އުތުރު ތިލަފަޅާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފްވާހަދައްކާ މީހުންނާއި، އަދި ފޭކް އެއްބަސްވުންތައް ލީކުރަމުންދާ މީހުންނާއިމެދު ޤާނޫނީ ފިޔަވަޅުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
އުތުރުތިލަފަޅާއި ގުޅޭ ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވީ ރައްޔިތުންގެ މަޖިލީގުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން އެވެ. ކުއްލި މައްސަލައެއް ބަލައި ގަތުމަށް ފާސްވީ 38 މެމްބަރުން ވޯޓުންނެވެ.
މުހައްމަދު ރަޝީދު ހުށަހަޅުއްވި މިމައްސަލާގައި ބުނެފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ނިމިދިޔަ ސަރުކާރުތަކުން މި އެއްބަސްވުން ހެދުމަށް މަސައްކަތްކޮށް 2016 ވަނަ އަހަރު އޭރުގެ ރާއްޖެއިން އިންޑިޔާއަށް ކަނޑައަޅުއްވާފައިވާ ސަފީރާއިއެކު މި އެއްބަސްވުން ހަދާފައިވާކަމަށެވެ. އަދި މިހާރުގެ ސަރުކާރުން އޭރުގެ އެއްބަސް ވުމުގައި ހިމެނޭ ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާގޮތަށް ހުށަހެޅި ހުރިހާ މާއްދާތަކެއް އުނިކޮށް، ރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓޭގޮތަށް މި އެގްރީމަންޓަށް ބަދަލު ގެނެސް އިސްލާހު ކޮށްފައިވާކަމަށެވެ.
އަދި މިއަދު ފޭކު އެގްރީމަންޓް ހަދައި ސިފައިންގެ އަގުވައްޓާލަން ކުރާ މަސައްކަތަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް މުހައްމަދު ރަޝީދު ވިދާޅުވެފައިވެއެވެ. ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ޤައުމަކަށްވުމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި ސިފައިން ކުރައްވާ މަސައްކަތާއި ދެކޮޅަށް މަސައްކަތް ކުރައްވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލާފައެވެ.
މިމައްސަލާގައި މަޖިލީހުގައި ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ މިއީ ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް އެޅިގެންދިޔަ ވަރަށް ބޮޑު ހަރަހެއްކަމަށެވެ. މިކަމުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާމީހުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ރުޅި އަންނާނެކަމަށެވެ. ނަމަވެސް މިއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުމުގައިވާ މައުލޫމާތު ކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވައި ޑިފެންސް މިނިސްޓްރީންވެސް ވަނީ އިއްޔެ ބަޔާނެއް ނެރެފައެވެ. ޑިފެން މިނިސްޓްރީން ވަނީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ދިވެހި ދައުލަތުގެ މަސްލަހަތާއި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާގުޅޭ މަޢުލޫމާތު ފެތުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކާ ދެމެދު އުފެދިފައިވާ ގުޅުންތައް ހީނަރުވެ، ދިވެހި ރައްޔިތުންގެ މަސްލަހަތުތައް ގެއްލި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ހަޤީޤަތާ ޚިލާފު ދޮގު ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ޑިފެންސް މިނިސްޓްރީންވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ކޮމެންޓު ފޮނުވާ