ހުޅުމާލެ ފޭސް ދޭއްގައި ފޯނު ކޭބަލްތަކެއް ބުރިކޮށް ވައްކަންކުރަން އުޅުނު 50 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ނަޑެއްލާ، ވެލަބުލިގެ، ޠާހިރު މުޙައްމަދު ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ މެންދުރު 12:32 ހާއިރު، ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރު 13 ކައިރީގައި އޮންނަ ހުސްބިމެއްގެ ކޮށިތެރެއިން ފޯނު ކޭބަލްތަކެއް ބުރިކޮށްގެން ވައްކަންކުރަން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުމާ ގުޅިގެންނެވެ.
ފުލުހުން ސަރަހައްދަށް ގޮސް އޭނާ ހައްޔަރުކުރިއިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޭބަލްތަކެއް އޭނާގެ އަތުން ފެނިފައިވާ ކަމަށާއި، ބުރިކޮށްފައިވާ ބައެއް ނަރުތައް ގޯންޏަކަށް އަޅާފައި ހުއްޓާ ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި މަހުގެ ކުރީކޮޅު ވެސް ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ވިނަރެސް ޓަވަރެއްގެ ކަރަންޓު ފޮށިތަކަކަށް ގެއްލުންދީ، އާތު ނަރުތައް ބުރިކޮށް، ކޮޕާ ފޮތިތައް ވަގަށް ނެގި މައްސަލައެއްގައި މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ