އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ މޮޅުވާން ދަނިކޮށް ސައުތެމްޓަން އިން ފަހު ވަގުތު ޖެހި ލަނޑުން 3-3 އިން މެޗު އެއްވަރުވެއްޖެއެވެ.
ސައުތެމްޓަނާ ދެކޮޅަށް ފުރަތަމަ ހާފުގައި ޗެލްސީ ވަނީ މޮޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. ފުރަތަމަ ހާފުގައި ޗެލްސީގެ ދެ ލަނޑު ވެސް ޖަހައިދިނީ ޓިމޯ ވާނާ އެވެ. މިއީ ޗެލްސީ އަށް ބަދަލުވެ ޕްރިމިއާ ލީގުގައި ވާނާ ކާމިޔާބުކުރި ފުރަތަމަ ލަނޑުތަކެވެ. ވާނާ ވެފައިވަނީ ޗެލްސީ އަށް ޕްރިމިއާ ލީގުގައި ލަނޑު ޖަހައިދިން ޖަރުމަނުގެ ހަ ވަނަ ކުޅުންތެރިޔާ އަށެވެ.
ވާނާ ޗެލްސީ އަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައިވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސައުތެމްޓަންގެ ޑެނީ އިންގްސް ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.
ސައުތެމްޓަނުން މެޗުގެ ނަތީޖާ ހަމަހަމަކުރީ ޗެލްސީގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޗޭ އެޑަމްސް ޖެހި ގޯލުންނެވެ. ސައުތެމްޓަނުން 2-2 އިން މެޗުގެ ނަތީޖާ ހަމަހަމަކުރިތާ ދެ މިނެޓު ފަހުން ޗެލްސީން ވަނީ މެޗުގެ ތިން ވަނަ ފަހަރަށް ލީޑުނަގާފައެވެ. ވާނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޗެލްސީ އަށް ޖަހައިދިނީ ކައި ހަވާޓްޒް އެވެ.
ޗެލްސީ މޮޅުވާން ދަނިކޮށް އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ސައުތެމްޓަނަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ޑިފެންޑަރު ޔަނިކް ވެސްޓްގާޑް އެވެ.
މި ނަތީޖާއެކު ޗެލްސީ މިވަގުތު އޮތީ ކުޅުނު ފަސް މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ތާވަލުގެ ހަ ވަނައިގައެވެ. ޗެލްސީ އަތުން ޕޮއިންޓެއް ހޯދި ސައުތެމްޓަން ވަނީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދައި ތާވަލުގެ 10 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.