ދިވެހިރާއްޖެއިން ޤަތަރަށް ނޮން-ރެޒިޑެންޓް ސަފީރެއް އައްޔަންކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝަހިދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިނިންމެވުން ޤަތަރުން ބަލައިގެންފައިވާކަމަށްވެސް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި މިނިންމެވުމަކީ ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، ވިޔަފާރިއާއި އެހެނިހެން ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއްކަމަށް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއިން ޤަތަރަށް ނޮން-ރެޒިޑެންޓް ސަފީރެއް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން މިނިސްޓަރ ޝާހިދު އިއުލާންކުރެއްވީ ރައީސް ޤަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިދަތުރުގައި އެމަނިކުފާނުވަނީ ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދުއާއި ބައްދަލުކުރައްވާފައެވެ.
ތިން އަހަރަށް ފަހުން ރާއްޖެއިންވެސް ޤަތަރާއިއެކު ސިޔާސީ ގުޅުން އަލުން ޤާއިމުކުރުމަށް ނިންމައި އެކަން އިއުލާންކުރީ މިދިޔަ ޖެނުއަރީމަހުގެ ތެރޭގައެވެ. ޤަތަރުގެ އިތުރުން މިމަހުގެ 15ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ބަންގްލަދޭޝްއަށްވެސް ރަސްމީ ދަތުރުފުޅެއްކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ