އެމެރިކާ ސިފައިން އިރާގުން އެއްކޮށް ބޭލުމަށް ޓްރަމްޕް ނިންމަވައިފި

އެމެރިކާ ސިފައިން އިރާގުން އެއްކޮށް ބޭލުމަށް ޓްރަމްޕް ނިންމަވައިފި

Author
އަހުމަދު
16 ޖުލައި 2026 03:59
0

އިރާގުގައި ދެން ތިބި އެމެރިކާ ސިފައިންގެ އެންމެ ފަހުގެ ފައުޖުވެސް، އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އެ ގައުމުން ބޭލުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ.

ޓްރަމްޕުގެ މި ނިންމެވުން އިއުލާން ކުރެއްވީ، އިރާގުގެ ބޮޑުވަޒީރު އަލީ ފާލިހް އައްޒުބައިދީ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އިއްޔެ ވައިޓް ހައުސްގައި ޓްރަމްޕާ ބައްދަލު ކުރެއްވުމަށް ފަހުއެވެ. މިކަން ވައިޓް ހައުސްއިންނާއި ޚުދު ބޮޑުވަޒީރު އައްޒުބައިދީވެސް ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ. މީގެ އިތުރުން، އެ ގައުމުގައި ގާއިމުކޮށްފައިވާ އެމެރިކާ ސިފައިންގެ ދެ އަސްކަރީ ބޭސްވެސް ބަންދު ކުރުމަށް ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.

މިއީ އިރާގު ސަރުކާރުން ފާއިތުވި 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، އެމެރިކާގެ އެކިއެކި ސަރުކާރުތަކުގައި ތަކުރާރުކޮށް އެދި، އެންމެ ފަހުން ހާސިލު ކުރެވުނު ކާމިޔާބީއެކެވެ. ބޮޑުވަޒީރު އައްޒުބައިދީ ސިފަ ކުރައްވާ ގޮތުގައި، މިއީ އިރާގުގެ މިނިވަންކަމާއި ސިޔާދަތު ނެގެހެއްޓުމަށްޓަކައި ސަރުކާރުން ހޯދި ބޮޑު ކާމިޔާބީއެކެވެ.

އެމެރިކާ ސިފައިން އިރާގަށް އަރައިގަތީ 2003 ވަނަ އަހަރު، އެ ގައުމުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ބުނެ ޖާސޫސީ ފޭކު ރިޕޯޓްތަކެއް ހަދައި، އެއަށް ބަހަނާ ދައްކައިގެންނެވެ. އެ ހަނގުރާމަ ފެށީ އދ. ގެ ހުއްދައަކާ ނުލައި، ބައިނަލްއަގްވާމީ ގާނޫނާއި އދ. ގެ ޗާޓަރަށް ގޮންޖަހައިފައެވެ. އެ ރިޕޯޓްތަކަކީ ސިޔާސީ ބޭނުމަށްޓަކައި، އޭރުގެ އެމެރިކާ ސަރުކާރުގެ ޕްރެޝަރުގައި ތައްޔާރު ކުރި ދޮގު ރިޕޯޓްތަކެއް ކަން، ފަހުން ހާމަކުރީވެސް ޚުދު އެމެރިކާގެ އޮފިޝަލުންނެވެ.

އެ އުދުވާނީ ހަނގުރާމައިގައި އިރާގުގެ ދެ ލައްކައަށް ވުރެ ގިނަ ސިފައިންނާއި ހަ ލައްކައަށް ވުރެ ގިނަ އާންމުން ޝަހީދު ކޮށްލައި، ދެ މިލިއަނަށް ވުރެ ގިނަ މީހުން ރެފިއުޖީންނަށް ހަދައި، މިލިއަނަކަށް ވުރެ ގިނަ މީހުން ޒަޚަމް ކޮށްލައި، އިރާގުގެ އުމްރާނީ ތަރައްގީގެ ބޮޑު ބައެއް ފުނޑުފުނޑު ކޮށްލި ކަމަށް ކަމާ ބެހޭ ރިޕޯޓްތަކުން ހާމަވެއެވެ. މީގެ އިތުރުން، އަބޫ ޣުރައިބު ޖަލު ފަދަ ސިއްރު ޖަލުތަކުގައި، އެތައް ހާސް އިރާގު ރައްޔިތުން ހައްޔަރު ކޮށް، އެ މީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ޖިންސީ ގޯނާތައް ހިންގި ކަންވެސް ފަހުން ވަނީ ފަޅާ އަރައިފައެވެ. މިފަދަ ސިއްރު ޖަލުތައް އެ ދުވަސްވަރު، އަފްޣާނިސްތާނާއި އިރުމަތީ ޔޫރަޕުގެ ބައެއް ގައުމުތަކުގައިވެސް އެމެރިކާއިން ހިންގާފައިވެއެވެ.

ފަހުގެ ރިޕޯޓްތަކުން އަދި އިރާގުގެ ޒިންމާދާރު ފަރާތްތަކުން ހާމަކުރާ ގޮތުގައި، އިރާގުގައި "އައިއެސް" ގެ ނަމުގައި ޓެރަރިސްޓް ޖަމާއަތެއް އުފެއްދުމަށް ފަރުދާގެ އަނެއް ފުށުން މަގު ފަހި ކޮށްދިނީވެސް އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ ސީއައިއޭ ކަމަށެވެ. މި ވާހަކަ ފާޅުކަން ބޮޑު ގޮތެއްގައި ޚުދު އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަންވެސް، 2015 ވަނަ އަހަރުގެ ރިޔާސީ ކެންޕޭނުގައި، "އަހަރެމެން މި ހަނގުރާމަ ކުރަނީ އަހަރެމެން އުފެއްދި ބަޔަކާ ދެކޮޅަށް" ކަމަށް ވިދާޅުވެ ދެއްކެވިއެވެ. މީގެ އިތުރުން، ދުވާލު އައިއެސްގެ އަމާޒުތަކަށް ބޮން އަޅާފައި، ރޭގަނޑު އެ ޓެރަރިސްޓުންނަށް އެމެރިކާއިން ސިއްރިޔާތުގައި ހަތިޔާރު ފޯރުކޮށްދޭ ކަމަށްވެސް، އިރާގުގެ ބައެއް ޕާލަމެންޓް މެންބަރުން އެ ދުވަސްވަރު ތުހުމަތު ކުރައްވައިފައި ވެއެވެ. ނަމަވެސް، އެއްގަމު މަގުން އިރާގުގައި އައިއެސް ބަލި ކުރީ، އިރާގު ސިފައިންނާއި އީރާނުގެ މަދަދު ލިބޭ އިރާގުގެ ޖަމާއަތްތަކުގެ ހަނގުރާމަވެރިން ގުޅިގެން، އީރާނުގެ އަސްކަރީ ލަފައާއި އިރުޝާދުގެ ދަށުންނެވެ.

އެމެރިކާ ސިފައިންގެ 90 އިންސައްތަ 2011 ވަނަ އަހަރު ބާރަކް އޮބާމާގެ ވެރިކަމުގައި އިރާގުން ބޭލި ނަމަވެސް، ފަހުން އައިއެސްއާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ ސިފައިން އެނބުރި ފޮނުވިއެވެ. 2018 ވަނަ އަހަރު އައިއެސް ބަލި ކުރެވުމަށްފަހު، އިރާގުގެ އެދުމުގެ މަތިން ބައެއް ސިފައިން ގެންދިޔައެއް ކަމަކު، އަސްކަރީ މުސްތަޝާރުންގެ ގޮތުގައި ތިން ހާހާއި ހަތަރު ހާހާ ދެމެދުގެ އަދަދަކަށް އެ ގައުމުގައި ބޭތިއްބިއެވެ. އެ މީހުން ބޭލުމަށް، އިރާގުން އެދި އެދި އޮތް ނަމަވެސް، އެމެރިކާ ސަރުކާރުން ދިޔައީ ކަނޑައެޅިގެން ދެކޮޅު ހަދައި، ފިއްތުންތައް ކުރިމަތި ކުރަމުންނެވެ.

މި ނިންމުމަށް އައުމުގައި ބޮޑު ދައުރެއް އަދާ ކުރީ، ފާއިތުވި މަސްތަކުގައި އިރާގުގައި އުފެދުނު އައު ސަރުކާރުން ކުރި މަޝްވަރާތަކާއި، އެ ގައުމުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދު ކުރާ އަސްކަރީ ޖަމާއަތްތަކުގެ ފަރާތުން އެމެރިކާ ސިފައިންނާ އަމާޒުކޮށް ދެމުން ދިޔަ ތަކުރާރު ހަމަލާތަކެވެ. އީރާނާ ދެކޮޅަށް އެމެރިކާ ދޭ ހަމަލާތަކުގެ ރައްދުގައި، އިރާގުގައި ހުރި އެމެރިކާ ސިފައިންގެ ދެ ބޭސްއަށްވެސް، އީރާނުން ދަނީ ތަކުރާރުކޮށް ހަމަލާ ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.