ސ. ފޭދޫގައި ހުންނަ "ސިޓީ އޮޓޯ ގަރާޖު" ފިހާރައިން ވަގަށްނެގި ތަކެތި 24 ގަޑިއިރު ނުވަނީސް ފުލުހުން ހޯދައި، މި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މަހުގެ 13 ވަނަ ދުވަހު ހިނގި މި ވައްކަމުގެ މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، ތުހުމަތުކުރެވޭ މީހުންނާއި ގެއްލިފައިވާ ތަކެތި ހޯދުމަށް ފުލުހުން ވަގުތުން ޚާއްސަ މަސައްކަތްތަކެއް ފެށިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެ ދުވަހުގެ އިރުއޮއްސި 18:47 ހާއިރު މަރަދޫން ސައިކަލެއްގައި ދަތުރުކުރި ދެ މީހަކު ފުލުހުން ހުއްޓުވައި ބަލައިފާސްކުރި ކަމަށާއި، ސައިކަލުގެ މަޑިދަށުން ވައްކަން ކުރުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދަތްދަގަނޑަކާއި ދަބަހެއް ފެނުނު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހުން ދިރިއުޅޭ ގެތައް، އެ ގޭގޭގެ ވެރިފަރާތުގެ ހުއްދައާއެކު ބަލައިފާސްކުރި އިރު، ފިހާރައިން ވަގަށްނެގި އަގުބޮޑު ގިނަ ތަކެއްޗެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރެއެވެ. އޭގެ ތެރޭގައި 4 ކަރަންޓު ބުރުމައާއި، ގްރެއިންޑަރެއް، ޓެބްލެޓެއް، މޮބައިލް ފޯނެއް، ކަޓަރުތަކެއް، އަދި ފިހާރައިގެ ކޭޝް ޑްރޯވަރާއި ތަޅުދަނޑިތަކެއް ހިމެނޭ ކަމަށާއި، މި ހުރިހާ ތަކެއްޗެއް މިހާރު ވެރިފަރާތާ ޙަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ، ފޯޓްރެސް، އަޙްމަދު ފަރީދު (42އ) އާއި ސ. ހިތަދޫ، ހިންދޫރަމާގެ، ޙުސައިން ރަޝީދު (42އ) އެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން، ދެ މީހުންވެސް 13 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ ޢަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ