މި މަހު ރާއްޖެ އައި 100،000 ވަނަ ފަތުރުވެރިޔާއަށް ރާއްޖެއިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
މިއަދު ހެނދުނު އެމިރޭޓްސްގެ ފްލައިޓުން ރާއްޖެއި މި ފަތުރުވެރިޔާ އަކީ މިސްރަށް ނިސްބަތްވާ ފަތުރުވެރިއެކެވެ. ހަނާ މުޙައްމަދު އަޙްމަދު ކާމިލް މޮސްތަފާ ކިޔާ މި ފަތުރުވެރިޔާ ރާއްޖެ އައީ އޭނާގެ ހަނީމޫނަށެވެ. ހަނާ ގެ ދެމަފިރިން ހަނީމޫން ހޭދަކުރާނީ އިންޓަރކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގައެވެ.
ހަނާ ބުނީ ހަނީމޫނަށް ރާއްޖެއަށް އައުމަށް ނިންމީ ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ސަަބަބުން ކަމަށާއި އަދިވެސް އިތުރަށް ރާއްޖެއަށް އަންނަން ބޭނުންވާ ކަމަށެވެ.
މިމަހު ރާއްޖެއަށް އައި އެއްލައްކަ ވަނަ ފަތުރުވެރިޔާ އާއެކު، މިއީ މިދިޔަ އަހަރުގެ ޖުލައިމަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން އެއް މަސްތެރޭ އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި ފުރަތަމަ މަހެވެ.
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި މިދިޔަ ފެބްރުވަރީ މަހާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހާއި މިއަހަރުގެ ޖަނަވަރީ މަހުއެވެ. އެގޮތުން ފެބްރުވަރީ މަހު 96،882 ފަތުރުވެރިން، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 96،225 އަދި މިއަހަރުގެ ޖަނަވަރީ މަހު 92،103 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށެވެ. އެހެންކަމަށް ވާނަމަ އެވްރެޖްކޮށް މަހަކު 1 ލައްކަ 25 ހާސް ފަތުރުވެރިން ރާއްޖެ ގެންނަންޖެހެއެވެ.