ހއ.ކެލާގައި 200 އެނދުގެ ހޮޓަލެއް ތަރައްޤީކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ފިޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ރަސްމީއްޔާތުގައި އެކުންފުންޏާއި މި މަސައްކަތް ހަވާލު ކޮށްފައިވަނީ، ޢަމަލީ މަސައްކަތް ފަށާތާ 30 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މިމަޝްރޫއާ ގުޅޭގޮތުން އެކުންފުނިން ބުނީ، އެއްބަސްވުމުގައި ސޮއިކުރެވިގެން ދިއުމާއެކު ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ލޭންޑް ސާވޭކުރުމާއި، ކުރެހުމާއި އީއައިއޭގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޕްރިލިމިނަރީ މަސައްކަތް ހައެއްކަ މަސްދުވަސް ތެރޭގައި ނިންމާ، ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެކުންފުނިން ބުނެއެވެ.
ފިޑޯ ޕްރައިވެޓް ލިމިޓެޑުން ބުނީ 30 މަސް ދުވަހުން ނިންމަން ހަވާލު ކުރި ހޮޓަލުގައި 200 އެނދު ހުންނާނެ ކަމަށެވެ. އަދި ލޭންޑް ސާވޭ އާއި އީއައިއޭ އަދި ޑީޓެއިލް ޑްރޯއިންގެ މަސައްކަތް ނިމުމަށްފަހު މަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން މި ސަރަހައްދުން 200 އެއްހާ ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް އުންމީދު ކުރާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ކެލާގައި ޓޫރިސްޓު ހޮޓަލެއް ޤާއިމު ކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ހުޅުވާލީ މިދިޔަ އަހަރު ފަހުކޮޅުއެވެ. އެގޮތުން 800،000 އަކަފޫޓުގެ ސަރަހައްދުގައި ހޮޓާ ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. ކެލާގެ 100 ކޮޓަރީގެ ހޮޓަލުގެ އިތުރުން، ފަތުރުވެރިކަމަށް އިތުރު 14 ބިމެއް ދޫކޮށް، މިދިޔަ މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ މިއަދު ބޭއްވި މި މަޝްރޫއު ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމުގެ އިތުރުން ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވެސް ބައިވެރި ވަޑައިގަތެވެ.
ކޮމެންޓު ފޮނުވާ