އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 1-0 އިން އާސެނަލް ބަލިކޮށް ލީގުގައި މެންޗެސްޓަރ ސިޓީ ކުރިއަށް ޖެހިލައިފިއެވެ.
މެޗުގައި ސިޓީގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ޖެހީ މިރޭ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ރަހީމް ސްޓާލިން އެވެ. ފިލް ފޯޑެން ފޮނުވާލި ބޯޅަ އާސެނަލްގެ ގޯލްކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ސްޓާލިން ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ. މެޗުގައި އާސެނަލުން ފޮނުވާލި ނުރައްކާތެރި ބައެއް ހަމަލާތައް ހުއްޓުވުމުގައި ސިޓީގެ ގޯލްކީޕަރު އެޑަސަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އަނިޔާގައި ހަތަރު މަސް ހޭދަކުރުމަށް ފަހު ސާޖިއޯ އަގުއޭރޯ މިރޭ ވަނީ ފުރަތަމަ އެގާރާގައި ކުޅެފަ އެވެ.
މިރޭ ހޯދި މޮޅާ އެކު ސިޓީ ވަނީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައި ތާވަލުގެ 10 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. މެޗުން ބަލިވި އާސެނަލް އޮތީ 5 މެޗުން ލިބުނު 9 ޕޮއިންޓާ އެކު ތާވަލުގެ 5 ވަނައިގަ އެވެ.