މާލެ ސަރަހައްދުގައި ހަވީރު 6:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށް އެންގި އެންގުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ބާތިލްކޮށްފި އެވެ.
ކޯވިޑް 19 އިން ރައްކާތެރިވުމަށް މާލޭ ސަރަހައްދުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުުއިދީފައި ވަނީ ރޭގައެވެ. އެގޮތުން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް މިދިޔަ މަހުގެ 12 ވަނަ ދުވަހު އެންގި އެންގުން ވަނީ ބާތިލްކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގައި ހުރި ޕާކުތަކާއި މައިޒާންތައް ބަންދުކުރަން އަންގާ ނެރުނު އަމުރު ވެސް ރޭ ވަނީ ބާތިލުކޮށްފަ އެވެ.
މި ލުއިތަށް ދިން ނަމަވެސް އަދިވެސް މާލެ ސަރަހައްދުގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް އިއުލާންކޮށްފައިވާ ކާފިއުއަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
މާލެ ސަރަހައްދުގައި ވަނީ ގަޑިތަކެއްގައި ވެހިކަލް ދުއްވުން މަނާ ކުރުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް ހުރަސްއެޅޭ ކަމަށް ބުނެ ޓެކްސީ ޑުރައިވަރުންގެ ކަންބޮޑުވުންތަކާއެކު އިއްޔެ ވަނީ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އެ ސިޓީ އެމަނިކުފާނަށް ލިބުނުހާ އަވަހަކަށް ސިޓީގައިވާ ކަންބޮޑުވުންތަކަށް ހައްލުހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ