ރާއްޖޭގައި މިލިޓަރީ ބޭސްއެއްހަދާނަމަ އެކަން މަޖިލީހުން ނުބަލައި ދޫކޮށް ނުލާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އުތުރު ތިލަފަޅާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފްވާހަދައްކާ މީހުންނާއި، އަދި ފޭކް އެއްބަސްވުންތައް ލީކުރަމުންދާ މީހުންނާއިމެދު ޤާނޫނީ ފިޔަވަޅުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައިގެ ބަހުސްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްވަނީ ރާއްޖޭގައި ޤާއިމްކުރަން މަސައްކަތް ކުރަނީ މިލިޓަރީބޭސްއެއްކަން ޔަގީންވާކަމަށެވެ.
ޝިޔާމްގެ މިވާހަތަކާއ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ ރާއްޖޭގައި މިލިޓަރީބޭހެއް ހަދާނަމަ މަޖިލީހަށް އެކަން ނޭގި ނުކުރެވޭނެކަމަށެވެ. އަދި އެބަހުސް މަޖިލީހުގައި ކުރިއަށްދާނެކަމަށެވެ. ޤާނޫނު އަސާސީގައި މިލިޓަރީބޭސްތައް ހެދޭނެ ގޮތާއި، އޮންނަ ގޮތްވެސް ސާފުކޮށް ބަޔާންކޮށްފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ އުތުރު ތިލަފަޅުގައި ހަދަނީ މިލިޓަރީ ބޭސްއެއް ނޫންކަން ސާފުކޮށް ޔަގީންވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިލިޓަރީބޭސްތައް ދުނިޔޭގެ އެކި ޤައުމުތަކުގައި ހިންގަމުންދާކަމަށެވެ. އެގޮތުން އޭޝިއާގެ އެކި ޤައުމުތަކާއި، ޔޫރަޕްގެ ޤައުމުތަކުގައިވެސް މިލިޓަރީބޭސްތައް ޤާއިމްކޮށްފައިވާކަމަށެވެ. ނަމަވެސް ރާއްޖޭގައި އަދި އެއްވެސް ޤައުމަކުން މިލިޓަރީ ބޭހެއް ޤާއިމްކުރަން ނޫޅޭކަމަށެވެ.
މުހައްމަދު ރަޝީދު މަޖިލީހަށް މިއަދު ހުށަހަޅުއްވި މައްސަލާގައި ބުނެފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ނިމިދިޔަ ސަރުކާރުތަކުން މި އެއްބަސްވުން ހެދުމަށް މަސައްކަތްކޮށް 2016 ވަނަ އަހަރު އޭރު ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައިވާ ސަފީރާއިއެކު މި އެއްބަސްވުން ހަދާފައިވާކަމަށެވެ. އަދި މިހާރުގެ ސަރުކާރުން އޭރުގެ އެއްބަސް ވުމުގައި ހިމެނޭ ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާގޮތަށް ހުށަހެޅި ހުރިހާ މާއްދާތަކެއް އުނިކޮށް، ރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓޭގޮތަށް މި އެގްރީމަންޓަށް ބަދަލު ގެނެސް އިސްލާހު ކޮށްފައިވާކަމަށެވެ.
އަދި މިއަދު ފޭކު އެގްރީމަންޓް ހަދައި ސިފައިންގެ އަގުވައްޓާލަން ކުރާ މަސައްކަތަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް މުހައްމަދު ރަޝީދު ވިދާޅުވެފައިވެއެވެ. ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ޤައުމަކަށްވުމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި ސިފައިން ކުރައްވާ މަސައްކަތާއި ދެކޮޅަށް މަސައްކަތް ކުރައްވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ