ކޯވިޑް-19: އަދަދުތަށް މައްޗަށް، އިތުރު 153 މީހުން ޕޮޒިޓިވް ވެއްޖެ

ކޯވިޑް-19: އަދަދުތަށް މައްޗަށް، އިތުރު 153 މީހުން ޕޮޒިޓިވް ވެއްޖެ

Author
މުޙައްމަދު ޝަޒައިމް
16 މާރޗް 2021 10:01
0

ކޯވިޑް-19އަށް ރާއްޖެއިން އިތުރު 153 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދުގެ އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖެއިން އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވި 153 މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 132 މީހަކާއި، އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 13 މީހަކާއި، ރިސޯޓްތަކުން 2 މީހެކެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 21،819 އަށް އަރާފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 97 މީހުން ވަނީ ވޭތުވެދިޔަ ގަޑިއިރުތެރޭގައި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 19،342 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،406 މީހުންނެވެ. މިބަލީގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދު އަނެއްކާވެސް ވަނީ މަތި ފަށާފައެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 126 މީހުންނަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،553 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި މިބަލި ދެނެގަތުމަށް ޖުމްލަ 585،713 ސާމްޕަލްވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 64 މީހަކު ވަނީ މިހާތަނަށް ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.