މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދައުލަތުގައި އެއްވެސް ފައިސާއެއް ނެތް ކަމަށާއި، ސަރުކާރު ކުންފުނިތަކުގެ ތިޖޫރީތައް ވެސް ހުރީ ފަޅާލައި ހުސްކޮށްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ޕީއެންސީގެ ކޮންގުރެސް ނިންމުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުން ރާއްޖޭގެ އިގްތިސޯދު ވައްޓާލީ ދުވަހަކުވެސް ނުވެއްޓޭ ވަރަކަށް ކަމަށާއި، ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި ވެސް ހުރީ އެންމެ 2 މިލިއަން ޑޮލަރު ކަމަށެވެ. ސަރުކާރު ކުންފުނިތަކުގެ ތިޖޫރީތައް ހަތަރު ފަސް ފަހަރު ފަޅާ ވައްކަން ކޮށްފައި ހުރުމުން، ސަރުކާރު ފަށައިގަންނަން ޖެހުނީ އެއްވެސް އެއްޗެއް ނެތި ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ހާލަތުން ފަށައިގެން މިހާތަނަށް 1.34 ބިލިއަން ޑޮލަރު ދަރަނި ދައްކާފައިވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ގައުމުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ދިވެހި ހަރު މުދާތައް ސަލާމަތްކުރުން ވެސް ހިމެނޭ ކަމަށެވެ. އެގޮތުން ދިރާގާއި އެމްޑަބްލިއުއެސްސީން ކުރިން ވިއްކާލާފައިވާ ޝެއާތައް އަލުން ދިވެހީންގެ އަތްދަށަށް ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން، ތިލަފުށީގައި ތަރައްގީ ކުރާ ސީޕޯޓުގައި ޒައްރެއްގެ މިންވަރު ވެސް ބޭރު ކުންފުންޏަކަށް ނުދޭނެ ކަމަށާއި، ދިވެހި އެއްވެސް ހަރު މުދަލެއް ބޭރު ފަރާތްތަކާ ހަވާލުނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ. ދިވެހީންގެ ކުންފުނިތައް ދިވެހީންގެ އަތްމައްޗަށް ގެންނަން ދެކޮޅު ހަދާ ފަރާތްތަކުގައި "އެންމެ ފުރަތަމަ ގައުމު" ގެ ވިންދު ނުޖަހާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ