ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ މެންޗަސްޓަރ ޔުނައިޓެޑުން ނިއުކާސަލްގެ މައްޗަށް ކުރި ހޯދާ ހަމަޖެހިލައިފިއެވެ.
ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުން އެޓީމުގެ މައްޗަށް ޔުނައިޓެޑުން ކުރިހޯދީ 4-1ގެ ނަތީޖާއަކުންނެވެ. ނިއުކާސަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ނިއުކާސަލް އިންނެވެ. މެޗުގައި ނިއުކާސަލް އަށް ލީޑު ލިބުނު ލަނޑަކީ ޔުނައިޓެޑްގެ ޑިފެންޑަރު ލޫކް ޝޯ އަތުން މެޗުގެ ދެވަނަ މިނެޓްގައި ބައިކޮޅަށް ވަތް ލަނޑެކެވެ. ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮއްދިނީ މެޗުގެ 23 ވަނަ މިނެޓްގައި ހެރީ މެގުއާގެ ލަނޑުންނެވެ.
ރޭގެ މެޗުގައި ޔުނައިޓެޑުން ގިނަ ހަމަލާތަކެއް ނިއުކާސަލްގެ ގޯލާ އަމާޒުކޮށް ފޮނުވާލި ނަމަވެސް މެޗު ނިމެން ހަތަރު މިނެޓަށް ވުމާއި ހަމައަށް އެ ޓީމަށް ކުރިމަތިލާންޖެހުނީ ނުތަނަވަސްކަމާއެވެ. މެޗުގައި ޔުނައިޓެޑްގެ ފޯވާޑް މާކަސް ރެޝްފޯޑަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޔުނައިޓެޑްގެ ޕޯޗްގަލް ތަރި ބްރޫނޯ ފެނާންޑޭޒް އަށް ކާމިޔާބުކުރެވޭގޮތް ނުވެފައެވެ.
މެޗުގައި ޔުނައިޓެޑުން ޖެހި ދެވަނަ ލަނޑު 86 ވަނަ މިނެޓުގައި ފެނާންޑޭޒް ކާމިޔާބުކުރީ އިރު ޔުނައިޓެޑުން ޖެހި ތިން ވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އާރޮން ވެން ބިސާކާ އެވެ. މިއީ ވެން ބިސާކާ ޔުނައިޓެޑްގެ ޖޯޒީގައި ޖެހި ފުރަތަމަ ލަނޑެވެ. ރޭގެ މެޗުގައި ޔުނައިޓެޑްގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގެތެރޭގަ އިނގިރޭސި ފޯވާޑް މާކަސް ރެޝްފޯޑެވެ.
މި ނަތީޖާ އާއެކު މެންޗެސްޓަރ ޔުނައިޓެޑް އޮތީ ހަ ޕޮއިންޓާއެކު ޓޭބަލްގެ 14 ވަނައިގަ އެވެ.