ބައްސާމް އިބުރާހިމް އަވާދަﷲ ވަނީ، މިހާރު ކުރިޔަށްދާ ތަހުގީގުތަކާ ގުޅިގެން ހައްޔަރު ކުރެވިފައެވެ.

ދައުލަތުގެ މީޑިއާއިން، މި ތަހުގީގުތަކާ ގުޅިގެން ހައްޔަރުކުރެވިފައިވާ އިތުރު އެހެން މީހުންގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް، މެދުއިރުމަތީގެ ސީނިއަރ އިންޓެލިޖެންސް ބައެއް އޮފިޝަލުންނާއި ހަވާލާދީ، ވޮޝިންގޓަންގ ޕޯސަޓުން ހާމަކޮށްފައިވާ ގޮތުގައި، މިތަހުގީގުތަކާ ގުޅިގެން 20 އަށްވުރެ ގިނަ މީހުންވަނީ ހައްޔަރު ކުރެވިފައެވެ.

 

ބައިންލް އަގުވާމީ ދުނިޔެ

 

އުރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވެދާނެކަމަށް ބަލާ، އެގައުމުގެ ސަރުކާރުން މިހާރު ކުރިޔަށް ގެންދާ ތަހުގީގަށް އުރުދުން އަވައްޓެރި ގިނަ ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ތާޢީދު ކުރާކަން ހާމަ ކޮށްފައެވެ.

އުރުދުން ސަރުކަރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން އެމެރިކާ ސަރުކާރުން ބުނެފައިވަނީ، "ރަސްގެފާނު އަބުދުﷲއަކީ އަހަރެމެންގެ އެކުވެރި ވަރަށް މުހިންމު ބައިވެރިއެއް، އަދި އޭނާއަށް އަހަރަމެންގެ ފުރިހަމަ ތާއީދު އޮންނާނެ،" މިފަދައިންނެވެ.

މީގެ އިތުރުން، ސައުދީ އަރަބިއާ، ޔޫއޭއީ، ލުބުނާން، ޤަތަރު، ތުރުކީ، އިރާގް އަދި އަރަބި ލީގުންވެސް ވަނީ، އުރުދުންގެ ރަސްގެފާނު ކިންގ އަބުދުﷲ II އަށް ތާއީދުކޮށް ބަޔާންތައް ނެރެފައެވެ.

"މެދުއިރުމަތީގެ ސުލްހަ މަސަަލަސްކަމާ ގުޅުންހުރި މުހިންމު ގައުމެއް ކަމުގައިވާ އުރުދުންގެ ސަލާމަތާއި ރައްކާތެރި ކަމަކީ، ތުރުކީއަށް އަމިއްލަ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމެކޭ އެއްފަދައިން މުހިންމު ކަމެއް،" ތުރުކީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *