މިދިޔަ އަހަރު 29 މިލިޔަން ރުފިޔާ ދައުލަތަށް އަނބުރައި ހޯދަން އެންގިން: އޭސީސީ

މިދިޔަ އަހަރު 29 މިލިޔަން ރުފިޔާ ދައުލަތަށް އަނބުރައި ހޯދަން އެންގިން: އޭސީސީ

Author
މުޙައްމަދު ޝަޒައިމް
16 މާރޗް 2021 09:12
0

މިދިޔަ އަހަރު 29 މިލިޔަން ރުފިޔާ ދައުލަތަށް އަނބުރައި ހޯދަން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން  (އޭސީސީ) އިން ހާމަކޮށްފިއެވެ.

އޭސީސީން އާންމުކޮށްފައިވާ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ ފާއިތުވި އަހަރު އޭސީސީން 961 މައްސަލައެއް ބަލައިނިންމާފައިވާކަމަށެވެ. މިއީ، 2019 ވަނަ އަހަރާ އަޅާބަލާއިރު 35 އިންސައިތަ އިތުރު އަދަދެއްކަމަށެވެ. 2020 ވަނަ އަހަރު ދަޢުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް 15 މައްސަލައެއް ފޮނުވާފައިވާއިރު، މިއީ ފާއިތުވި ތިންއަހަރުތެރޭ އޭސީސީން ދަޢުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި އެންމެ ގިނައަދަދުކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މީގެތެރޭގައި، ތަޙުޤީޤީ އެހެން އިދާރާތަކާ ގުޅިގެން ހިންގި ޖޮއިންޓް އިންވެސްޓިގޭޝަންތަކުން ދަޢުވާ ކުރުމަށް ފޮނުވި 4 މައްސަލައެއްވެސް ހިމެނޭކަމަށް ރިޕޯޓުގައިވެއެވެ. މިދިޔަ އަހަރު ދައުވާކުރުމަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ މައްސަލައެވެ. އަދި ތަޙުޤީޤާއި ދިރާސާ ކަރުދާސްތަކަށްފަހު އިދާރާތަކަށް އިޞްލާޙުކުރުމަށް 341 އެންގުމެއް ކޮމިޝަނުން ވަނީ އަންގާފައިވެއެވެ. އަދި ހަމައެހެންމެ، 29،158،155.91 (ނަވާވީސް މިލިއަން އެއްލައްކަ ފަންސާސް އަށްހާސް އެއްސަތޭކް ފަންސާސް ފަސް ރުފިޔާ ނުވަދިހަ އެއްލާރި) ދައުލަތަށް އަނބުރާ ހޯދުމަށްޓަކައި ކަމާބެހޭ އިދާރާތަކަށް އަންގާފައިވާނެކަމަށް އޭސީސީން ބުނެފައިވެއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމުގެ މަސައްކަތްތަކުގެ ދަށުން، 2020 ވަނަ އަހަރުގެ ތެރޭގައި، ހޭލުންތެރިކުރުމުގެ 41 ސެޝަނެއްގައި 1442 މީހަކަށް ކޮމިޝަނުން މަޢުލޫމާތު ދީފައިވާކަމަށް އޭސީސީން ބުނެފައިވެއެވެ. އަދި ރިސްކް އެސެސްމެންޓް/ހުދު ކަރުދާސް އަދި ގައިޑްލައިން ގެ މަސައްކަތްތަކުގެ ތެރެއިން 6 ކަރުދާހެއްގެ މަސައްކަތް ކޮމިޝަނުން ވަނީ ކޮށްފައެވެ. އަދި މީގެ ތެރެއިން 3 ކަރުދާހެއްވަނީ އަހަރުތެރޭގައި ޝާއިޢުކޮށްފައިވެއެވެ.

2020 ވަނަ އަހަރު އޭސީސީއަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، ކޮމިޝަނުން އިސްނަގައިގެން ބަލަން ކަނޑައެޅި 82 މައްސަލައަކާއި، ކޮމިޝަނުގައި ރަޖިސްޓްރީ ކުރި 856 މައްސަލައަކާއެކު، ޖުމްލަ 938 މައްސަލަ ކޮމިޝަނުގައި ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.